ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު ކަތިލުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާފަންނު ރައްޔިތުންނާއެކު ރޭ ތާޖުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް އިޝާރާތް ކުރައްވަމުންނެވެ.
ރައީސް ވިދާޅުވީ، މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީ ހުރިހާ ވާހަކަތަކެއް ހިއްސާކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ކަމަށާއި، ޚިޔާލު ތަފާތު މީހަކު އެއްޗެއް ބުނެފާނެ ކަމަށް ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.
އަދި އެފަދަ ކަންކަމަށް މަރުހަބާ ވިދާޅުވާކަން ފާހަގަކުރައްވައި ރައީސް ވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ހިއްސާކުރަމުން ގެންދިއުމަށް އެދިވަޑައިގެންފައެވެ.
އެންމެންނަކީވެސް އެމަނިކުފާނުގެ އަރިހުގައި ހަމަހަމަ ރައްޔިތުން ކަމަށާއި، ކޮންމެ މީހަކާމެދުވެސް ސަރުކާރުން އަމަލުކުރާނީ އަދުލުވެރިކަމާއި ހަމަހަމަކަމާއެކުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ޚަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ހަގީގަތް ގެނެސްދެވެންޖެހޭނެ ކަމަށެވެ.
އެގޮތުން އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިޢުތިރާފުވެވޭ ހިސާބުން، އެ ބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަމަށާއި، އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިން ބޭނުންވާ ކަންކަން ހިއްސާކޮށް، ޚިޔާލު ފާޅުކުރުމަށް ސަރުކާރުން އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެހެން ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފުވާފަދަ މޭރުމަކުން އެ ކަންކަން ކުރުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.
ކޮންމެ މީހެއްގެވެސް އަބުރަކީ ރައްކާތެރިކުރެވިގެންވާ އެއްޗެއް ކަމަށާއި، އެއީ އިލާހީ ގާނޫނަށް ވާއިރު، އެއާ ޚިލާފުވުމުގެ ފުރުސަތު، ކޮންމެ ލޭބަލެއްގައި އައިނަމަވެސް ސަރުކާރުން ނުދޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެއްވެސް ސިޔާސީ ވިސްނުމެއް ނެތި، ދެ ފަރާތް ހަމަހަމަވާގޮތަށް ތެދުބަހުން ގެނެސްދެވޭ ކޮންމެ ޚަބަރަކަށް މި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށާއި، އެފަދައިން ކުރާ ނޫސްވެރިކަމަށް އެއްވެސް ހުރަހެއް ނޯންނާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
![]()
