ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު ސްރީލަންކާއަށް ކުރިމަތިވި ބާރުގަދަ ތޫފާން ޑިޓުވާ ގެ ސަބަބުން ބޮޑެތި ސަރަހައްދުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވާއިރު، ހާލުގައި ޖެހުނު މީހުން ނަށް އެހީވުމުގެ ރޫހެއް އެގައުމުގައި ފެތުރިފައިވާކަމަށް ޚަބަރުލިބެއެވެ.
މިގޮތުން ތޫފާނުގެ އަސަރު ނުކުރާ ހިސާބުތަކުން އެތައް ހާސް މީހުން އެހީގެ މަރުކަޒުތަކަށް ޖަމާވެ އެހީގެ މަސައްކަތުގައި ވޮލަންޓިއަރ ކުރަމުން ދާއިރު ތަކެތި ފޮނުވުމުގެ ރޫހެއްވެސް ފެށިފައިވާ ކަމަށް ވެއެވެ. އެހީވާން ނިކުމެފައިވާ މީހުންގެ ތެރޭގައި ސްރީލަންކާގެ އެކިއެކި މަޝްހޫރު ފަރާތްތައްވެސް ހިމެނެއެވެ. މަޝްހޫރު އެކްޓަރ އަދި މިއުޒީޝަން ރެގިނޯލްޑް ވަނީ އިންޖީނުލީ ކުޑަ ބޮއްކުރައެއްގައި އެންމެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ދަތުރުކޮށް ކާއެއްޗިއްސާއި ފެން ބަހާފައެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތައް ބޮޑުކަމުން އެހީއެއްނުލިބި އެތައް ދުވަހެއް ވެފައިވާ މީހުން އަދިވެސް އެބަތިބިކަން އޭނާ ފާހަގަ ކޮށްފައިވެއެވެ. ރެގިނޯލްޑް ބުނި ގޮތުގައި އޭނާ އެމަސައްކަތަށް ނިކުތީ އެފަދަ މީހުންނަށް މަދުވެގެން އެއްއިރުގެ ކެއުން ނަމަވެސް ދެވޭތޯ ބެލުމަށެވެ.
މިހާތަނަށް ހާމަވެފައިވާ ގޮތުގައި ތޫފާނުގައި 460 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ މީހުންނަށް ވީނުވީ އަދިވެސް ނޭގޭއިރު 30ހާހެއްހާ ގެޔަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ތޫފާން ޑިޓުވާގެ ސަބަބުން އެއްމިލިއަނަށްވުރެގިނަމީހުންގެ ދިރިއުޅުމަށް އަސަރުކޮށްފައިވާއިރު އެގައުމުގެ ސަރުކާރުން ވަނީ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށް ބޭރު ގައުމުތަކުގެ އެހީއަށްވެސް ގޮވާލާފައެވެ. މިގޮވާލުމާއި އެކު ދިވެހިރާއްޖެ، އިންޑިޔާ އަދި ޕާކިސްތާންފަދަ ހެޔޮއެދޭ އަވަށްޓެރި ގައުމުތަކުން އެހީގެ ތަކެއްޗާއި ފައިސާ ފޮނުވަމުންދާއިރު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ވަކި ފަރުދުންވެސް ދަނީ ޒަރޫރީ ތަކެތި ފޮނުވަމުންނެވެ.މިގޮތުން އެއްކުރާ ތަކެތީގެ ތެރޭގައި އަންނައުނާ ބެޑްޝީޓް އަދި ޓޮއިލެޓްރީސް ފަދަ ތަކެތި ހިމެނެއެވެ.
ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުންވެސް ދަނީ ސްރީލަންކާއަށް ފޮނުވުމަށްޓަކާ މިފަދަ ތަކެތި ޖަމާކުރަމުންނެވެ.
![]()
