ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައިވާ ގުދްރަތީ ކާރިސާ އަކީ އެގައުމުގެ މުޅި ތާރީޚްގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާ ކަމުގައި އެގައުމުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވެއްޖެއެވެ.
ރައިސް އަނުރާ ވިދާޅުވީ މިކަމުން އަރައިގަތުމަށްޓަކާ ހުރިހާ ޔުޓިލިޓީ ކުންފުނިތަކާ ސަރުކާރުގެ އިސް އިދާރާތައް ގުޅިގެން ބާރަށް މަސައްކަތް ކުރަމުންދާކަމަށާ ވަރަށް ކުޑަމުއްދަތެއްގެތެރޭގައި މިކަމުން އަރައިގަތުމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. ރައީސް ޑިސަނާޔަކަ ވިދާޅުވީ ލިބިފައިވާ ގެއްލުން ބޮޑުކަމުން އަލުން އާރާސްތު ކުރުމަށް ހިނގާނެ ޚަރަދު މިވަގުތު އަންދާޒާ ކޮށްލަންވެސް ދަތިކަމަށާ، މިވަގުތު އިސްކަން ދެމުންދަނީ މީހުން މަރުން ސަލާމަތް ކުރުމަށާ ކާބޯތަކެއްޗާފެން ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަށް ކަމުގައެވެ.
ތޫފާން ޑިޓުވާ ގެ ސަބަބުން ކުރިމަތިވި ވީރާނާ ހާލަތުގެ ސަބަބުން މަރުވިކަން މިހާތަނަށް ޔަގީން ކުރެވިފައިވާ މީހުންގެ އަދަދު ވަނީ 355 އަށް އަރާފައެވެ. އަދި ގެއްލިފައިވާ މީހުންގެ އަދަދުވަނީ 360އަށް އަރާފައެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ސަރުކާރުން ވަނީ 15 ސަތޭކަ އަށް ވުރެގިނަ އެހީގެ މަރުކަޒުތައް ގާއިމް ކޮށްފައެވެ.
ތޫފާން ޑިޓުވާ ގެ ސަބަބުން ބޯކޮށް ވާރޭވެހި ކޯރުތައް ފުރިބަންޑުން ދިއުމުގެ ސަބަބުން ވެރިރަށް ކޮލޮމްބޯގެ ސަބާބަން އޭރިޔާ ކިޔާ ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. މިއާއެކު ކިސަޑުހެދި ބިންގަނޑު ކަނޑައިގެންގޮސް އެތައްހާސް ގެދޮރާ އެހެން އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ.
އޮފިޝަލުން މައުލޫމާތުދީފައިވާ ގޮތުގައި މިކާރިސާއާއި ގުޅިގެން މުޅިގައުމުގެ ތިންބައިކުޅައެއްބައިން ވަނީ ކަރަންޓް ކެނޑިފައެވެ.އަދި ވަނީ ސާފުފެނުން މަހްރޫމްވެފައެވެ.
އަދިވެސް މޫސުން ރަގަޅުނުވާކަމަށާ ކެލާނީ ކޯރުގެ ފެންގަނޑު އަދިވެސް އުފުލެމުންދާކަމަށް ޚަބަރުތައްބުނެއެވެ. ގިނަހިސާބުތަކެއްގައި ވިއްސަކަށް ފޫޓަށް ވުރެ މައްޗަށް ފެންގަޑު ބޮޑުވެފައިވާއިރު ފުރާޅުތަކާއި އެހެންވެސް އުސްތަންތަނަށް އަރާތިބި މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ދަނީ އަދިވެސް ކުރަމުންނެވެ.
ސްރިލަންކާއަށް ކުރިމަތިވި މިނުރައްކާތެރި ކާރިސާއާއި ގުޅިގެން ސަރުކާރުން ވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައެވެ. އަދި ބައިނަލް އަގްވާމީ އެހީތެރިކަމަށް އެދި ވަނީ ސަރުކާރުން ގޮވާލާފައެވެ.
މިކަމަށް ގޮވާލުމުން އެންމެ ފުރަތަމަ އެހީތެރިކަން އިއުލާން ކޮށްފައިވަނީ ދިވެހިރާއްޖެއިންނެވެ. ސަރުކާރުން ދޭއެހީއެއްގެ ގޮތުގައި 50ހާސްޑޮލަރުގެ އިތުރުން 25 ހާސް މަސްދަޅުކޭސް ދޭކަންވަނީ އިއުލާން ކޮށްފައެވެ.
![]()
