އީރާނުގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރި ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ އަލީ ލަރްޖާނީ ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހޯމަދުވަހުގެރޭ ޕާކިސްތާނަށް ވަޑައިގެންނެވި ޚަބަރު ޕާކިސްތާނުގެ މީޑިއާއިން ގެނެސްދީފިއެވެ.
ޕާކިސްތާނާނުން އީރާނާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް ސައީދު އާސިމް މުނީރު ގޮވާލައވައިފިއެވެ.
ސަރަހައްދުގައި ފެތުރެމުންދާ ޓެރަރިސްޓް ހަރަކާތްތައް ނިމުމަކަށްގެނެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އީރާނާއެކު އިތުރަށް ގުޅުން ބަދަހި ކުރަންޖެހޭ ކަމަށް ރާވަލްޕިންޑީގައި ހުންނަ ޖެނެރަލް ހެޑްކުއާރޓަރގައި އީރާނުގެ ސެކްރެޓަރީ އޮފް ސުޕްރީމް ސެކިއުރިޓީ ކައުންސިލް ޑޮކްޓަރ އަލީ ލަރްޖާނީއާއެކު ބޭއްވި ބައްދަލު ކުރެއްވުމެއްގައި ފީލްޑް މާޝަލް ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުން ބޭއްވިފައިވަނީވެސް ސަރަހައްދީ ސަލާމަތާބެހޭގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ މަގުތައް ދެނެގަތުމަށްޓަކައެވެ. ސަރަހައްދުގައި އިތުރުވަމުންދާ ޓެރަރިޒަމްގެ ހަރަކާތްތައް ނެތިކޮށްލުމުގައި ޕާކިސްތާނާއި އީރާން ގުޅިގެން ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް ފީލްޑް މާޝަލްގެ ވާހަކަފުޅުގައި ބާރުއަޅުއްވާފައި ވެއެވެ. އަދި އެ ވާހަކަފުޅާގުޅިގެން ޕާކިސްތާނަށް މިވަގުތު ދިމާވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރިކަން ވިސްނި ވަޑައިގަންނަވާ ކަމަށާއި މި ހާލަތުން އަރައިގަތުމަށް ޕާކިސްތާނާއެކު އީރާނުން ދެމިއޮންނާނެކަމަށް ޑޮކްޓަރ އަލީ ލަރްޖާނީ ޔަގީންކަން ދެއްވިއެވެ. އަދި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ދެ ގައުމް އެކަގައި މަސައްކަތް ކުރުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލެއްވިއެވެ.
ދެ ބޭފުޅުންގެ ބައްދަލުވެ ވަޑައިގެންނެވުމުގެ ކުރިން ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ސެނެޓަރ މުހަންމަދު އިސްޙާގް ޑަރް އާއެކު ޑޮކްޓަރ އަލީ ލަރްޖާނީ ބޭއްވެވި ބައްދަލު ކުރެއްވުމުގައި ދެ ގައުމަށް ފައިދާކުރަނިވި ގިނަ އެއްބަސްވުންތަކެއް ވަނީ ގާއިމް ކުރައްވާފައެވެ.
![]()
