ސްރީލަންކާ އަށް ވަރަށް ބޯކޮން ވާރޭވެހި ގިނަ ހިސާބުތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ދިމާވި ހާދިސާތަކުގައި 56 މީހުން މަރުވެއްޖެއެވެ. ނިމުނު ހަފްތާގައި އެގައުމަށް މޫސުން ވަރަށް ގޯސްވެފައިވާއިރު،ފަރުބަދަމަތީގެ ހިސަބުތަކުގައި ބޮޑުވިފެންގަނޑު ކިސަޑާއެކު ދެމިގެންގޮސްފައިވާއިރު މީހުންގެ ގެދޮރާއި ފިހާރަތަކަށްވެސް ބޮޑެތި ގެއްލުން ވެފައިވެއެވެ.
މިފަހަރުގެ މޫސުމީ ކާރިސާއަކީ ފަހުގެ އަހަރުތަކުގައި ކުރިމަތިވި އެންމެ ގެއްލުންދެނިވި ކާރިސާކަމަށް ހަބަރުލިބެއެވެ.
56މީހުން މަރުވިކަން ޔަގީންވެފައިވާއިރު 21 މީހުން ވަނީ ވީނުވީއެއްނޭނގި ގެއްލިފައެވެ. އެންމެ ގިނަމީހުން މަރުވެފައިވަނީ ފަރުބަދަމަތީގެ ޑިސްޓްރިކްޓެއް ކަމަށްވާ ބަޑުއްލާ އިންނެވެ.މިތަނަކީ އެންމެ ގިނަ ސައިފަތް ދަނޑުތައްވެސް އޮންނަ ސަރަހައްދެވެ. ޑިޒާސްޓަރ މެނޭޖްމަންޓުން ހާމަ ކުރިގޮތުގައި ބަޑުއްލާ އިން ގިނަ މީހުން މަރުވެފައިވަނީ އެމީހުންގެ ގެތަކުގެ މައްޗަށް ކިސަޑު ގަނޑު ފައިބައިގެން ދިއުމުގެ ސަބަބުންނެވެ.ސޯޝަލް މީޑިޔާގެ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ބައެއް ގެތައް ހުރިގޮތަށް،ދެމެމުންއައި ފެނުގެ ސައިލުގައި ޖެހި،އޮޔާ ދަމައިގެންފައިވެއެވެ.
ސްރީލަންކާއަށް މޫސުން ގޯސްވެ ފެން ބޮޑުވުމުގެ ސަބަބުން މަގުތަކުން ދަތުރު ނުކުރެވޭނެވަރުވަނީ ވެފައެވެ.މީގެ އިތުރުން ރޭލު ސިސްޓަމްވެސް ރައްކާތެރިނޫންކަމަށްބަލާ ރޭލުދަތުރުތައްވެސް ވަނީ މެދުކަނޑާލާފައެވެ.
ހަފްތާއެއްހާދުވަހު މޫސުންގޯވެ ބޯކޮށް ވާރޭ ވެހިފައިވާތީ ކޯރުތަކުގެ ފެންގަނޑުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އަދި ކޯރުތައް ބަންޑުންދާނެކަމަށް ބަލާ އެހިސާބުގައި އުޅޭމީހުން އުސް ހިސާބުތަކަށް ދިއުމަށް ދަނީ އަންގަމުންނެވެ.ކުރަމުންދާ ވިއްސާރައިގެ އަސަރު 44ހާސް މީހުންނަށް ކޮށްފައިވާއިރު، އެހީގެ މަސައްކަތަށް 20،500 ސިފައިން ނެރެފައިވާކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އޭލެވެލް ހަދަމުންދިޔަ ކުދިންގެ އިމްތިހާނުވެސް ވަނީ ފަސްކޮށްފައެވެ.
ސްރީލަންކާ އަށް ހުކުރުދުވަހުވެސް ތޫފާނެއް އަރާނެކަމަށް މޫސުމާބެހޭ އިދާރާއިން އަންދާޒާ ކޮށްފައިވާތީ އެކަމަށްވާންޖެހޭ ތައްޔާރީތައް ވީވަރަކުން ވަމުންދާކަމަށް ޚަބަރުލިބެއެވެ.
ހުކުރުދުވަހު ވެސް މެދުތެރޭގެ އަދި އުތުރުގެ ހިސާބުތަކަށް 200މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވަނީ ފޯކާސްޓް ކޮށްފައެވެ.
ސްރީލަންކާއަށް އެންމެފަހުން މިހާބޮޑަށް މޫސުން ގޯސްވެފައިވަނީ 2003 ވަނައަހަރުއެވެ.އެފަހަރު 254 މީހުން މަރުވެ އެތައްހާސްބަޔެއްގެ ގެދޮރު ގެއްލިފައިވެއެވެ.
![]()
