ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމުގައި ރައްޔިތުން ވިސްނަންޖެހޭ ބައެއް ޝަރުތުތައް

Loading

Facebook
Twitter
WhatsApp

https://sandhaanu.today/63872/ އާއި ގުޅޭ ……
ދިވެހިރާއްޖޭގެ ތާރީޚު ފެށުނުއިރުވެސް މިގައުމުގައި ރަސްކަލަކު ތިއްބެވިއެވެ. އެކަމަކު އެ ރަސްގެފާނު ރަސްކަމަށް އިސްކުރެވުނު ގޮތެއް މުއުތަބަރު ގޮތެއްގައި ތާރީޚުން އެނގޭކަށްނެތެވެ.

އުފަންވުމުގައިވެސް ރަސްކަލަކަށް ވެފާއޮތުން އެކަށީގެންވެއެވެ. އެއަށްފަހު އެކިއެކި ދަރިފަސްކޮޅުން ރަސްކަމުގެ ސިލްސިލާއެއް ދެމިގެން އައިސްފައިވާކަން ތާރީޚުން އެނގެއެވެ. އެއް އާއިލާގެ ރަސްކަން އެހެން އާއިލާއަކުން ދަމައިގަތުމަށްޓަކައިވެސް ތަފާތު އުކުޅުތައް ހުރީ ބޭނުންކޮށްފައެވެ. މިކަހަލަ ދުވަސްތަކަކަށް ފަހު ގާނޫނު އަސާސީއެއް އެކުލަވާލެވި ދިވެހިރާއްޖޭގެ ވެރިކަން ޖުމްހޫރިއްތަކަށް ބަދަލުކުރަން މަޖިލީހުގެ ތެރެއިން ނިންމެވިއެވެ.
މަޖިލީހަކީ ރައްޔިތުންގެ ފަރާތުން ބަސްބުނަން އިޚްތިޔާރުކޮށްފައި ތިއްބެވި ބޭފުޅުންނެވެ. އެ ބޭފުޅުން ނިންމެވީމާ، ދެން ރައްޔިތުން ދޭކޭގޮތް ހޯދަންޖެހޭނެ ކަމަށް އޭރުގެ ސަރުކާރުން ގަބޫލެއް ނުކުރެއެވެ.
ކޮންމެއަކަސް އެ ޖުމްހޫރިއްޔަތެއް އައީ 2 ވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރުގެ ހިތި ތަޖްރިބާތަކުގެ ތެރޭގައެވެ. ރައްޔިތުން އަތުގައި ކެއިންބުއިމުގެ މިންވަރެއްވެސް ނެތެވެ. މެދުރާއްޖެތެރޭގައި މަގޫފަތް ހިތިފިލުވައިގެން ކެއުމަށް ބޭނުންކުރަންޖެހުނު ކަމުގައި ވެއެވެ.
ޖުމްހޫރިއްޔަތުގެ ވެރިކަން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ހިނގައްޖެއެވެ. އަނެއްކާވެސް ރަސްކަމެއް ގެނެވުނީއެވެ. ކުރިން ތަޖްރިބާ ކުރަމުން ގެންދިޔަ ވިރާސީ ރަސްކަން ދޭތެރެއަކުން މަޖިލީހުގެތެރެއިން އިންތިޚާބު ކުރެވުނު ރަސްކަމަކަށްވެސް ބަދަލުވެގެން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް އަނެއްކާވެސް ޖުމްހޫރިޔަތެއް ގެނައުމަށް މަޖިލީހުން ފާސްކޮށްފިއެވެ. އެކަމަކު މިފަހަރު ރަހަތަފާތު ކޮށްލުމަކާ އެކުގައެވެ. ރައްޔިތުން ދެކޭގޮތެއް ބަލަން ވޯޓުނަގަން ޖެހުނު ކަމަށްވެއެވެ. ވޯޓުގައި އަނެއްކާވެސް މަގޫފަތް ކާންޖެހިދާނެކަމުގެ ބިރާއެކުވެސް %81 ވުރެން މަތީ އަޣްލަބިއްޔަތަކުން ޖުމްހޫރީ ވެރިކަމަކަށް ރައްޔިތުން ރުހުންދިން ކަމަށްވެއެވެ.
ރާއްޖެތެރޭގެ އާންމު ރައްޔިތުންގެ ހޭލުންތެރިކަން ހުރިމިންވަރުން ވެރިކަމުގެ ނިޒާމުގައި މަގޫފަތް ކާންޖެހުނަސް ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނުވާފާނެ ނިޒާމެއް ކަމަށް ގަބޫލު ކުރިއެވެ.
ދެވަނަ ޖުމްހޫރިއްޔާ ފެށިގެން އައުމާއެކު ދިވެހިރާއްޖޭގައި އިގްތިސާދުގެ އިތުރު ލޭނާރެއް އުފަންވެގެން ދިޔަތަން ފެނުނެވެ. އޭގެ ކުރިން ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަލަ ލޭނަރަކީ މަސްވެރިކަމެވެ. މަސްވެރިކަން ތަރައްގީކުރެވި ވައިނުޖެހޭ މޫސުމުގައިވެސް މަސްވެރިކަން ކުރުމަށް މަގުފަހިކޮށްދީ މަސްވެރި އުޅަނދު ފަހަރުގައި އިންޖީނު އަޅަން ފަށައިގަނެވިއްޖެއެވެ. އަލަށް އުފަންވި ލޭނާރަކީ ރާއްޖޭން ބޭރަށް ދަތުރުކުރާ ޝިޕިންގ ލައިނެކެވެ. މަދު އަހަރު ތަކެއްގެ ތެރޭގައި އާބާދީގެ ނިސްބަތުން އޭޝިއާގެ އެންމެ ބޮޑު ޝިޕިންގ ލިއިންގެ ފަޚްރުވެރި މަގާމު ޙާސިލު ކުރެވިއްޖެއެވެ. އޭގެ މަދު އަހަރުތަކެއްފަހުން މިހާރުގެ ރަންބިސް އަޅާ ކުކުޅު ޓްއަރިޒަމް ތައާރުފް ކުރެވިއްޖެއެވެ. ހުޅުލޭގައި އެއާރޕޯރޓެއް ބިނާކުރެވިއްޖެވެސް މެއެވެ.
މިގޮތުގައި މަޑުމަޑުން ގައުމު ކުރިއަށް ދާކަމުގެ ހެކިތައްފެނި މަގޫފަތް ކެއުމުން ސަލާމަތް ވެވިގެން ހިނގައްޖެއެވެ. ދިވެހިރާއްޖޭގައި އުފަންކުރެވުނު މި ސިނާއަތު ތަކަކީ ފުރުސަތު ލިބިއްޖެނަމަ ދިވެހިންގެ ކެރުމާއި ހުނަރުވެރިކަން ސާބިތުކޮށްދޭ ހެކިތަކެއް ކަމުގައި ގަބޫލު ކުރަންޖެހޭނެއެވެ. ދިވެހިރާއްޖޭގައި ބޭރުގެ ފައިސާ ގަންނާނެ މީހަކުވޭތޯ ނޫސްތަކުގައި ޢިއުލާންކުރި ދުވަސްތައް އޭރު ފެނިގެންދިޔައެވެ.
ދިވެހިންގެ 2 ވަނަ ޖުމަހޫރިއްޔާއަށް ސާޅީހަކަށް އަހަރު ފުރެން ކައިރިވެފާއި ވަނިކޮށް ރާއްޖޭގައި ވެރިކަން ކުރެވެމުންދާ ޖުމްހޫރިއްޔަތު ފުރިހަމަ ކުރުމަށްޓަކައި ޑިމޮކްރެސީ އިތުރުކުރަންޖެހޭ ކަމަށް މަހުޖަނުންގެ ތެރޭން ހޮވާލެވިފައިތިބި ބަޔަކާއި ވެރިކަމަށް ދަހިވެތިވެ ފާރަލަމުން ގެންދިޔަބަޔަކު ސަރުކާރަށް ޕްރެޝަރ ކުރަން ފަށައިފިއެވެ.
އެކަމުގައި ގައުމުގެ އަމާންކަން ގެއްލިގެން ދާވަރު ވެގެންދިޔައެވެ. އެބައިމީހުން ބޭނުންވާ ގޮތަށް ގާނު އަސާސީއެއް ފަރުމާކުރުމަށް މަޖިލީހުގެ ރައީސަކަށް އެބައިމީހުންގެ ބާރުހިނގާ ބޭފުޅަކު ބައިންދައިގެން ގާނުނު އަސަސީ އަވަސްއަރުވާލައިގެން ފާސްކޮށް ނިންމާލިއެވެ. މިފަހަރު ވެރިކަމުގެ ނިޒާމަށް އަލަށް ވައްދަން ބޭނުންވި ޑިމޮކްރެސީއަށް ރައްޔިތުން ރުހުންހޯދޭކަށް ބޭނުމެއް ނުވިއެވެ. ރައްޔިތުން ގާތަށް ދިޔައީ ހަމައެކަނި ސަރުކާރު ހިންގާނީ ރައީސްކުތޯ ނުވަތަ ބޮޑުވަޒީރަކުތޯ އެހުމަށެވެ.
ފާއިތުވެގެން މިދާ ވިއްސަކަށް އަހަރު އަޅުގަނޑުމެންގެ ގައުމު ދެކެމުން މިދަނީ ޖުމްހޫރިއްޔަތަކަށް ޑިމޮކްރެސީ އިތުރުކުރުމުގެ ނަތީޖާއެވެ. ވެރިކަމުގެ އިލްމުގައި ފުންނާބު އުސްބޭފުޅުން ދެއްވި މިސާލުތަކުގެ ތެރެއިން ޑިމޮކްރެސީގެ ވެރިކަން ވަރަށް ފުރިހަމައަށް ތަންފީޒު ކުރެވެމުން ދާތަން އެބަ ފެނެއެވެ. ގައުމު ދަރަނިވެރިވުމުގެ އަޅުވެތި ކަމުން މިންޖުނުވާ ހިސާބަށް ހިނގައްޖެއެވެ. އާންމު ވިޔަފާރިވެރިން ސަރުކާރު ދެމެހެއްޓުމަށް ކުރަންޖެހޭ ޚަރަދުތަކަށް ތަފާތު ނަންކިޔާ ޓެކްސްތައް ދައްކަމުންގޮސް ބަނގުރޫޓު ވެގެންދަނީއެވެ. ތަރައްގީގެ ނަމުގައި ދަރަނިނަގައިގެން އިފްތިތާހު ކުރެވޭ މަޝްރޫއުތައް ދައުލަތުގެ ކުންފުނިތަކަށް ދައުލަތަށް، ޖުމްލަކޮށް ރައްޔަތުންނަށް އެންމެ ފައިދާހުރި ޢަދުލުވެރި ގޮތަށް ހިންގަވަން ޙަވާލުވެއޮތް ސަރުކާރުން ރުހޭ ބަޔަކަށް ދިނުމަށް ގާނޫނީ ހުއްޖަތުވެސް މިއޮތީ ކަށަވަރު ކޮށްފައެވެ.
މިހާރުދެން، ތަރައްގީއަކީ ނަމާއި ގުޅިފައިއޮތް އެއްޗެއް ނޫންކަން ދެނެގަންނަން ވެއްޖެއެވެ. އަވަށްޓެރި ސިންގަޕޯރުން މިސާލު ލިބި ގަންނާށެވެ. ސިންގަޕޯރަކީ ޑިމޮކްރެސި އެއްތޯ ސުވާލު ނުކުރާށެވެ. ދުނިޔޭގެ އިގްތިސާދުގައި އެ ގައުމުގެ މަގާމާއި ރައްޔިތުންގެ ފުދުންތެރި ކަމަށް ބަލާށެވެ. ލޮކޭޝަންގޮތުން ދިވެހިރާއްޖެ އޮތީ ހުރިހާގޮތަކުން އެއްވަނައިގައެވެ. އެހެނަސް މިއޮތީ ބިކަޙާލުގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް