ފާއިތުވި ތިންސަތޭކަ އަހަރުތެރޭވެސް ނުވެހޭ ވަރަށް ތައިލަންޑްގެ ބައެއް ހިސާބު ތަކަށް ވާރޭވެހި ބޮޑު ހިސާބުތަކެއްގައި ފެންބޮޑުވެ، ކުރިމަތިވި އެކި ހާދިސާތަކުގައި 33 މީހުން މަރުވެއްޖެއެވެ. ރަށުތެރޭގެ ހާލަތު ގޯސްވެފައިވާ ވަރުން ސަރުކާރުންވަނީ އެހީގެ މަސައްކަތަށް ސަޕޯޓް ދިނުމަށް ގިނައަދަދެއްގެ ސިފައިންގެ އިތުރުން މިލިޓަރީ މަނަވަރުތަކާއި ހެލިކޮޕްޓަރުތައްވެސް ނެރެފައެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހުގެތެރޭގައިވެސް ތައިލަންދަށް މޫސުން ގޯސްވެފައިވާއިރު ދެކުނުގެ ދިހަވަރަކަށް ޕްރޮވިންސަށް ފެނުގެ އސަރު ވަރަށް ބޮޑަށް ކޮށްފައި ވެއެވެ. އަދި މެލޭޝިޔާ އާއި އިންވެގެން އޮންނަ އެއްސިޓީ އަށް އެއްދުވަސްމަތިން 335 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށް ޚަބަރުލިބެއެވެ.މިއީ ފާއިތުވި 300 އަހަރުގެ ތެރޭވެސް އެހިސާބަށް ވާރޭ ނުވެހޭ މިންވަރެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލްތައް ފެނުއަޑީގައިވާއިރު ގެތަކުގެ ފުރަތަމަ ފަންގިފިލާޔާ ހަމަޔަށް ވަނީ ފެންބޮޑުވެފައެވެ. އަދި ގިނަބަޔަކު އެހީތެރިކަމަށް އެދި ގޮވަމުން ވަނީ ފުރާޅުތަކުގެ މައްޗަށް ޖަމާވެފައެވެ.
ތައިލަންޑްގައި ފެންބޮޑުވުމުގެ ސަބަބުން 2 މިލިއަނެއްހާ މީހުންގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފައެވެ. މީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި އަދި ގެންދެވިފައިވަނީ 13ހާހެއްހާ މީހުން ކަމަށް ވެއެވެ.
ތައިލަންޑްގެ އަސްކަރިއްޔާއިން ފަށާފައިވާ އެހީގެ މަސައްކަތުގެތެރޭން ވަގުތީ ބަދިގެތައް ތައްޔާރުކޮށް ހާލުގައި ޖެހިފައިވާ މީހުންނަށް ދުވާލަކު ތިންހާހެއްހާ ކެއުން ބެހުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައި ކަމަށް ވެއެވެ.އަދި ސިއްހީ ފަރުވާ ބޭނުންވާ މީހުންނަށް ފަރުވާ ދިނުމަށްޓަކާ މެޑިކަލް ޓީމްތައް ހަރަކާތްތެރިވެ ފްލޯޓިންގ ހޮސްޕިޓަލް ތައްވެސް ވަނީ ތައްޔާރުކޮށްފައި ކަމަށް ވެއެވެ.
އަވަށްޓެރި ވިއެޓްނާމް އަދި މެލޭޝިޔާއަށްވެސް މިދުވަސްކޮޅު އަންނަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުންނެވެ. ފެންބޮޑުވުމުގެ ސަބަބުން ވިއެޓްނާމް ގައި 98 މީހުން މަރުވެފައިވެއެވެ.
![]()
