މީޑިއާ އުފަން ވިޔަނުދީ ބަނޑަށް މަރާލަނީ

Loading

November 25, 2025
profile
Facebook
Twitter
WhatsApp


މޫސާގެފާނު އުފަން ވިޔަ ނުދިނުމަށްޓާކާ މިސްރުގެ އަންހެނަކު ފިރިހެން ކުއްޖަކަށް ބަލިވެ އިންކަން ފިރުޢާއުނަށް އެނގިއްޖެނަމަ އެކުއްޖަކު ވިހެއުމާއެކު މަރާލައެވެ.


މޫސާގެ ފާނަށް ފިރުޢައުނު ބިރުގަތް ފަދައިން މިސަރުކާރު މީޑިއާއަށް ބިރުން މީޑިއާ އުފަން ވިޔަނުދޭން މަސައްކަތް ކުރެއެވެ. މީޑިއާ އުފަން ކުރުން މިހިނދުވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. މީޑިއާ ރަޖިސްޓްރީ ކޮށްދޭނެ އިދާރާއެއް މި ސަރުކާރުގެ މެންޑޭޓަކު ނެތެވެ.

މީޑިއާ ކޮންޓްރޯލް ކުރުމަށްޓަކާ ގާނޫނުއަސާސީގެ ރޫހާއި ޚިލާފަށް މި ސަރުކާރުން ވަނީ މީޑިއާތައް ސަރުކާރުގެ މެންޑޭޓުން ބޭރުކޮށްލާފައެވެ. އުފެދިފައިވާ މީޑިއާތަކުގެ ތެރެއިން ޕީ.އެސް.އެމް. އާއި މުޢިއްޒު ޓީވީ ނޫންއެހެން ހުރިހާ މީޑިޔާތަކަށް ސަރުކާރުގެ ބާރާއި ނުފޫޒު ފޯރުވުމަށްޓަކާ ފާސްކުރި އަނިޔާވެރި ބިލް ﷲ ގެ ތަނަވަސް ރަޙުމަތުން އެވަނީ ޢަމަލް ނުކުރެވޭނޭ ގޮތް މެދުވެރި ކުރައްވާފައެވެ.
އިންސާނާއަކީ ﷲ ގެ ބާރުގެ ދަށުގައި އެއިލާހު ލައްވާފައިވާ މަޚުލޫގެކެވެ. އެހެން ކަމުން ތަގުދީރީ އިރާދައިގައި ކަންޑެއެޅި ފައިނުވާ ބާރެއް ހޯދައެއް ނުގަނެވޭނެއެވެ. ރާއްޖޭގެ ރައްޔިތުންނަށް ދުލާއި ގަލަމުގެ މިނިވަން ކަން ލިބުނީއްސުރެ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފުވާ ވެރިންގެ ކަޅި އަމާޒު ވެގެން ދަނީ މީޑިއާއި ދިމާއަށެވެ.
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ދުލާއި ގަލަމުގެ މިނިވަންކަން ރައްޔިތުން ހޯދާފައިވަނީ ދުނިޔޭގެ ހަމަތަކާއި އުޞޫލުތަކާއި އެެއްގޮތަށް ސަރުކާރުތަކަށް ޕްރެޝަރ ކޮށްގެން އެތަކެއް އަހަރުދުވަހު ބުރަ މަސައްކަތްތަކެއް ކޮށްގެނެވެ. ސަރުކާރު ތަކުން ބޭނުންވެގެނެއް ނޫނެވެ. ރައްޔިތުން މިކަމަށްޓަކާ ޖާނާއި މާލުން އަދި ލެޔާއި ފުރާނައިން ގުރުބާން ވީތީއެވެ. ސަރުކާރުތަކުން އަބަދުވެސް ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދައްކައި ޖޫރިމާނާކޮށް ހުޅުޖަހާވެސް ހަދައެވެ. އެހެނަސް ރާއްޖޭގެ ނޫސްވެރިން މީޑިއާގެ ދިފާޢުގައި ގާނޫނުއަސާސީ ބޯމައްޗަށް ލައި އަނިޔާތަކާއި އުނދަގޫ ތަކާއި ކުރިމަތިލައިގެން މީޑިއާ ސަލާމަތް ކުރެއެވެ. މީޑިއާއަކީ ރައްޔިތުންގެ މޫނުބަލާ ލޯގަނޑެވެ. އެހެން ކަމުން އަބަދުވެސް ރައްޔިތުން ތިބެމުން އަންނަނީ މީޑިއާ ކުރިއަށް ނެރެގެންނެވެ.
ސަރުކާރަށް ފާޑުކިޔާ ރާއްޖޭގެ ބައެއް މީޑިއާކަށް ކުރިމަތިވަމުން އައިސްފައިވާ ގޮންޖެހުން ތައް ތަކުރާރު ނުވާނޭ ގޮތެއް ހޯދުމަކީ ރައްޔިތުންގެ އަމާޒެކެވެ. އަޅުގަނޑު މަސައްކަތްކުރި މީޑިއާ އެއްކަމަށްވާ ސަންދާނު ނިއުސް ހުށްޓުވާލުމަށްޓަކައި އެ މީޑިއާގެ މަސްއޫލުވެރިޔާ އާއި 3 ބައިވެރިން މައުމޫނުގެ ސަރުކާރުން، ޢުމުރުދުވަހަށް ޖަލަށް ކަނޑާލި ޒަމާންވެސް ދުށީމުއެވެ.
ހާހާއި ނުވަސަތޭކަ ބައްތުރީސްވަނަ އަހަރު ރާއްޖޭގައި ފާސްކުރި ފުރަތަމަ ގާނޫނުއަސާސީގެ ސިލްވަރޖުބުލީ ފާހަގަކޮށް ގޯލްޑަން ޖުބުލީ އާއި ހިސާބަށް އެ ގާނޫނު އަސާސީ ކަޑައްތުކުރި ކުރިނަމަވެސް ބަދަލުވެގެން ދަނީ ނަމެކެވެ. ހިނގަނީ ރަސްކަމުގެ ވައްޓަފާޅީއަށެވެ.
ތަންފީޒުވާތަން ފެނަނީ ކުރީގެ ގާނޫނު އަސާސީ އެވެ. ބާރުތައް އެއްވެ، މުޅި އޮޑީގައި ވެސް ހަސަނުގެ ދެފައެވެ. ރައްޔިތުން ނަށް މިނޫން ގޮތެއް ފެންނާން އެބަޖެހެއެވެ.
ރާއްޖޭގެ ޑިމޮކްރެޓިކް ވެށި އަނބުރާ ހޯދައިގަނެވޭފަދަ ކުޅާދަނަ އިދިކޮޅުޕާޓީއެއް ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުން ވެއެވެ. އެމްޑީޕީއަކީ ރާއްޖޭގެ ޑިމޮކްރެޓިކް ޙަޔާތް ފަށްޓައިދިން ޕާޓީއެވެ. އަދި ހިތާރޫހުން އެންމެގިނަ ހިތްތަކަށް ތަޞައްލީ ހޯދައިދިން ފަޚުރުވެރިޕާޓީ ވެސް މެއެވެ. އެހެނަސް ޕާޓީގެ ލީޑަރޝިޕްގެ ތެރޭގައި ވެރިކަމަށް ދަހިވެތިވާ ބައިގަނޑެއް އެނބުރެން ފެށުމުން ޕާޓީގެ ތެރޭގައި ފިތުނައިގެ އަލިފާން ރޯވެ އަނދަންފެށިއެވެ. ޕާޓީއަށް މިވަގުތު އެންމެ ފައިދާހުރި ގޮތްތަކެއް ހޯދަންވަނީ ޖެހިފަ އެވެ.
އެމްޑީޕީ އަކީ މިހާރު އެބުނާ ކުރީގެ އިދިކޮޅު ޕާޓީ ކަމަށް ވިނަމަ މާޒު ސަލީމް އަމިއްލަ ފުޅަށް ރައީސް މުޢިއްޒުގެ މައްސަލައެއް ހުށަހަޅަން ނުޖެހުނީހެވެ. އެމްޑީޕީ ތަމްސީލު ކުރަނީވެސް މާޒު ސަލީމް ކަމަށް ހީވެސްވެއެވެ.
ރައްޔަތުންގެ އެ އެމްޑީޕީ ކޮބައިތޯއެވެ. އެޕާޓީގެ ރައީސާއި ޑެޕިއުޓީ ޗެއަރ ކޮބައިތޯއެވެ. މާޒު ސަލީމަކީ އިހަށް ދުވަހު އެމްޑީޕީ އަށް ވަޑައިގަތް ބޭފުޅެކެވެ. މިހިނދު އެމްޑީޕީ ގެ ހުރިހާކަމެއްގެ މުގުލުގައި ހުންނަވާތަން ފެންނަނީ ސަލީމެވެ. އެމްޑީޕީގެ ހާޑްކޯ މެންބަރަކުވެސް މިއިން ކަމަކާ އުޅުއްވާތަނެެް ނުފެނެއެވެ. އެމްޑީޕީގެ ކޮމާންޑް ގެއްލި ޕާޓީގެ ގުނަންތައް ބަލިކަށި ވެއްޖެއެވެ. ސަތާރަ ނޮވެމްބަރަށް ވީގޮތެއްވެސް ނޭނގުނެވެ. ބުނެވޭގޮތުގައި ޕާރޓީގެ ޗެއަރމަން އޭރުގެ މޭޔަރާއި އެކު ހެއްދެވުނު ނޫމަޑި ޑިލެއްގެ ސަބަބުން ކުރިއަށް ދެވެން ނެތުނީއެވެ . ނިގޫ ތާށިވިކަމަށްވެސް ކިޔަތެވެ.
ޕާޓީ އަލުން ރިފޯމްކޮށް ލީޑަރެެއްގެ ކޮމާންޑުގެ ދަށަށް އަންނަން ވަނީ ޖެހިފައެވެ. ރައީސް ޔާމީނުގެ ޕާޓީ އިންވެސް އަދި މިވެށީގެ ޙިމާޔަތުގައި ބުނާ ބުނުމެއް ފިޔަވައި ހިންގާ އެހެން ސިޔާސީ ބޮޑު ޙަރަކާތެއް ނެތެވެ.
ރައީސް މީހާ އެހުންނެވީ ދުނިޔެއަށް އެދައްކާލެވުނު ބޮޑުމަންޒަރުން ހިތްހަމަޖެހި އުފަލުގައި ކަމަށްވެއެވެ.
މާލޭގައި އުޅުނު މުސްކުޅި މީހެއްގެ ވާހަކަ އަޑުއަހާލާށެވެ. އޭނާ އަކީ ގިނަވަގުތު ހުސްގަޔާ ހުންނަ މީހެކެވެ. މުންޑެއް އަދެފައި ހުންނަ ޣަފޫރުބެ އޮންނަނީ ގަލޮޅު ބޯޅަދަނޑުގެ މަޖީދީ މަގު ފަޅީގެ ފިހާރައެއް ގެ ގާގަނޑު ގައެވެ. އޭނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނު ކަމުގައި އޭނާ ގަބޫލު ކުރެއެވެ. ޣަފޫރުބެގެ ގާތަށް ކޮންމެ ރެއެއްގެ އިޝާ ނަމާދަށްފަހު ހައެއްކަ ފުރެންޑުން އާދެއެވެ. މަޖާ އަނގަތަޅާލުމުގެ ބޭނުމުގައެވެ. އެވަތު އެތަނުގައި ޣަފޫރުބެގެ ބޭންކް މެނޭޖަރާއި ވަކީލު ލުބްނާއާއި ވިޔާފާރިތައް ބަލަހަށްޓާ ބޮހުންވެސް މީ ރަށްޓެހިންގެ ތެރެއިން ހިމެނެއެވެ.
ޣަފޫރުބެ އޭރު ފަލަސްތީނަށް ވެސް އެހީ ފޮނުވައެވެ.
އެގޮތުން މެނޭޖަރަކަށް ހުންނަމީހާގެ ގާތުގައި ޣަފޫރުބެ ބުނީ މާދަމާ ހަވީރު ޣައްޒާއަށް ސަތޭކަބިލިއަން ޑޮލަރުގެ ކާބޯތަކެތި ވައްދާދިނުމަށެވެ. ޣަފޫރުބެ ބުނުއްވި ގޮތަށް ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް މެނޭޖަރު ބުނެއެވެ. އަދި މިކަންކަން ހިނގާ ނުހިނގާ ގޮތް ވެސް އެމީހުންގެ ގާތުގައި އަހައިގެން ޣަފޫރުބެ ބަލައެވެ. އޭނާ އިންނަނީ ވަރަށް އުފަލުގައެވެ.
މިއީ މިއަދު ރާއްޖޭގެ ރައީސް މީހާ އަށްވެސް ޖެހިފައި އެވާ ބައްޔެވެ. މިކަހަލަ ޚިޔާލީ ބަޖެޓު ހުށަހަޅުއްވާ ރައްޔިތުންނަށް ހުވަފެން ދައްކަނީއެވެ. އިހަވަން ދިއްޕޮޅުގެ ތެޔޮބަންކަރިންގ ފަދަ އެތައްހުވަފެނެކެވެ. ގާދޫކޮޅުން ދިއްކޮށްލާފައި އެވާ ތެޔޮހޮޅި ތަކެވެ. ބިއްލޫރި ޓަނަލްފަދަ އެތަށްކަމެއް ރައްޔިތުންނަށް ހުވަފުނުގައި ދައްކުވައިފިއެވެ.
ރާއްޖޭގެ ކައުންސިލް ތަކުގެ މިނިވަން އިންތިޚާބު އަތްދަށު ލުމުގެ ޕްލޭނެއް މިސަރުކާރުން ހައްދަވާނެއެވެ. ދިވެހިންގެ ރާއްޖެ މިވަނީ ބެހިގެން ދަންނަވާފައެވެ. މި އޮޑި ސަލާމަތް ކުރުމަކީ ދިވެހިންގެ އެންމެބޮޑު ޒިންމާކެވެ. ވަކި ޕާޓީއަކަށް ބަރޯސާވާން ހެޔޮވާކަށް ނެތޭދެންނެވި ދާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް