އިންޑިޔާގެ ވެރިރަށް ޑެލްހީގެ ހޮސްޕިޓަލެއްގައި ގޯލްބްލެޑާ ނެގުމުގެ އޮޕަރޭޝަނެއް ކުރުމަށް އަންހެނަކު ތިއެޓަރަށް ވެއްދިއެވެ. ޖެނެރަލް އެނެސްތީސިޔާ ދީ ހޭނައްތާފައި އޮތުމުގެ އިތުރުން ވަނީ ނިންދެވުމަށް، ހަނދާނުގެ ކަންތައް ހުއްޓުވުމަށް،ތަދު އިހުސާސްވިޔަނުދިނުމަށް، އަދި ވަގުތީގޮތުން ހަށިގަނޑު ޕެރަލައިޒް ކޮށްލުމަށް ވަނީ ތަފާތު ބޭސްތައް ދީފައެވެ.
ދީފައިވާ ބޭސްތަކުގެ ސަބަބުން ސިކުޑީގެ ބޮޑުބައެއް ހިމޭން ކުރުވާފައިވީނަމަވެސް ”އޮޑިޓަރީ ޕާތުވޭ“ ނުވަތަ ބޭރުން ކަންފަތަށް އަޑު ވަންނަ މަގު، އަދި އިވުމުގެ ނިޒާމް މަސައްކަތްކުރާނެ ކަމަށްވެއެވެ.
ތިއޭޓަރުގައި ހިންގާފައިވާ މެޝިންތަކުގެ މޮނިޓަރ ތައް ހިނގަމުންދާ އަޑުގެ އިތުރުން އަންހެންމީހާގެ ހެޑްފޯނެއް އަޅުވާ އެވަގުތު ހުރީ ފްލޫޓް މިޔުޒިކް (އޮނު ފުމެގެން އުފައްދާ މިޔުޒިކް) އިވޭގޮތަށް ހަދާފައިކަމަށް ވެއެވެ. މިއީ ކުރެވުނު ޚާއްސަ ސްޓަޑީއެއްގެ ދަށުން ކުރެވުނު ކަމެކެވެ.
ސްޓަޑީއިން ހާމަ ވެފައިވާގޮތުގައި އޮޕަރޭޝަންއަށްފަހު އަންހެންމީހާ ހޭއެރުމުގެ މަރުހަލާ މާއަވަހެވެ. އަދި ފަހުން ތަދުކަނޑުވާ ނުވަތަ އައްސިކުރާ ބޭސްތައް ދޭންޖެހުނު މިންވަރު މަދެވެ.
މިޔުޒިކް ނީއްވާ ހަމަމިފަދަ އޮޕަރޭޝަން ކުރާ ޕޭޝަންޓުންނަށް ”ޕްރޮފޮނޯލް“ އަދި ”އޮޕިއޮއިޑް ޕެއިންކިލަރ“ ދޭންޖެހުނު މިންވަރު މާމަތިކަން ހާމަވެފައިވެއެވެ.
މި ސްޓަޑީ ހަދާފައިވަނީ ޑެލްހީގެ މައުލާނާ އާޒާދް މެޑިކަލް ކޮލެޖް އަދި ލޯކް ނަޔަކް ހޮސްޕިޓަލް ގުޅިގެންނެވެ.މިސްޓަޑީގެ ހޯދުންތައް މިހާރުވަނީ ”މިޔުޒިކް އެންޑް މެޑިސިން“ ކިޔާ ޖަރނަލްގައި ޕަބްލިޝްކޮށްފައެވެ. ސަރޖަރީ އަށް ހޭނައްތާފައި އޮންނައިރު މިޔުޒިކް އިއްވައިފިނަމަ ހޭއެރުން އަވަސްވެ އަދި ތަދުވެސް އަވަހަށް ފަސޭހާވާކަން ދައްކާދޭ އެންމެ ބާރުގަދަ ހެކި މިހާތަނަށް ލިބިފައިވަނީ މި ސްޓަޑީ އިންނެވެ.
![]()
