މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ހިމެނުމަށް، ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނަށް މިއަދު އިސްލާހެއް މިއަދު ހުށަހަޅައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވަނީ، މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނުމަށް، އެ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކުރުމަށެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއްކަމަށް މެންބަރު ވިދާޅުވީ، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުން ތަކުރާރުވަމުންދާތީ، އެއީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭނެފަދަ ޢަމަލެއް ކަމަށް ވާތީ ކަމަށެވެ. އަދި މިސްކިތްތަކުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށް ވާތީ ކަމަށެވެ.
މެންބަރު މިފަދައިން ހުށަހަޅުއްވާފައިވާއިރު، ރާއްޖޭގައި މިސްކިތްތަކަށް ގެއްލުންދިނުމާއި މިސްކިތްތަކުގައި ހުންނަ ތަކެއްޗަށް ގެއްލުންދިނުމަކީ ވަރަށް އާންމުކޮށް ހިންގަމުންދާ ޢަމަލެކެވެ. އަދި މިފަދަ ޢަމަލުތައް ހިންގަނީވެސް ސައްތައިން ސައްތަ މުސްލިމުން ކަމުގައި ދަޢުވާކުރާ ދިވެހިންގެ ތެރޭން ބަޔަކުކަން ފާހަގަކޮށްލެވެއެވެ.
މިގޮތުން، ދާދި ފަހުން އައްޑޫގައިވެސް ވަނީ މިސްކިތަކަށް ވަރަށް ބޮޑަށް ގެއްލުންދީ، މިސްކިތުގެ ކުޑަދޮރުތައް ހަލާކުކޮށް، އެ މިސްކިތުގައި ހުރި ނަމާދުގޮނޑިފަދަ ތަކެތި ހަލާކުކޮށްފައެވެ. ހަމަ އެ ހަފުތާ ތެރޭގައި މާލޭގެ ދެ މިސްކިތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި، މިސްކިތްތަކަށް ތަފާތު އެކިވަރުގެ ގެއްލުންދޭ މީހުންވެސް ވަނީ ފާހަގަކޮށް، އެ ބައެއް މީހުން ވަގުތުން ހައްޔަރުވެސް ކޮށްފައެވެ. ނަމަވެސް ”ނަފުސާނީ މައްސަލައެއް ހުންނާތީ“ އެފަދަ މީހުން ވަނީ ދޫކޮށްލާފައެވެ.
![]()
