އަލްޖަޒީރާގެ މުހިންމު ޚަބަރުތަކުގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު ހެނދުނު 8 ޖެހިތަނާހެން ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ ފެޑެރަލް ކޮންސްޓެބިއުލަރީ ހެޑްކުއާރޓަރަށް ޖާނުންފިދާވުމުގެ ހަމަލާއެއް ދިން ޚަބަރު ފާހަގަކޮށްފައިވެއެވެ.
ޕާކިސްތާނުގައި ފެޑެރަލް ކޮންސްޓެބިއުލަރީގެ ނަންދެވިފައިވަނީ ގާނޫނު ތަންފީޒު ކުރާ ފެޑެރަލް ސަރުކާރުގެ އެންމެ ބާރުގަދަ އެއް އިދާރާއަށެވެ. މި އިދާރާ އުފައްދާފައިވަނީ 1913 ގައި ޕާކިސްތާނުގެ ޚައިބަރ ޕަޚުތުންޚުވާ ސަރަހައްދުގައެވެ.
މި ހަމަލާގައި ސަލާމަތީ ބާރުތަކުގެ 3 މީހުން ޝަހީދުވެ އާންމުންގެ 11 މީހަކު ވަނީ ޒަޚަމް ވެފައެވެ. ހަމަލާދިންމީހުންގެ ތެރެއިން އެކަކު ވަނީ ބޮމާއެކު އޭނާގެ ހަށިގަނޑު ގޮއްވާލާފައެވެ. އޭނާގެ ބައިވެރިންގެތެރޭގައި ހިމެނޭ އެހެން ދެމީހަކު ސަލާމަތީ ބާރުތަކުން ވަނީ ބަޑިޖަހާ މަރާލާފައެވެ.
ހަމަލީދިން ވަގުތަކީ ހެނދުނުގެ ތަމްރީނުތަކަށް ގިނަ އަދަދެއްގެ ފުލުހުން އެއްވެފައިތިބި ވަގުތު ކަމަށްވެސް ޕޮލިސް ޗީފް މިއާން ސައީދު އަހްމަދު ވިދާޅުވެފައިވެއެވެ.
މީގެ 2 ހަފުތާކުރިން އިސްލާމައް އާބާދުގެ ކޯޓެއްގެ ކުރިމަތީގައި ދީފައިވާ މިބާވަތުގެ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި އާންމުންގެ 12 މީހަކުވަނީ މަރުވެފައެވެ.
މިހާތަނަށް މިއިން އެއްވެސް އެހަމަލާ ދިނުމުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާކަމަށް ބުނެފައެއް ނެތެވެ. އެހެންނަމަވެސް ފަހަކަށް އައިސް މިބާވަތުގެ ހަމަލާތައް އިތުރުވަމުން ދިއުމުން ތަޙްރީކޭ ތާލިބާނުންނަށް އިނގިލި ދިއްކުރެވެއެވެ. ތަހްރީކޭ ތާލިބާނުންނަކީ ޕާކިސްތާނަށް ނިސްބަތްކުތެވޭ ތާލިބާނުންނެވެ.
މި ހަމަލާތަކުގެ ސަބަބުން އަފްގާނިސްތާނުގެ ތާލިބާނުންގެ ސަރުކާރާއި ޕާކިސްތާނުގެ ނުތަނަވަސްކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މި ނުތަވަސްކަމާ ގުޅިގެން އަފްގާނިސްތާނުގެ ތެރޭގައި ހަރަކާތްތެރިވަމުންގެންދާ ޓެރަރިސްޓް ޖަމާއަތްތައް ތިބެނީ ގާނުނުން ބޭރަށް ވީއްލިފައި ކަމަށްބުނެ ޕާކިސްތާނުން ގެންދަނީ އަފްގާން ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވަމުންނެވެ. ޕާކިސްތާނުގެ މި އިލްޒާމަށް ރައްދު ދިނުމުގެގޮތުން އަފްގާނިސްތާން ސަރުކާރުން ބުނަމުންގެންދަނީ އެ ގައުމުގެ ތެރޭގައި ހަރަކާތްތތެރިވަމުން ގެންދާ ޓެރަރިސްޓުން ހޯދާ ދެނެގަނެވޭނެ މަގެއް އަދި ފެނިފައިނުވާކަމަށެވެ.
މިފަހަރު ހަމަލާ ދިނުމުގައި ބައިވެރިވެފައިވަނީ ކިތައް ޓެރަރިސްޓުންކަން މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެހެންނަމަވެސް ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ 2 ޓެރަރިސްޓެއްގެ މައުލޫމާތު އެސޯޝިއޭޓެޑް ޕްރެސްއަށް ލިބިފައިވާކަމަށް އެނޫހުންބުނެފައިވެއެވެ. އަދި ބޮން ގޮއްވާލުމުގައި ބައިވެރިވި 3 މީހެއްގެ މައުލޫމާތު ރޮއިޓާރސްއިން ހޯދިފައިވާކަމަށް އެނޫހުންވަނީ ބުނެފައެވެ. އޭގެތެރޭން 2 މިހުން ވަނީ ހެޑްކުއާރޓަރުގެ ތެރެއަށް ވަދެގަތުމަށް ދިމާކުރިތަނުން ސަލާމަތީ ބަރުތަކުން ދިން ހަމަލާގައި މަރާލާފައެވެ. ތިންވަނަ މީހާ ހެޑްކުއާރޓަރުގެ ގޭޓް ކުރިމަތީގައި އަމިއްލައަށް ބޮމާއެކު ގޮއްވާލީކަމަށް ޕެޝާވަރުގެޕޮލިސް ޗީފް އަށް ހަވާލާދީ ޑޯން ނިއުސްޕޭޕަރުން ބުނެފައި ވެއެވެ. ޒަޚަމްކޮށްލެވުނު 11 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށްވެސް މައުލޫމާތު ހާމަކޮށްފައި ވެއެވެ. އޭގެތެރޭގައި ސަލާމަތީ ބަރުތަކުގެ 2 އޮފިޝަލުންވެސް ހިމެނެއެވެ. އެޑްމިޓް ކޮށްފާތިބި މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމުގައި ލޭޑީ ރީޑިން ހޮސްޕިޓަލްގެ ތަރުޖަމާނު އާސިމް ޚާން މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.
މިއަހަރު ނޮވެމްބަރ މަހުގެ 21 ވަނަދުވަހާހަމަޔަށް މިއަހަރުތެރޭގައި ޕާކިސްތާނުގެ އެކި ހިސާބުތަކަށް 1517 ޓެރަރިސްޓް ހަމަލާދީފައިވާކަމަށް ދެކުނު އޭޝިއާގެ ޓެރަރިޒަމް ޕޯރޓަލް އިން ވަނީ ހާމަކޮށްފައެވެ. އަދި 2024 ވަނައަހަރު 1303 ޓެރަރިސްޓް ހަމަލާއާއި 2023 ވަނައަހަރު 921 ޓެރަރިސްޓް ހަމަލާ އަދި 2022 ވަނައަހަރު 630 ޓެރަރިސްޓް ހަމަލާ ވަނީ ރެކޯރޑް ކުރެފައިކަމަށްވެސް ބުނެފައި ވެއެވެ. 2024 ވަނައަހަރުގެ ހަމަލާތައް ބެލެވިފައިވަނީ ފާއިތުވެގެން މިދާ 10 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާތައް ކަމުގައެވެ. ސެންޓަރ ފޯރ ސެކިއުރިޓީ އެންޑް ރިސާރޗްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2024 ވަނައަހަރުގެ ޓެރަރިސްޓް ހަމަލާތަކުގައި 2526 މީހުން ވަނީ މަރާލާފައެވެ. އޭގެތެރޭގައި ސަލާމަތީ ބާރުތަކަށް ނިސްބަތް ކުރެވޭ 700 މީހުންނާއި އާންމުންގެ 900 މީހުން އަދި ޓެރަރިސްޓުންގެ 900 މީހުންވެސް ވަނީ ހިމެނިފައެވެ.
![]()
