ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން ދެވޭނެ އެންމެ ފަހު ފުރުސަތު

Loading

Facebook
Twitter
WhatsApp
American Dollar Bancknotes with Rifle Bullets

ރަޝިޔާއާއި ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމަ ހުއްޓާލުމަށް ރައީސް ޓްރަމްޕް އެކުލަވާ ލައްވާފައިވާ ހުށައެޅުން ގަބޫލުކުރެއްވުމަށް ހަފުތާއަކަށްވުރެންވެސް މަދު ދުވަސްކޮޅެއް ޔޫކްރެއިންގެ ރައީސް ޒެލެންސްކީއަށް ދެއްވައިފިކަމަށް މިއަދު ސީ އެންއެންގެ ޚަބަރުގައި ބުނެފިއެވެ. ރައީސް ޓްރަމްޕް މި ދެއްވި އެންމެފަހު ފުރުސަތާ ގުޅިގެން ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ގައުމުން ނިންމަންޖެހިފައިމިވަނީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ.


”މިހާތަނަށް އެތައްފަހަރަކު އެންމެފަހުގެ ފުރުސަތު ދެވިއްޖެއެވެ. އޭގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. އެކަމަކު ޔޫކްރެއިނުން އަބަދުވެސް ފެންނަމުންދަނީ އެންމެފަހު ފުރުސަތުގެ ފައިދާ ނަގާތަނެވެ. މިއަންނަ ބުރާސްފަތި ދުވަހަކީ އެންމެ ފަހުގެ ފުރުސަތެވެ. ދިގު ނުދެންމޭނެއެވެ. “ ފޮކްސް ނިއުސްއަށް ދެއްވި ރޭޑިއޯ ބަސްދި ގަތުމެއްގައި ރައީސް ޒެލެންސްކީއަށް މުޚާތަބު ކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ. މި ހުށައެޅުން ގަބޫލު ކުރައްވަން ރައީސް ޒެލެންސްކީ ބޭނުންފުޅު ނުވާނަމަ އަމިއްލައަކަށް ހަނގުރާކުރުމުގެ އިޚްތިޔާރު ލިބިވަޑައިގެންފައި ވެއެވެ.
ރައީސް ޓްރަމްޕް ހުށައްޅުއްވާފައިވާ 28 ނުކުތާގެ މައްޗަށް އެކުލެވޭ ޕްލޭންގައި އެންމެ ކުރީ ދުވަހުއްސުރެން ރައީސް ޕޫޓިން ބޭނުންފުޅުވާ ހުރިހާކަމެއް ހިމެނިފައިވެއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ބައެއް ސަރަހައްދުތައް ރަޝިޔާއަށް ދޫކޮށްލުމާއި ޔޫކްރެއިނުން ނޭޓޯގައި ބައިވެރިވުމުގެ ވިސްނުން ދޫކޮށްލުމާއި ޔޫކްރެއިންގެ މިލިޓްރީގެ ސައިޒް ކުޑަކުރުންވެސް ހިމެނެއެވެ. ރައީސް ޓްރަމްޕްގެ ހުށައެޅުމާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި މިދިޔަ ހުކުރު ދުވަހު ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ބިންތައް ދޫކޮށްލުމާއި ޔޫކްރެއިންގެ ރަނގަޅު ބައިވެރިޔަކު ދޫކޮށްލުން މީގެ ތެރެއިން އެއްވެސް ކަމަކީ ފަސޭހައިން ކުރެވިދާނެ ފައިސަލާއެއް ނޫންކަމަށާއި އެކަމަކު އެފައިސަލާކުރަން ޖެހޭ ވަގުތު ކުޑތަންވެއްޖެ ކަމަށެވެ. ހަމަ މި ނޭވާގައި ކުރިއަށްއޮތް ފިނިމޫސުމުގައި ގައުމުގެ ހާލަތު ކުރިފުޅުމަތިގައި ތަސައްވުރު ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ ހުށައެޅުއްވުމާބެހޭގޮތުން އެމެރިކާގެ ނައިބު ރައީސް ޖޭ ޑީ ވޭންސް އާއެކުވެސް ރައީސް ޒެލެންސްކީ ވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސް ޓްރަމްޕްގެ ހުށައެޅުއްވުމާބެހޭގޮތުން ޔޫރަޕިއަން ޔޫނިއަނުން ރައީސާ ޒެލެންސްކީއަށް ދަނަވާފައިވަނީ އެ ގައުމުތަކުން ޔޫކްރެއިން ދޫކޮށް ނުލާނެކަމަށާއި ޓްރަމްޕްގެ ހުށައެޅުއްވުމާމެދު އެ ޔޫނިއަނުން ބުނާގޮތަކަށް ނޫނީ ގޮތެއް ނުނިމުމަށެވެ. އެހެންނަމަވެސް ޖަރުމަނުގެ ޗާންސެލަރ އެމެރިކާގެ ރައީސް އާއެކު މި މައްސަލާގައި ފޯނުން ވާހަކަ ދައްކަވައި އެމެރިކާގެ ހުށައެޅުމަށް އެއްބަސްވެ ވަޑައިގެންފައިވާތީ ޔޫރަޕްގެ ގައުމުތަކުން އެ ތިބެވެނީ ގަނޑުފެނުގެތެރެއަށް ގެނބިފައި ނޫނެކޭވެސް ނުބުނެވޭނެއެވެ. ޖަރުމަން ސަރުކާރުން ހާމަކޮށްފައިވާގޮތުގައި ރައީސް ޓްރަމްޕްގެ ހުށައެޅުމުގައިހުރި ޔޫރަޕާއި ޔޫކްރެއިނުން ޚާއްސަ އަހަންމިއްޔަތެއް ދޭންޖެހޭ ކަންތައްތައް ރައްކާތެރިކުރެވޭނެ މަގުތައް ކަށަވަރުކުރެވޭތޯ މަސައްކަތް ކުރަންޖެހޭނެކަމަށް ފަރަންސޭސިވިލާތާއި އިނގިރޭސި ވިލާތާއި އަދި ޔޫކްރެއިންގެ ވެރިންނާއެކު މަޝްވަރާ ކުރައވާފައިވާކަންވެސް ހާމަކޮށްފައި ވެއެވެ.
ދެކުނު އެފްރިކާގައި ޖީ-20 ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ޔޫރަޕިއަން ޔޫނިއަންގެ ރައީސާ އުރުސަލާ ވޮންޑަރ ލޭޔަން ވިދާޅުވެފައިވަނީ އެ ސަމިޓްގެ ހަވާސާގެތެރޭގައި ރައީސް ޓްރަމްޕްގެ ހުށައެޅުއްވުމާދޭތެރޭ ޔޫރަޕްގެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައީސް ޓްރަމްޕްގެ ހުށައެޅުން ލިބިވަޑައިގަތުމާއެކު ރަޝިޔާގެ ސެކިއުރިޓީ ކައުންސިލް އެއްކުރައްވައި ރައީސް ޕޫޓިން ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި މިފަހަރު ރައީސް ޓްރަމްޕްގެ 28 ނުކުތާގެ މައްޗަށް އެކުލެވޭ ހުށައެޅުއްވުން ދާއިމީ ސުލްހައަށް ބޭނުންކުރެވިދާނެ މަގުޗާޓެއް ކަމުގައި ދެކިވަޑަގަންނަވާކަމަށާއި އަލަސްކާގައި ރައީސްޓްރަމްޕައާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އުސޫލެއްގެ ގޮތުން އެ ހުށައެޅުން ގަބޫލު ކުރައްވާނެކަމަށް ވާނީ ދަންނަވާފައި ކަމަށްވެސް އެ ކައުންސިލްގައި ވިދާޅުވިއެވެ.
ރައީސް ޓްރަމްޕްގެ 28 ނުކުތާ ހުށައެޅުން ސީ އެން އެން އަށްވެސްވަނީ ފެނިފައެވެ. އޭގައި ބުނެފައިވާގޮތުން ހަނގުރާމަ ހުއްޓާލުމަށްފަހު ޔޫކްރެއިން އަލުން ބިނާކުރުމަށް ބޭނުންވާ ބައިނަލް އަގްވާމީ އެހީ ހޯދުމަށާއި ޔޫކްރެއިންގެ ހާލަތު ބަލަހައްޓާނެ ވަގުތީ ބޯރޑެއް ރައީސް ޓްރަމްޕްގެ ބެއްލެވުމުގެ ދަށުން ގާއިމް ކުރައްވާނެކަމަށް ބުނެފައިވެއެވެ. އޭގައި ހިމެނޭ ގިނަ ނުކުތާތައް މީގެކުރިން ޔޫކްރެއިނުންވަނީ ގަބޫލު ނުކޮށްފައެވެ.
ރައީސް ޓްރަމްޕްގެ ހުށައެޅުމުގެ މުހިންމު ނުކުތާތަކުގެތެރޭގައި ކްރީމިއާއާއި ޑޮނެސްކްއާއި ލުހަންސްކް އަކީ ރަޝިޔާގެ ތަންތަން ކަމުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިންވެސް ރަސްމީގޮތުން އިއުތިރާފްވާނެކަމަށް ބުނެފައިވެއެވެ. އަދި މިހާރު ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް އިރުމަތީ ޑޮނެސްކް އިން ޔޫކްރެއިން ސިފައިން ފައިބަންޖެހޭނެއެވެ. މިއީ މިހާތަނަށްވެސް ޔޫކްރެއިނުން ދަމާފައިވާ ރަތް ރޮނގެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ހިމާޔަތުގައި ނޭޓޯއިން ހަރަކާތްތެރި ނުވާނެމަކަށާއި ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެކަމަށްވެސް ކަނޑައަޅާފައިވެއެވެ. އަދި ޔޫކްރެއިންގެ ލަޝްކަރުތަކުގައި ޖުމުލަ ހަ ލައްކަ އަށް ވުރެންގިނަ ސިފައިން ތިބެގެން ނުވާނެއެވެ.
ރައީސް ޒެލެންސްކީ ވިދާޅުވަމުންގެންދަވަނީ މި ޝަރުތުތަކުން އެއްކިބާ ވެ ވަޑާއިގަތުމަށްޓަކައި އެންމެ ފަހު ނޭވާއާ ހަމަޔަށް މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް