އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ދަރުމެންދުރާ މަރުވެއްޖެ

Loading

November 24, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އިންޑިޔާގެ މަޝްހޫރު ފިލްމީތަރި ދަރުމެންދުރާ، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ. ދަރުމެންދުރާގެ 90 ވަނަ އުފަންދުވަސް ފާހަގަ ކުރަން އޮތީ 8 ޑިސެމްބަރުގައެވެ.

ގިނަބައެއްގެ ލޯބި ލިބިފައިވާ ދަރުމެންދުރާ މަރުވުމާއި ގުޅިގެން ފިލްމް ސްޓާރުންގެ އިތުރުން ފިލްމް އުފެއްދުމާ ސިނަމާއާއި ގުޅުންހުރި ގިނަ ފަރާތްތަކަކުން ދަނީ ތައުޒިޔާ ފާޅުކުރަމުންނެވެ.

އެދެދާއިރާގެ އިތުރުން ގައުމުގެ އިސްފަރާތްތަކުންވެސް ވަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވާފައެވެ. މިގޮތުން ބޮޑުވަޒީރު ނަރެންދުރަމޯދީ ވިދާޅުވީ ދަރުމެންދުރާ މަރުވުމަކީ އިންޑިއަން ސިނަމާގެ ”އީރާ“ އެއްގެ ނިމުން ކަމުގައެވެ.

އިންޑިއަން ސިނަމާގައި އެއްޒަމާނެއްގައި ވީރޫގެ ގޮތުގައި މަޝްހޫރުވި ދަރުމެންދުރާ 300 އަށް ވުރެގިނަ ފިލްމް ކުޅެ ވަރަށް ގިނަބައެއްގެ ލޯބި ހާސިލްކޮށްފައި ވެއެވެ. އޭނާގެ ފިލްމް ތަކުގެ ލަވަތައްވެސް ވަނީ މަޝްހޫރުވެގެން ގޮސް ޗާޓްތަކަށް އަރާފައެވެ. ދިގުއިސްކޮޅަކާ އާދަޔާ ޚިލާފް ރީތި ސިފައެއް ލިބިފައިވާ ދަރުމެންދުރާގެނަން ވަނީ އެންމެ ރީތި ފިރިހެނުންގެ ލިސްޓްތަކަށް އެތައްފަހަރަކު އަރާފައެވެ.

ދަރުމެންދާ ބުނެފައިވާ ގޮތުން އޭނާގެ ރީތިކަމަށް މީހުން ތައުރީފް ކުރުމުން އޭނާ ވަރަށް ލަދުގަނެއެވެ. އަދި އެއީ މަންމައާއި ބައްޕަ ގެ ފުށުން ލިބުނު ”ޖީންސް“ ގެ ސަބަބުން ލިބުނު ސިފައެއްކަމަށް ބުނެފައިވެއެވެ.  

ދަރުމެންދުރާ އުފަންވެފައިވަނީ 8 ޑިސެމްބަރ 1935 ގައި ޕަންޖާބްގެ ލުދިއާނާ ޑިސްޓްރިކްޓަށެވެ. މިހެންކަމާއެކު އެންމެ ފަހު ދުވަހާޖެހެންދެންވެސް ޕަންޖާބްގެ މީހުނަށް އޭނާ ޚާއްސަ ގާތްގޮތެއް ބަހައްޓާކަމަށް ވެއެވެ. އަދި އޭނާ ދެކިލުމަށް ޕަންޖާބްގެ އެއްވެސް ފޭން އެއް ގޮސްފިނަމަ ގޭޓް ހުޅުވާ ގެޔަށް ވެއްދުމަށް ގޭޓް ކީޕަރުންނަށް އަންގާފައިވާ ކަމަށްވެއެވެ. އަދި އޭނާގެ ގެއިން އެއްކެއް ކައިގެންނޫނީ ދިއުމަށް ގަބޫލު ނުވާކަމަށް ވެއެވެ. ދަރުމެންދުރާ އަށް އާންމުންގެ ލޯބި ލިބިފައިވަނީ މިފަދަ ސިފަތަކުގެ ސަބަބުންނެވެ.

ދަރުމެންދުރާގެ ބައްޕައަކީ ސްކޫލް ޓީޗަރެކެވެ. ބައްޕަ ބޭނުންވީ ދަރުމެންދުރާ ކިޔެވުމާއިގެން ކުރިޔަށް ދިއުމަށް ކަމަށް ދަރުމެންދުރާ އެއްފަހަރަކު ބުނެފައިވެއެވެ. ނަމަވެސް ގްރޭޑް 9ގައި އުޅެމުން ފުރަތަމަ ފިލްމް ބެލިހަމައިންވެސް ފިލްމްގައި އެކްތް ކުރުމުގެ ޝައުގްވެރިކަން އުފެދުނު ކަމަށް ބުނެފައިވެއެވެ.ނަމަވެސް އާއިލާއިން ފުރަތަމަ އެކަމަށް ހުއްދަ ނުދިންކަމަށް ވެއެވެ. ނަމަވެސް ފިލްމް ފެއާ މެގަޒިންގެ ފަރާތުން ބޭއްވި ”އޯލް އިންޑިޔާ ޓެލެންޓް ކޮންޓެސްޓް“ގައި ބައިވެރިވެ އެއްވަނަ ލިބުމުން ފިލްމް ކުޅުމަށް ދޮރެއް ހުޅުވުނު ކަމަށް އޭނާ ބުނެފައިވެއެވެ.

ދަރުމެންދުރާ ކުޅުނު ފުރަތަމަ ފިލްމަކީ 1960 ވަނަ އަހަރު ނިކުތް ދިލްބީތޭރާ،ހަމްބީ ތޭރޭ“ އެވެ. އޭގެ ފަހުން ތިރީހަކަށް އަހަރުވަންދެން ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވެއެވެ.

ދަރުމެންދުރާ ގެ ފުރަތަމަ ބޮޑަށް މަޝްހޫރުވި ފިލްމް(ސުޕަހިޓް) އަކީ 1963 ގައި ނިކުތް ބަންދިނީ އެވެ. އެފިލްމްގައި ދަރުމެންދުރާ ކުޅެފައިވަނީ ޖަލުގެ ޑޮކްޓަރެއްގެ ބައެވެ.އަދި ޑޮކްޓަރުވަނީ އަންހެން ގައިދީ އަކު ދެކެ ލޯބިވެފައެވެ.

ދަރުމެންދުރާ 70 ވަރަކަށް ބަތަލާއިންނާއެކީ މަސައްކަތް ކޮށްފައިވާ ކަމަށް ވެއެވެ. މީގެ ތެރެއިންވެސް އާންމުންނަށް އެންމެ ކަމުގޮސްފައިވަނީ އެކްޓްރެސް ހެމާމާލިނީއެވެ. ދަރުމެންދުރާ ފަހުންވަނީ ހެމާމާލިނީ އާ ކައިވެނި ކޮށްފައެވެ. އަދި ދެއަންހެން ދަރިން ލިބިފައި ވެއެވެ.   

ދަރުމެންދުރާގެ ފުރަތަމަ އަބިމީހާއަކީ ޕްރަކާޝް ކައުރު އެވެ.އޭނާޔަށް ވަނީ ސަނީ ޑިއޯލް ބޮބީ ޑިއޯލް އަދި ދެއަންހެން ކުދިން ކަމަށްވާ އަޖީތާ އާއި ވިޖޭތާ ލިބިފައެވެ.

ދަރުމެންދުރާ ޕޮލިޓިކްސް ގައިވެސް ފަސްއަހަރު މަސައްކަތްކޮށްފައިވެއެވެ. މިގޮތުން 2005ން 2009އަށް ދަރުމެންދުރާ ވަނީ ރާޖަސްތާންގެ ސަރަހައްދަކުން ބީޖޭޕީގެ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި މަސައްކަތް ކޮށްފައެވެ.ނަމަވެސް ފަހުން ދަރުމެންދުރާ ބުނެފައިވަނީ އެފަސްއަހަރު ކަނޑައްތުކުރަން އޭނާޔަށް ވަރަށް ދަތިވި ކަމަށާ ޕޮލިޓިކްސްއަކީ އޭނާފަދަ އިމޯޝަނަލް (ހިތްބަލި) މީހުންނަށް ކުރެވޭނެ ކަމެއްނޫން ކަމުގައެވެ. ޕޮލިޓިކްސްގައި އުޅެވޭނީ ފިސާރި ހަންބޯވެގެން ކަމުގައި ދަރުމެންދުރާ ބުނެފައިވެއެވެ.

ދަރުމެންދުރާ ވަނީ ވަރަށް ފަހާޖެހެންދެންވެސް އެކްޓް ކުރުމުގައި މަސައްކަތް ކޮށްފައެވެ. އަދި ދެދަރިން ސަނީ އާއި ބޮބީއާއިއެކުވެސް ފިލްމް ކުޅެފައިވެއެވެ. ދަރުމެންދުރާ ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ބޮޑު ފޭން ފޮލޮވިންގއެއް ހޯދާފައެވެ.

ދަރުމެންދުރާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނަ ފިލްތަކަށް މާބޮޑު އަގެއް ނުކިޔައެވެ. އޭނަ އިންޑަސްޓްރީ އަށް އައީ މީހުންގެ ލޯބި އެދިގެންކަމަށާ އެކަން ހާސިލްވެފައިވާކަމަށް ދަރުމެންދުރާ ބުނެފައިވެއެވެ.

ދަރުމެންދުރާ މިދިޔަ އޮކްޓޯބަރުމަހު ދެފަހަރެއްގެ މަތިންވަނީ ނޭވާ ކުރުވެ އުނދަގޫތަކެއްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ. ނަމަވެސް ފަހުން އާއިލާއިން އެދިގެންވަނީ ގެޔަށް ފަރުވާ ބަދަލުކޮށްފައެވެ.

ދަރުމެންދުރާ މަރުވެފައިވަނީ މިއަދު ހެދުނު އޭނާގެ އަމިއްލަ ގޭގައެވެ. އަދި ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް