ޙަގީގަތަކީ، ފަނޑިޔާރުންގެ މުސްތަގިއްލުކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ އެއް އުކުޅަކީ އެތަނަށް ވީހާވެސް ގިނައިން އިސްލާމީ ޝަރީއަތް ނުދަންނަ ލާދީނީ ވައްތަރުގެ މީހުން ވެއްދުމެވެ. އިސްލާމީ ޝަރީޢަތް ނުދަންނަ މީހުން ލައްވާ ވަރަށް ފަސޭހައިން ނުފޫޒުގެ ބާރު އޮތްބަޔަކު ބޭނުންވާ ގޮތަކަށް ބޭނުންވާކަމެއް ކުރެވިދާނެއެވެ.
އެ މަގުސަދު ޙާސިލު ކުރުމަށް ޓަކައި އަބަދުވެސް ސިޔާސީ ނުފޫޒުތައް މަސައްކަތްކުރާނީ އެތަނަށް ތިމާމެން ބުނާހާ ގޮތަކަށް ޙުކުންތައް ލިޔެދޭނެ ބަޔަކު ވެއްދުމަށެވެ. އެއާ ޚިލާފަށް ޝަރީޢަތް ދަންނަ ދިނީ ޢިލްމުވެރީން ޖުމުލަގޮތެއްގައި ތިބޭހުށީ ޙައްގު މަތީގައެވެ. އެފަދަ މީހުން މަސައްކަތް ކުރާނީ އަބަދުވެސް ޙައްގާ އެއްކޮޅަކަށެވެ. އާއްމުގޮތެއްގައި ދީނީ ޢިލްމުވެރީން ލައްވާ ސިޔާސީ މީހުން ހިތުހުރިގޮތަކަށް ޝަރުޢީ ދާއިރާގައި ނުފޫޒުގެ ބޭނުންކުރުމަކީ ވަރަށް ވެސް ނާދިރުކަމެކެވެ. ފަހަރެއްގާ އޭގެތެރޭގައިވެސް ވިދާޅުވާގޮތް ހަދާނެ މަދު ބަޔަކު ނުތިބޭނެއެކޭ ނޫނެވެ! މާތްﷲ ވަޙީކުރެއްވިއެވެ. (اللَّهއަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން ޢިލްމުވެރިންނެވެ.) ( سورة فاطر)
ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ނުފޫޒުހިންގުމަށް ޓަކައި ބޭނުން ކުރެވޭ އަނެއް އުކުޅަކީ ޖޭ.އެސް.ސީ.ގައި ސިޔާސީ މެންބަރުން ތިބެގެން އެމީހުނގެ ސިޔާސީ ފިކުރުގެ މައްޗަށް ބުރަވެތިބެ އެތަނަށް ނުފޫޒު ހިންގުމެވެ.
ފަނޑިޔާރުންގެ މުސްތަގިއްލު ކަމަށް ނުފޫޒު ހިންގުމަށް ޓަކައި ބޭނުން ކުރެވޭ ދެން ވެސް އޮތް އުކުޅަކީ ސުޕުރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގައި ތަދައްޚުލުވުމަށް ރައީސުލްޖުމުހޫރިއްޔާ އަށް ގާނޫނުން ލިބިދީފައިވާ ބާރުތައް ޢަދުލު އިންސާފުގެ އަސާސުތަކާ ޚިލާފަށް ބޭނުން ކުރުމެވެ.
އިސްވެދެންނެވުނު ކަންތައްތައް ބަދަލުކުރެވިގެންނޫނީ ޢަދުލުއިންސާފު ގާއިމު ނުކުރެވޭނެތީ މަގޭ ތަސައްވުރު ތިރީގައި އެވަނީއެވެ.
ހައްލު:
ހ- ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިސްލާހުކުރުމެވެ. އެ ގޮތުން ޖޭ.އެސް.އަކީ ހަމައެކަނި ފަނޑިޔާރުންނާއި ރިޓަޔަޑު ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ މަޖިލިސަކަށް ހެދުމެވެ.
ށ- ޤާނޫނު އަސާސީގެ 147ވަނަ މާއްދާއި 148ވަނަ މާއްދާއަށް އިސްލާހު ގެނައުމެވެ. އެ ގޮތުން ސުޕުރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާނީ ރައީސުލްޖުމުހޫރިއްޔާ މެދުވެރިވެގެންކަމުގައި އޮތް މާއްދާ އިސްލާހުކޮށް އެކަންކުރާނީ ފަނޑިޔާރުންގެ އާންމު ވޯޓަކުން ކަމަށް އޮތުމެވެ. ނުވަތަ ޖޭ.އެސް.ސީ.ގައި ފަނޑިޔާރުންނާއި ވަޒީފާއިން މުސްކުޅިވެފައިވާ ފަނޑިޔާރުން ތިބެގެން އެ މީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖެއްސުމާއި އަދި އުއްތަމަ ފަނޑިޔާރު ކޮންމެ ފަސް އަހަރަކުން ބަދަލުވާ ގޮތަށް ހެދުމެވެ.
ނ- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތައުލީމީ ހާލަތު ރަނގަޅުކުރުމެވެ. އެ ގޮތުން އެންމެ ދަށު ކޯޓުތަކާއި އެއާވިދިގެން އަންނަ ކޯޓެއްގެ ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގުރީ އޮތުންކަމުގައި ހަމަޖެއްސުމެވެ. އަދި ހައިކޯޓުގެ ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން އިސްލާމީ ޝަރީޢާއިން ދެވަނަ ދަރަޖައިގެ ޑިގުރީއެއް އޮތުންކަމުގައި ހަމަޖެއްސުމެވެ. އަދި ސުޕުރީމް ކޯޓުގެ ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން ޝަރުއީ ދާއިރާއިން ޕީ.އެޗް.ޑީ. އޮތުންކަމުގައި ހަމަޖެއްސުމެވެ.
ރ- އެއް މަރުޙަލާގެ ކޯޓުން އަނެއް މަރުޙަލާއަކަށް ބަދަލުކުރުމުގައި އަސާސީ ޝަރުޠަކީ އެއަށްވުރެ ދަށުގެ ހުރިހާ މަރުޙަލާއެއްގައި ކޮންމެ މަރުޙަލާއެއްގައި މަދުވެގެން ފަސް އަހަރުގެ ޚިދުމަތް ކޮށްފައިވުންކަމަށް ހަމަޖެއްސުމެވެ.
ޖޭ.އެސް.ސީ. އަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.
ލަނޑުދަނޑިއަކީ އިންސާފު ކަށަވަރުކޮށްދޭ، އިތުބާރުހިފޭ ޖަވާބުދާރީވާ ވިސްނުން ފަހި، ފަނޑިޔާރުގެއެއް ކަމުގައި ބުނެފައިވެއެވެ. ނަމަވެސް ފެނިގެންދިޔައީ ރަޙުމެއްނެތް ގޮތުގައި ދިރިތިއްބާ ފަނޑިޔާރުން ގަބުރަށް ލަމުންދިޔަ މަންޒަރެވެ. ފަނޑިޔާރުންގެ ސުލީކީ މައްސަލަތައް މިޑިޔާ ގައި އެމީހުންގެ ރުހުމުގައި ނޫނި ހާމަ ކުރުންބެލެވޭނީ ރަހުމު ކުޑަ، އިންސާނީ ކަރާމާތް ގެއްލޭފަދަ އަމަލަކަށެވެ. އަދި މިފަދަ އަމަލު ތަކަކީ ޤާނޫނު އަސާސީ ގެ 54 ވަނަ މާއްދާ އިން މަނާކުރާ ކަމެކެވެ.
ނަމަވެސް ފަނޑިޔާރުންގެ ސުލީކީ މައްސަލަތަކުގެ ނަމުގައި މިޑިޔާގައި އެ މީހުންގެ ނަން ހަޑިކުރަމުން ޖޭ.އެސް.ސީ.ން ދިޔައީ އެއްވެސް ރަޙުމެއްނެތް ގޮތުގައި ދިރިތިއްބާ ފަނޑިޔާރުން ގަބުރަށް ލަމުން ގެންދާފަދަ ސިފައަކަށެވެ. ފަނޑިޔާރު ނިންމަވާ މައްސަލައަކާމެދު ހިތްހަމަ ނުޖެހޭނަމަ ދެން އޮތް މަރްޙަލާއަކީ އިސްތިޢްނާފް ކުރުން ކަމަށް ވިޔަސް އިސްތިޢްނާފަށް ހުށަހެޅުމުގެ ބަދަލުގައި ޖޭ.އެސް.ސީ.އަށް ފަނޑިޔާރުންގެ ސުލޫކީ މައްސަ ހުށަހެޅުމުން ބަލައިގަނެ ފަނޑިޔާރު ފަޟީޙަތްކުރުމުގެ ގޮތުން ނޫސްބަޔާން ތައް ނެރުމަކީވެސް ކުރީގެ ސަރުކާރުތަކުގެ ސިޔާސަތާ އެއްގޮތަށް ޖޭ.އެސް.ސީން ކުރަމުން ދިޔަކަމެކެވެ.
އަނެއްކޮޅުން ޖޭ.އެސް.ސީ. އެކުލެވިފައިއޮތީ ފަނޑިޔާރުންނަށް ރަޙުމުކުޑަ ގޮތަކަށެވެ. ފަޑިޔާރުންނަކީ އެއްވެސްބަޔެއްގެ ނުފޫޒެއް ނެތްބަޔަކަށް ވާންޖެހޭނެކަމަށް ގަނޫނު ބުނިއިރު ހަމަ އެ ގާނޫން ޖޭ.އެސް.ސީ އެކުލެވިފައިއޮތީ ވަރުގަދަ ސިޔާސީ ބާރެއްގެ މައްޗަށެވެ. އެފަދަ ސިޔާސީ ނުފޫޒުގަދަ ބަޔަކު ޖަވާބުދާރީކުރުވާ ބަޔަކަށް ފަނޑިޔާރުގެ ވުމުން ފަޑިޔާރުންގެ ޙާލަތު ސިފަކުރެވިގެން ދިޔައީ ޝިކާރުކުރުމުގެ ނަން މަޝްހޫރު ވަލު ޖަނަވާރުތަކެއްގެ މެދުގައި ޅަ ނިއަމިސޫއްޕެއް އޮތީހެންނެވެ. ޚަބަރު ލިބުނު ގޮތުގައި ޝިކާރީއަށް އަތުނުޖެހި ސޫފި ދުވާހެން ދުވަމުންގޮސް ބައެއް ފަނޑިޔާރުން ވަޒިފާއިން އަމިއްލައިން ވަކިވެ ޖާން ސަލާމަތް ކޮށްގަތެވެ. އަދި އަތްދަށުވި ބައެއް ފަނޑިޔާރުން ގަދަކަމުން ވަކިކޮށްފިއެވެ.
ކޮންމެއަކަސް ވޭތުވެދިޔަ ސަރުކާރުތަކުގެ ބޮޑުމަންޒަކަށްވީ ބައެއް ސިޔާސީ ނުފޫޒުން ކޯޓުގައި ތަޅުއަޅުވައި ފަޑިޔާރުގެ ހިސާރު ކުރުމެވެ. އަދި ބައެއް ސިޔަސީ ނުފޫޒުން ކޯޓުގެ ޓިނު ނަގާ ފުރާޅުން ފުންމައިގެން ބައެއް ފަނޑިޔާރުން ޝިކާރުކޮށް ގަތުމެވެ. އަދި މިސަރުކާރުގެ ވެސް ބޮޑު މަންޒަރަކީ ތިމަންނަ ޖުޑިޝަރީއަކާ ނުކުޅޭނަމޭ ބުނިކަމުގައިވިޔަސް ފަޑިޔާރުގެ ހިސާރުކޮށްގެން ސިޔާސީ މަގުސަދު ޙާސިލުކުރުމަށް މަސައްކަތްކުރުންކަން ޢަމަލީގޮތުން ދައްކުވައިފިމެއެވެ. ޢަދުލުއިންސާފުގެ ވާހަކަ އަޑުހަރުކޮށް ދައްކަވާ މީހުންނަށް ދަންނަވާލަން އޮތީ އެކަން އެގޮތަށް ތަންފީޒް ކުރެވޭނީ ތިމާމެންގެ ވިސްނުމާއި ބަހާއި ޢަމަލު މާތްﷲ ދެކެދެނެވޮޑިގެންވާކަން ހިތުގެ އަޑިން ގަބޫލުކޮށް އެގޮތަށް ޢަމަލުކޮށްގެނެވެ.
![]()
