އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނިއުޔޯކް ގެ މޭޔަރު ކަމަށް އަލަށް ހޮވިވަޑައިގެންފައިވާ ޒޮޙްރާން މަމްދާނީ ހުކުރުދުވަހު ވައިޓްހައުސްގައި ބައްދަލް ކުރައްވާފައިވާއިރު، އެބައްދަލް ވުމުގެ ނަތީޖާ ފެނިގެންގޮސްފައިވަނީ ގިނަބަޔަކު ހީކޮށްގެންތިބިގޮތާއި މުޅިން ޚިލާފަށެވެ.
ޕްރައިވެޓް ބައްދަލް ވުމަކަށްފަހު ރީތި ހިނިތުންވުމެއްގައި ހުންނަވާ ޒޮހްރާން މަމްދާނީ އޯވަލް އޮފީހުން ނިކުމެވަޑައިގެން ދެބޭފުޅުން ނޫސްވެރިންނާ ބައްދަލް ކުރެއްވިއިރު ދެބޭފުޅުންވެސް ފެނިގެން ދިޔައީ ”ރިލެކްސްޑް“ ނުވަތަ ހަމަޖެހިލާފައި ތިއްބެވިތަނެވެ. ސުވާލުތަކަށް ދެބޭފުޅުން ޖަވާބު ދެއްވަމުން ގެންދެވިއިރު ޓްރަމްޕް އެންމެ ފަހަރަކުވެސް މަމްދާނީ އާއި ދެކޮޅަށް އެއްޗެއްވިދާޅުވެފައެއް ނުވެއެވެ.އެއާޚިލާފަށް އެތައް ފަހަރަކު ތައުރީފް ކުރައްވާފައިވެއެވެ. މަމްދާނީ އަކީ ނިއުޔޯކަށް ރަގަޅު މޭޔަރަކަށް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށާ މަސައްކަތް ވަރަށް ފުރިހަމަވާނެކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ޒޮހްރާން ހިންގަވާ ނިއުޔޯކެއްގައި އުޅުއްވަން ރައްކާތެރިކަން އިހުސާސްކުރެއްވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.
ގިނަބަޔަކު ގަބޫލުކުރި ގޮތުގައި ޒޮހްރާން ވަނީ އޭނާގެ ”ކެރިސްމެޓިކް“ ޖާދޫގައި ރަނގަޅަށް ޓްރަމްޕް ޖައްސާފައެވެ.
ޕްރެސްކޮންފަރެންސްގައި، ދެބޭފުޅުންވެސް ކުރިން އެއްބޭފުޅަކު އަނެއްބޭފުޅަކާއި ދިމާލަށް ވިދާޅުވެފައި ހުރި ވާހަކަތާ އިދިކޮޅަށް ޖަވާބުދެއްވާފައިވެއެވެ. މަމްދާނީ އަކީ ”ޖިހާދިސްޓެއް“ ކަމަށް ޓްރަމްޕް ޕާޓީގެ އިސްވެރިޔަކު ބުނެފައިވާތީ އެކަމާ ގުޅުވާ އެއީ ތެދެއްތޯ ސުވާލުކުރުމުން ޓްރަމްޕް ވަނީ ވަގުތުން ”ނޫން،އެގޮތަކަށް ގަބޫލެއް ނުކުރަން“ ކަމަށް ޖަވާބު ދެއްވާފައެވެ.
ނޫސްވެރިން ކުރި ސުއާލުތަކަށް ސާބިތުކަމާއެކު މަމްދާނީ ޖަވާބުދެއްވަމުންގެންދެވީ އޭނާގެ ”އެފޯޑަބިލިޓީ“ މެސެޖު (ދިރިއުޅުމުގެ އަގުތައް ހެޔޮކޮށްދޭނެކަމުގެ ވަޢުދު) ގައި ވަރުގަދައަށް ހިފަހައްޓަވައިގެންހުންނެވުމާއި އެކުއެވެ.
ތަފްޞީލްތައް ހޯދުމަށް ނޫސްވެރިން ކުރި ހަރުކަށި ބައެއް ސުއާލުތަކުން މަމްދާނީ ދިފާޢުކޮށްދެއްވީ ސީދާ ޓްރަމްޕެވެ. ޓްރަމްޕަކީ ”ފެޝިސްޓެކޭ“ ކެމްޕޭނުގައި މަމްދާނީ ވިދާޅުވީ އަޞްލުގައި ވެސް އެކަން އެހެން އޮތީމަތޯ ނޫސްވެރިއަކު ކުރި ސުއާލަކާ ގުޅިގެން ޓްރަމްޕް މަމްދާނީގާތު ވިދާޅުވީ [ދެޓްސް އޯކޭ، ޖަސްޓް ސޭ ޔޭސް، އިޓްސް އީޒިއަރ ދޭން އެކްސްޕްލެއިނިންގ އިޓް، އައި ޑޯންޓް މައިންޑް] އެވެ. (އާނއެކޭ ބުނާށެވެ. ތަފްޞީލުތައް ކިޔާދިނުމަށްވުރެ މާ ފަސޭހަ ވާނެއެވެ. އަހަރެންގެ މައްސަލައެއް ނެތެވެ“)
މީޑިޔާ އަދި މީސްމީޑިއާ އުތުރިއަރައިގެންފައިވަނީ،ޓްރަމްޕް ނޫސްވެރިން ކުރިމަތީގައި މަމްދާނީއަށް ހެޔޮމިސްވަމުންގޮސް ފަހަތަށް އެނބުރި އޭނާ އަތުގައި ފިރުމައިލުން ފަދަ ކަންކަން ކުރެއްވުމުންނެވެ. ޓްރަމްޕް އިތުރަށް ވިދާޅުވީ މަމްދާނީގެ ވެރިކަމެއްގައި ނިއުޔޯކްގައި ދިރިއުޅުއްވަން އޭނާއަށް މާ އުފާވެރިވާނެކަމުގެ އިޙްސާސް ކުރެވޭ ކަމަށެވެ. އެއީ ލޯބީގެ ބައްދަލުވުމެއް (ލަވްފެސްޓްއެއް) ކަމަށް ވެސް މީސްމީޑިއާގައި ސިފަކުރެވުނީ، މިފަދަ އާދައާ ޚިލާފު އެތައް ކަމަކާހެދި އެވެ.
މަމްދާނީ، މި މުހިންމު ކާމިޔާބީ ހޯއްދެވީ، ސީދާ އޭނާގެ ސިޔާސަތު ތަކަށް އަމާޒުކޮށް، ޑިމޮކްރެޓުންގެ 86 މެމްބަރުން ރިޕަބްލިކަނުންނާ ގުޅިގެން، ސޯޝަލިސްޓް ބިރުވެރިކަމުން ސަލާމަތްވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން ޤަރާރެއް ފާސްކުރިތާ ގަޑިއެއްހައިއިރުވެސް ނުވަނީހެވެ. އެއާމެދު މަމްދާނީއާ ނޫސްވެރިއަކު ކުރި ސުއާލާގުޅިގެންވެސް އޭނާއަކީ ޑިމޮކްރެޓިކް ސޯޝަލިސްޓެއްކަން ތަކުރާރުކުރައްވަމުން އޭނާވިދާޅުވީ އެ ޤަރާރަކަށް މާބޮޑު ފަރުވާލެއް ނެތް ކަމަށެވެ.
މަމްދާނީގެ ކެމްޕޭނަށް ކުރިން ވަރަށް ބޮޑަށް ޓްރަމްޕް ފާޑުވިދާޅުވި ނަމަވެސް ހުކުރުދުވަހު ޓްރަމްޕް ވިދާޅުވީ އޭނާ ޕްރައިމަރީއަށް ނިކުތީއްސުރެ ވާނުވާ ބަލައި ހުރަސްއަޅައަޅައި ތިއްބައި ރޭޓިން މަތިވަމުންގޮސް ހަތްދިހައަށް އެރީމައި، ދެން އަތުނުވާނޭކަން އެނގި ހުއްޓައިލީ ކަމަށެވެ. އޭނާ ވިދާޅުވީ މަމްދާނީއަކީ ތަފާތު ބޭފުޅެއް ކަމަށް ގަބޫލު ކުރައްވާކަމަށާއި، އޭނާ ނިއުޔޯކުގެ ރައްޔިތުންނަށް ރަނގަޅުކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ އުއްމީދު ބޮޑުކަމަށެވެ.
މަމްދާނީ އާއި ޓްރަމްޕް އަކީ ވެސް ނިއުޔޯކްއަށް ނިސްބަތްވެ ވަޑައިގަންނަވާ ނިއުޔޯކްގެ ރެސިޑެންޓުންނެވެ.
ޓްރްމްޕާއި މަމްދާނީގެ ބައްދަލްވުމުގައި މަމްދާނީ އަށް ”ބަވާލަން“ ޓްރަމްޕަށް ކެރިވަޑައިނުގަތުން އެއީ ޓްރަމްޕްގެ ގަޓް ނެތިގެން ވީކަމެއް ނޫނެވެ. އެއީ މަމްދާނީ އެ ފުރުޞަތު އޭނާއަށް ނުދެއްވުމުން ވީ ގޮތެކެވެ. އަމިއްލަ އުސޫލުތަކުގައި މަމްދާނީ ހިފަހައްޓަވަނީ ވަކިހުދޫދު ތަކެއްގެ ތެރެއިންކަމާއި، މަޤްބޫލު ސަބަބުތަކެއް ހުރެގެންކަން ބަޔާންކޮށްދެއްވުނީތީ ވީގޮތެކެވެ.
އެމީހެއްގެ ޚިޔާލަށް އަނެކުން ލަންބުވައިލުމަކީ ”ކެރެސްމެޓިކް“ ލީޑަރުންގެ ޚާއްޞަ ސިފައެކެވެ. މިސިފަ ކިތަންމެ ބޮޑަކަށްވެސް އޭނާގެ ކިބައިގައި އެބަހުރިކަން މަމްދާނީ ވަނީ ސާބިތުކޮށްދެއްވާފައެވެ.
![]()
