“ އަފްގާނިސްތާނަކީ ބޮޑެތި ބާރުގަދަ ރަސްކަލުންގެ ގަބުރުސްތާން “ މިއީ އަފްގާނިސްތާނުގެ ގައުމިއްޔަތާ ގުޅިފައިވާ މުހާވަރާ ބަސްކޮޅެކެވެ.
އަޅުގަނޑުމެން އެވަނީ އަފްގާނިސްތާނުގެ މިހާރުގެ ޚާރިޖީވަޒީރު އާމިރު ޚާން މުއްތަގީ އިންޑިއާއަށް ކުރެއްވި އެއްހަފުތާގެ ދިގު ދަތުރުފުޅުގައި ޕާކިސްތާނަށް އަމާޒުކުރައްވައި ތަކުރާރު ކުރައްވާފައިވާ އެ ބަސްފުޅަކުން ސުވާލެއް ކޮށްފައެވެ. “ އަފްގާނިސްތާނާ ދެކޮޅުވެރިވުމުގެ ނަތީޖާ އިނގިރޭސި ވިލާތާއި ރަޝިޔާއާއި ނޭޓޯ އަދި އެމެރިކާއިން ކުރި ތަޖްރިބާއިން ލިބިގަންނާށެވެ. “ އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މި ބަސްފުޅަކި މީގެ ކުރިން އިސްލާމީ އިލްމުވެރިން ސޯޝަލް މީޑިއާގެ ޕްލެޓް ފޯރމް ތަކުގައިވެސް ބަހުސް ކުރައްވާފައިވާ ބަސްކޮޅެކެވެ. އަފްގާނިސްތާނަކީ ވަކި ގައުމަކަށް ލެނބިގެން އޮތް ގައުމެއް ނޫންކަމުގެ ބަހުސްތަކުގައެވެ.
މިއަދުގެ ދުނިޔޭގައި ބޮޑެތި ބާރުތަކުންވެސް އަފްގާނިސްތާން އަޅުވެތިކުރަން ބޮޑެތި ރޭވުންތަކެއް ރާވަމުންގެންދާތަންފެނެއެވެ. އަފްގާނިސްތާނަކީ މިޒަމާނުގެ ޗާޓުގައި ބޮޑު ގައުމެއް ނޫނެވެ. އެހެންނަމަވެސް އެ ގައުމުގެ މައްޗަށް ބާރުހިންގަން ފަހުގެ ތާރީޚުގައި ރަޝިޔާއިން އަދި އެންމެ ފަހުން އެމެރިކާއިންވެސް ވަނީ ހަނގުރާމަކޮށްފައެވެ. ރަޝިޔާއިން 1979 ވަނައަހަރު އެ ގައުމަށް އަރާގަތް ގޮތަށް ގާތްގަނޑަކަށް 9 އަހަރުދުވަސް ވާންދެން ގަދަކޮށްގެން ތިއްބެވެ. އެންމެފަހުން އެގައުމުން ފައިބަންޖެހުނީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާކުރުމަކީ ކާމިޔާބު ނުކުރެވޭނެ އުދަނގޫ ކަމެއް ކަމުގައި ރަޝިޔާގެ ލީޑަރ ގަރްބަޗޯފް އަށް ވިސްނި ވަޑައިގަތުމުންނެވެ. ވިއެޓްނާމްގައި އެމެރިކާއަށް ލިބުނު ނާކާމިޔާބު ގޯރބަޗޯފްގެ ލޯފުޅުގެ ކުރިމަތީގައި ތަމްސީލުވާން ފެށުމުންނެވެ.
2001 ވަނަ އަހަރު އެމެރިކާއިން އަފްގާނިސްތާނަށް އަރައިގަތީ އެ އަހަރު ސެޕްޓެމްބަރ މަހުގެ 11 ވަނ ދުވަހު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރގެ 2 އިމާރާތް ގޮއްވާލީ އަފްގާނިސްތާނުގެ ތާލިބާނުން ކަމުގެ ބަހަނާގައެވެ. ގާތްގަނޑަކަށް 25 އަހަރުވަންދެން އަފްގާނިސްތާނު ލޫޓުވައި އެތައްހާސް ބަޔަކު މަރާލުމަށްފަހު އެގައުމުން ފައިބަންޖެހުނީ ތާލިބާނުންނާ ދެކޮޅަށް ހިފާއްޓާ ނުލެވިގެންނެވެ. ހަނގުރާމަކުރަން ގެނައި ހުރިހާ ހަތިޔާރެއް ދޫކޮށްލާފައި ޖާނު ސަލާމަތްކުރަން ކަހަލަ ގޮތަކަށެވެ. ޔުނިވަރސިޓީ އޮފް ސަސެކްސްގެ އޭޝިއާ ސެންޓަރ ގެ އެންމެ އިސްވެރިޔާ މެގްނަސް މާރސްޑެން ގެ ނަޒަރުގައި އިނގިރޭސީންނާއި އެމެރިކާއިން އަފްގާނަށް އަރައިގަތީ އެ ސަރަހައްދާއި މީހުންގެ އާދަކާދަ ދަސްކުރުމަކާ ނުލައި އަދި ދިގު މުއަދަތެއްގައި ތިބެންޖެހިދާނެ ކަމަށް ބަލައި ހިނގާނެ ޚަރަދުވެސް އަންދާޒާކުރުމަކާ ނުލައެވެ. އަދި “ ބާރުގަދަ ރަސްކަލުންގެ ގަބުރުސްތާނު “ މި ނަން އަފްގާނިސްތާނުގައި ބޭނުންކުރަނީ އެގައުމަށް އަރައިގަންނަން މަސައްކަތްކުރާ ކޮންމެ މިލިޓްރީ ބާރަކުންވެސް ކުރިމަތިލާންޖެހޭނެ މިނެއްނޭންގޭ ދެކޮޅުވެރިކަން ރަމްޒުކޮށްދިނުމުގެ ގޮތުންކަންވެސް ނޭންގި ތިބެއެވެ.
އެމެރިކާ ލަޝްކަރުތައް އަފްގާނިސްތާނުން ފޭބުމާއެކު ގައުމުގެ ވެރިކަމަށް ވެރިވެގަތީ އަނެއްކާވެސް ތާލިބާނުންނެވެ. ހަމަ އެދުވަހުން ފެށިގެން އަފްގާނިސްތާނާއި ޕާކިސްތާނުގެ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަން ފަށައިފިއެވެ.
އަފްގާނިސްތާނުގެ ފަހުގެ ތާރީޚުގެ ފުރަތަމަ ސަފްހާއަށް ބަލާލާއިރު ފެންނަނީ 1839 ގައި ފެށުނު އެންގްލޯ-އަފްގާން ހަނގުރާމައެވެ. އެއީ ބްރިޓިޝް އިންޑިއާގެ ލަޝްކަރުތަކުން ކާބުލްއަށް ވެރިވެ ގަތުމަށް ކުރި ހަނގުރާމައެވެ. ޖެހިގެން އައި 80 ވަރަކަށް އަހަރުތެރޭގައި ބްރިޓިޝް އިންޑިއާގެ ލަޝްކަރުތަކުން ކާބުލް އަތުލައިގަތުމަށްޓަކައި ނާކާބިޔާބު ހަރަކާތަތަކެއް ހިންގާފައި ވެއެވެ. ތާރީޚުން އެނގޭ ގޮތުގައި ބްރިޓީޝް އިންޑިއާގެ ލަޝްކަރުތައް އަފްގާނިސްތާނުން ފައިބައިގެން ދާކަށްވެސް ފުރުސަތެއް ނުލިބުނެވެ. ލަޝްކަރުތައް އެކުގައި ކަހަލަގޮތަކަށް އެ ތަނުގައި ނިމިގެން ދިޔައީއެވެ. ބްރިޓިޝް-އިންޑިއާގެ ލަޝްކަރުތަކުން އަފްގާނިސްތާނުގައި ނާކާމިޔާބުލިބި އެ ލަޝްކަރުތަކުން މަދުބަޔަކަށް މެނުވީ ފުރާނައާއިގެން ސަލާމަތް ނުވެވުނީ އެ ލަޝްކަރުތަކުގައިހުރި ހަތިޔާރުތަކުގެ މައްޗަށް ކުރި އިތުބާރުގެ ސަބަބުންނާއި އަދި އަފްގާނިސްތާނުގެ މުޖާހިދުން ހަނުގުރާމަކުރާ ގޮތް އެއްވެސް ވަރަކަށް އެނގިފައި ނެތުމުން ކަމަށް އަފްގާނިސްތާނުގެ މަޝްހޫރު ޖާރނަލިސްޓް ޔޫސުފް ޒާއީ ބުނެފައިވެއެވެ.
އިނގިރޭސީންނާއި ރަޝިޔާ އަދި ނޭޓޯއާއި އެމެރިކާގެ ސިފައިން އަފްގާނިސްތާނަށް އަރާގަތުން ސިފަ ކުރެވިފައިވަނީ ’“ އަފްގާނިސްތާނަށް ވަދެގަތުމަކީ އުދަނގޫ ކަމެއް ނޫނެވެ. އެކަމަކު ފުރާނަ ސަލާމަތް ކޮށްގެން އަފްގާނިސްތާނުން ނިކުމެގެން ދިއުމަކީ ވަރަށް އުދަނގޫ ކަމަކަށް ވާނެއެވެ. “ މިހެންނެވެ. ދުނިޔޭގެ ތާރީޚް އެނގެންފެށި ހިސާބުންވެސް އަފްގާނިސްތާނަކީ މުޖާހިދުން ( ހުޅަނގުގެ ބަހުރުވައިގާ ޓެރަރިސްޓުން ) ނަށް ނިސްބަތް ކުރެވޭ ގައުމެކެވެ. އެއީ ތާލިބާނުން ކަމުގައިވިޔަސް ނުވަތަ އަލްގާއިދާ ނުވަތަ ޕާކިސްތާނަށް ނިސްބަތްކުރެވޭ ތަޙްރީކޭ ތާލިބާން ކަމަށްވިޔަސް ތަފާތެއް ނެތެވެ. އަފްގާނިސްތާނުގެ ބިމަކީ އެހެން ގައުމުތަކަށް ހަމަލާދިނުމަށް ތަމްރީނު ދިނުމުގެ މަރުކަޒުކަމުގައި ވިޔަ ނުދީ އެފަދަ ޖަމާއަތްތަކާދެކޮޅަށް ފިޔަވަޅުއެޅުމަށް ބައިނަލް އަގްވާމީ ދުނިޔެއިން ގޮވާ ގޮވުންތަކަށް އަފްގާން ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ. ޕާކިސްތާނަށް ބަލާއިރު އަފްގާނިސްތާނާއެކު 2500 ކިލޯމީޓަރުގެ ބޯރޑަރެއްގައި ދުވާލަކު އެތައްހާސް މީހުން އެއްގައުމުން އަނެއް ގައުމަށް ގޮސް ހަދާ އުޅެއެވެ. 2 ގައުމުގެ ރައްޔިތުން ބޯރޑަރ ހުރަސްކޮށް ވިޔަފާރިކުރަމުން ގެންދެއެވެ. ރައްޔިތުންމެދުގައި ފެންނަނީ އަޚް ވަންތަ ކަމެވެ.
އަފްގާނިސްތާނުގެ ޖާރނަލިސްޓް ޔޫސުފްޒާއިގެ ނަޒަރުގައި އަފްގާން-ޕާކިސްތާނުގެ ރުޅިވެރިކަން ފެށިގެން އައިސްފައިވަނީ ޕާކިސްތާނުން ބާރުގެ ބޭނުންކޮށްގެން ޕުސްތުންގެ ބިންތައް އަތުލާގަތް ހިސާބުންނެވެ. މި ދުވަސްވަރު އަފްގާނިސްތާނަކީ ހުޅަނގުގެ ދަތިކުރުންތަކުގެ ޝިކާރައަކަށް ވެފައިވީނަމަވެސް އެ ގައުމުގެ ރައްޔިތުންގެ އިއްޒަތުއްނަފްސާއި ގަބޫލުކުރާ އިންސާނީ ކަރާމާތަކީ އެމީހުންގެ އީމާންކަމުގެ އަސާސް އެވެ. ކިތަންމެ ބާރުގަދަ ގައުމެއްގެ ކުރިމަތީގައިވެސް އަފްގާނިސްތާން ނިކަމެތިކަމާއެކު ބޯ ނުލަނބާނެއެވެ. އަދި އެބައިމީހުންގެ އަގީދާއާއި ވެސް ނުކުޅެވޭނެއެވެ.
ތާރީޚުން ފެންނަ ހެކިތަކަށްބަލާއިރު ބާރުގަދަ ގައުމުތަކުން އަފްގާނިސްތާނަށް އަރައިގަތުމަށް މަސައްކަތްކުރި ކޮންމެފަހަރަކު ކުރިމަތިލާންޖެހިފައިވަނީ ނާކާމިޔާބީއަށްކަން ފާހަގަކޮށް ވޯޝިންގްޓަންގެ ސައުތު އޭޝިއާ އިންސްޓިޓިއުޓުގެ ޑިރެކްޓަރ މައިކަލް ކަގްލްމަން ވާހަކަ ދައްކާފައި ވެއެވެ. އަފްގާނިސްތާނުގެ ފަރުބަދަތަކާއި ވާދީތައް ރަނގަޅަށް އެނގުމަކާ ނުލައި ހަނގުރާމަ ކޮށްގެން އެގައުމު އަތުލުމަށް ސިޔާސަތު ރޭވުމަކީ ބާރުގަދަ ލަޝްކަރުތަކުން ނާކާމިޔާބީއާއި ކުރިމަތިލާންޖެހޭ މައިގަނޑު ސަބަބުކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
އަފްގާނިސްތާނަކީ މުޅިސަރަހައްދަށްވެސް ވަރަށް މުހިންމު ބައިވެރިއެކެވެ. ދާދިފަހުން އިންޑިއާއާއި ޕާކިސްތާނުން ބަދަލުކުރި ހަމަލާތަކުގައިވެސް އަފްގާނިސްތާނުން އެއްވެސް ފަރާތަކަށް ބުރަވެފައެއް ނެތެވެ. އަފްގާނިސްތާނަކީ ބޮޑެތި ރަސްކަލުން ނުވަތަ ބޮޑެތި ބާރުތަކުގެ ގަބުރުސަތާނަކަށް ވެފައިވަނީ ޖިއޯގްރަފީގެގޮތުން އެ ގައުމު އޮތް ތަނާއި އެ ގައުމުގެ ރައްޔިތުންގެ ވިސްނުމާއި އާދަކާދަ އަދި ސިޔާސީ ވެށި ރަނގަޅަށް ނޭންގިތިބެ އެ ގައުމަށް ވަދެގަންނަން މަސައްކަތް ކުރުމުންނެވެ. ނަތީޖާއަކަށް ވެގެންދަނީ ފުންމިން އެނގުމެއް ނުވާ ޚަރަދުތަކެއްގެ ތެރެއަށް އެ ލަޝްކަރުތައް ވެއްޓިގެން ދިއުމެވެ. އަފްގާނިސްތާނު އޮތް ޖިއޯގްރަފީގައި އެ ގައުމު ދަސްކުރުމަކީ ވެސް ބޭރުގެ ބާރުތަކަށް ކުރެވޭނެކަމެއް ނޫނެވެ. ޖިއޯގްރަފީގޮތުން އަފްގާނިސްތާނަކީ މަރުކަޒީ އޭޝިޔާއާއި އޭޝިޔާ ގުޅުވާދޭ ދޮރާއްޓެވެ. ގުދުރަތީ މުއްސަނދިކަން އިންތިހާއަށް ލިބިފައިވާ ބިމެކެވެ. ތަފާތު ގިނަ ގަބީލާތަކެއްގެ މައްޗަށް އެކުލެވޭ ގައުމެކެވެ. ބޭރުގެ ބާރުތަކުން އަފްގާނިސްތާނު އަޅުވެތިކުރަން ބޭނުންވަނީ އެ ގައުމުގެ މަގާމާއި މުއްސަނދިކަން ބަނޑުދަށު ލުމަށްޓަކައެވެ. ތަފާތު ގަބީލާތަކަކަށް ބެހިފައި ވުމުން އެގައުމު އަޅުވެތިކުރުމަކީ އުދަނގޫކަމަކަށް ނުވާނެ ކަމަށް ހީކޮށް ބާރުގަދަ ގައުމުތަކުން ނޭންގުމެއްގެ ތެރެއަށް ފުންމާލަނީއެވެ. މާޒީގެ ތާރީޚުގައި ބާރުގަދަ ކިތަންމެ ރަސްކަމެއް އަފްގާނިސްތާނަށް އަރާގަންނަން ވަނީ މަސައްކަތްކޮށް ނާކަމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. “ ބާރުގަދަ ރަސްކަލުންގެ ގަބުރުސްތާން “ މި ވަނަން އެގައުމަށް ލިބިފައިވަނީ މިސަބަބަށްޓަކައެވެ.
![]()
