ވިއެޓްނާމް އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 41 މީހުން މަރުވެއްޖެ

Loading

November 21, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ވިއެޓްނާމްގެ މެދުތެރޭ ހިސާބުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން ދިމާވި ތަފާތު ހާދިސާތަކުގައި މަދުވެގެން ސާޅީސް އެއްމީހުން މަރުވެ ބެޑެތި ގެއްލުންތައް ލިބިއްޖެއެވެ. މަރުވިކަން ޔަގީންވި މީހުންގެ އިތުރުން ނުވަ މީހުންނަށް ވީގޮތެއް ނޭގި އަދިވެސް ހޯދަމުންދާކަމަށް ސްޓޭޓް މީޑިޔާއިން ހަބަރުދީފައިވެއެވެ.

ބޯވާރޭގެ ސަބަބުން 52ހާސް ގެޔަށް ފެންވަދެފައިވާއިރު ބައިމިލިއަނެއްހާ ގެއިން ކަރަންޓުވެސް ކެޑިފައިވާ ކަމަށް ވެއެވެ.

ވިއެޓްނާމްގެ ބޮޑު ސަރަހައްދަކަށް ފާއިތުވި ތިން ދުވަހުވެސް ވަރަށް ބޯކޮށް ވާރޭ ވެހިފައިވާއިރު، އެންމެ ބޯކޮށް ވާރޭވެހުނު އަހަރު ކަމަށްވާ 1993 ގައި ވެހުނު ވަރަށް ވުރެ މިހާރު އިތުރުވެފައިވާކަމަށްވެއެވެ.

މިފަހަރުގެ މޫސުމީ ކާރިސާގެ ސަބަބުން އައްސޭރިފަށާ ކައިރި ސިޓީތަކަށް ބޮޑެތި ގެއްލުން ވެފައިވާއިރު މީގެތެރޭގައި ކޮފީދަނޑުތައް ހިމެނެއެވެ. މިދަނޑުތަކަކީ މީގެ ދެތިންމަސްކުރިންވެސް ކުރިމަތިވި މޫސުމީ ކާރިސާ ގެ ސަބަބުން ބޮޑެތިގެއްލުން ތައް ލިބުނު ސަރަހައްދުތަކެވެ.

މީގެ ދެމަސްކުރިން ވިއެޓްނާމް އަށް ކުރިމަތިވި ދެތޫފާން ކަމަށްވާ ”ކަލްމައެގީ“ އަދި ”ބޫއަލޮއީ“ ގެ ސަބަބުންވެސް އެތައްބަޔަކު މަރުވެ ދަނޑު ބިންތަކަށް ބޮޑެތި ގެއްލުން ވެފައި ވެއެވެ.

ވިއެޓްނާމް ސަރުކާރުން ބުނެފައިވާ ގޮތުގައި މިއަރުގެ ޖެނުއަރީ މަހުން އޮކްޓޯބަރުމަހަށް ވިއެޓްނާމް އަށް ކުރިމަތިވި ގުދުރަތީ ކާރިސާތަކުގެ ސަބަބުން 2 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

މިފަހަރުކުރިމަތިވެފައިވާ ކާރިސާގައި ކުރިމަތިވި ގެއްލުންތަކަށް ބަލާއިރު ދަނޑުބިންތަކާއި މަގުތައް ހިމެނޭގޮތުން ބޮޑެތި ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ އިތުރުން، ލަމްޑޮންގ ކިޔާ ޕްރޮވިންސްގައި އަޅާފައިވާ ސަސްޕެންޝަން ބްރިޖެއް ވެއްޓިފައިވެއެވެ.އެޕްރޮވިންސްގެ މަގުތަކާއި ހައިވޭތައް ފެނުގެ ސަބަބުން ބަންދުވެފައިވާއިރު އެހިސާބުގައި މިހާރުވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައެވެ.

އާދީއްތަދުވަހާ ހަމަޔަށްވެސް ވިއެޓްމާމް އަށް ވާރޭ ވެހެމުންދާނެ ކަމަށް މޫސުމާބެހޭ އިސާރާއިން ބުނެފައި ވެއެވެ.         

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް