މިސްރުގެ ސައިނާއި ޕެނިންސޫލާއާއި ސައޫދީ އެރޭބިއާ ގުޅުވާދޭ ބްރިޖެއް އަޅަނީ

Loading

Facebook
Twitter
WhatsApp

މިސްރުގެ ސައިނާއި ފެނިންސުލާ ސަރަހައްދާއި ސަޢޫދީ އެރޭބިއާ ވަކިކުރާ ޓިރާން ކަނޑުއޮޅި ހުރަސްކޮށް 4 ބިލިއަން އެމެރިކާ ޑޮލަރ ހޭދަކޮށްގެން ބްރިޖެއް އަޅަން ޢަރަބް ސަޢޫދީ އިން ގަސްދުކުރި ޚަބަރެއް މީޑިއާއިން ގެނެސްދީފާވެއެވެ. 32 ކިލޯމީޓަރގެ ދިގު މި ބްރިޖް ބިނާކުރަން ޢަރަބް ސަޢޫދީން މިސްރުން މިހާރުވަނީ ނިންމާފަކަމަށް ބުނެއެވެ.


މި ބްރިޖްގެ ސަބަބުން ސަޢޫދީ ރެޑް ސީ ތެރެއަށް ހުޅުވިފާއޮންނަ ރަސް ހާމިދް އިން މިސްރުގެ ސައިނާއި ޕެނިންސުލާގެ ޝަރްމް އަލް ޝޭޚް ގުޅުވާދޭނެއެވެ. މި ބްރިޖްގެ ނަމަކަށް އިޚްތިޔާރު ކުރެވިފައިވަނީ މޫސާގެ ފާނު ރެޑް ސީ ހުރަސްކުރެއްވުމުގެ ހަނދާންތައް އާކޮށްދިނުމުގެ ބޭނުމުގައި “ މޫސާގެފާނު ބްރިޖް “ ނުވަތަ މޯޒަސް ބްރިޖް އެވެ.
މި ބްރިޖްގެ ސަބަބުން އޭޝިއާއާއި ގަލްފުގެ ގައުމުތަކާއެކު އުތުރު އެފްރިކާވެސް މިސްރުގެ ތެރެއިންލާފައި އެއްގަމު މަގުން ގުޅުވިގެން ދާނެއެވެ. ނަތީޖާއެއްގެ ގޮތުން ވިޔަފާރިއާއި ޓްއަރިޒްމް އަދި ޙައްޖުގެ ދަތުރުތަކަށްވެސް އިތުރު ލުއިފަސޭހަ މަގެއް ހުޅުވިގެން ދާނެއެވެ.
މި ބްރިޖް އެޅުމުގެ ހުރިހާ ޚަރަދެއް ކުރާނީ ސައޫދީ އިންނެވެ. އަދި މި ބްރިޖް އެޅުން ސަޢުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާނުގެ 2030 ގެ ތަސައްވުރުގައި ވަނީ ހިމަނާފައެވެ.
މި ބްރިޖްގެ ސަބަބުން ސިޔާސީގޮތުން އިސްރާއީލަށް އިތުރު ބޮލުރިހުމަކާއި ކުރިމަތިލާން ޖެހޭނެކަމަށްވެސް ބެލެވެއެވެ. އެހެންނަމަވެސް މި އެޅޭ ބްރިޖްގެ ސަބަބުން އޭޝިއާއާއި އެފްރިކާ ގުޅުވައިދިނުން ވެގެންދާނީ އޭޝިއާއާއި އެފްރިކާގެ ތަރައްގީއަށްޓަކައި މީގެކުރިން އުންމީދުވެސް ކުރެވިފައިނެތް ކާމިޔާބު ވަސީލަތަކަށެވެ.
މޯޒަސް ބްރިޖްގެ ސަބަބުން ހުޅުވިގެންދާ އެއްގަމު މަގުގެތެރޭގައި އިންޑިއާ-މެދުއިރުމަތި އަދި އިރުމަތީ ޔޫރަޕްގެ ގައުމުތައް ހިމެނޭ އިކޮނޮމިކް ކޮރިޑޯރ ( އައި. އެމް. އީ. ސީ. ) ދެމިގެންދާނީ އިސްރާއީލުގެ ތެރޭއިން ކަމަށް ހީކޮށް އިސްރާއީލުން ބަލަބަލާތިބީ އައި އެމް އީ ސީ ގައި މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު އެމީހުނަށް ލިބޭނެކަމަށެވެ.
އެހެންނަމަވެސް އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ އަނިޔާވެރި ސިޔާސަތުގެ ސަބަބުން ބްރިޖް އުސްއަލިތަކު ތެރޭގައި ހިމެނޭ ކޮރިޑޯރ ހުޅުވިގެންދާނީ އިރާގާއި ސީރިޔާގެ ތެރެއިން ކަމަށާއި އިސްރާއީލުގެ ތެރެއަށް ނުވަންނާނެކަމަށް މިހާރުވަނީ ނިންމާފައެވެ. ތަޖްރިބާކާރުން ދެކޭގޮތުގައި މިއީ އިސްރާއީލަށް ލިބިގެންދާނެ އަގުބޮޑު ފިލާވަޅެކެވެ. އަދި ލިބިގެންދާ މި ފިލާވަޅަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ޗެލެންޖް ކުރަން ގަސްދުކުރާނަމަ އެ ފިލާވަޅުން ލިބޭ ނަތީޖާވަރަށް ހިތިވާނެއެވެ.
މޯޒަސް ބްރިޖް ގެ އެންމެހާ ޙަރަކާތްތައް ހިންގަމުން ގެންދާނީ ޢަރަބް ސަޢޫދީ އާއި މިސްރުން އެކަށައަޅާ ގޮތެއްގެ މަތިންނެވެ. މި ބްރިޖް އެޅުމުގެ ވިސްނުންފުޅު ސަޢޫދީ ރަސްގފާނު ސަލަމާން ގެންގުޅުއްވާތާ ކިތަންމެ ދުވަހެކެވެ.
މިކަމަށް މަގު ފަހިކުރުމުގެ ގޮތުން މިސްރުގެ ސަނާފިރް ޖަޒީރާ އާއި ޓިރާން 2017 ވަނައަހަރު ސަޢޫދީ އެރޭބިއާއިން ވަނީ ގަނެފައެވެ. އެއަށްފަހު މި ބްރިޖްގެ ޕްލޭން ފައިނަލް ކުރެވި މިސްރުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ކަމާލް އަލް ވަޒީރް ވަނީ މިސްރުގެފަރާތުން އެ ހުށައެޅުން ބަލައިގެންފައެވެ. މިހާރު އޮތީ ބްރިޖްގެ މަސައްކަތް ފަށާ ހިސާބުގައެވެ.
ބްރިޖް އަޅަން ނިންމާފައިވާ ޓިރާން ކަނޑުއޮޅިއަކީ އިސްރާއީޅަށް ވަރަށް ޙައްސާސް ސަރަހައްދެކެވެ. މިއީ ސަޢޫދީ އެރޭބިއާއާއި މިސްރުގެ ސައިނާއި ޕެނިންސުލާ ވަކިކޮށްދޭ ވަރަށް ހަނި ކަނޑުއޮޅިއެކެވެ. ކަނޑުމަގުން ޖޯރޑްންގެ ހަމައެކަނި ބަނދަރު އަގަބާއަށާއި އިސްރާއީލުގެ ރެޑްސީއަށް ހުޅުވާލެވިފައިވާ ހަމައެކަނި ބަނދަރު އީލާތަށް ދެވޭނީ ޓިރާން ކަނޑުއޮޅީގެ ތެރެއިންނެވެ. ކޭމްޕް ޑޭވިޑްގެ އެއްބަސްވުމުގައިވާ ގޮތުން އެ ބްރިޖް އެޅުމަށާއި އެ ބްރިޖާ ގުޅިގެން ހިންގޭ އެއްވެސް ޙަރަކާތަކަށް އިސްރާއީލުން ދެކޮޅު ނުހެދޭނެކަމަށް ބުނެއެވެ. (ބަލަންތިބެމާ؟)
މޯޒަސް ބްރިޖް ޢިމާރާތް ކުރެވިގެންދާނީ މިސްރުގެ ސައިނާއި ސަރަހައްދުގައި ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރއަށް އަށް ޢަރަބް ސަޢޫދީ ގުޅުވައިދޭ ލޮޖިސްޓިކެއްގެ މައްޗަށެވެ. މިކަމަށް ބޭނުންވާ އެއްގަމު ދަތުރު ފަތުރާއި ރޭލުގެ މަގުވެސް ހުޅުވިގެން ދާނެއެވެ. ހަމަ އެއާއެކު އެފްރިކާއިން ހައްޖަށް އައުމާއި އެއްގަމު މަގުންގަލްފުގެ ގައުމުތަކަށް އައުމަށްވެސް މަގު ފަހިވެގެން ދާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ސުއޭސް ކެނަލްގެ ޚިދުމަތަށް ބުރޫއަރައިފިނަމަ ދުނިޔޭގެ އިގްތިސާދަށް ހެޔޮ އެއްބާރުމަކަށްވެސް ވެގެންދާނެއެވެ.
މޯޒަސަ ބްރިޖް އުފަންވެގެން މިއަންނަނީ 2023 ވަނައަހަރު ގުރޫޕް އޮފް 20 ( ޖީ-20 ) ގެ ބައްދަލު ކުރުމުގައި އިރުމަތީގެ ގައުމުތަކާއި ހުޅަނގުގެ ގައުމުތަކުން އިގްތިސާދީ ކޮރިޑޯރެއްގެ ޚިޔާލު މޭޒުމައްޗަށް ގެނެވިފައި ވަނިކޮށެވެ.
އިންޑިއާގެ ބަނދަރުތަކުން ޔޫރަޕްގެ ގައުމުތަކަށް މުދާ ފޯރުކޮށްދެވޭނެ ކޮރިޑޯރެއް އުފެދިގެންދާނީ އިސްރާއީލުގެ ތެރެއިންލާފައި ކަމަށް ނަތަންޔާހޫ ހުރީ އުންމީދު ކޮށްގެންނެވެ.
2023 ގެ ދެކޮޅުވެރިކަން ފެށުމާއެކު އެގޭކުރިން އެމެރިކާއިން ބާރުއަޅަމުން ގެންދިޔަ ސަޢޫދީ- އިސްރާއީލުގެ ގުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސައޫދީގެ ވިސްނުން ހުރިގޮތެއް ދެނެގަތުމަށްޓަކައި ނެގުނު ވޯޓުގައި %80 އަށްވުރެން ގިނަ ރައްޔިތުން އިސްރާއީލާއެކު އެއްވެސް ގުޅުމެއް އުފައްދާކަށް ބޭނުމެއްނުވެއެވެ.
މި ހޯދުމުގެ މައްޗަށް ބިނާކޮށް ސައޫދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސައޫދު ވިދާޅުވެފައިވަނީ އިސްރާއީލާއެކު ސަޢޫދީން ގުޅުން އުފެއްދުން މޭޒުމަތިންވެސް ބޭރުކޮށްލެވިއްޖެ ކަމަށެވެ.
ސަޢޫދީ އެރޭބިއާއިން ކުރިއަށް ރާވާފައިހުރި މަޝްރޫއުތަކާއި އަދި މިހާރު ފެށިގެން ކުރިއަށްދާ އެއްވެސް މަޝްރޫއެއްގައި އިސްރާއީލަށް ފުރުސަތެއް ނެތްކަން ވަނީ އެނގި ހާމަވެފައެވެ. ސަޢޫދީ އެރޭބިއާއިން މިހާރުވެސް އިންޑިއާއާއި ތުރުކީއާއި އިރާގް އަދި ސީރިޔާގައިވެސް ވަރަށް ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކުރިއަށް ގެންދާކަމަށް މީޑިއާތަކުން އެނގިފައި ވެއެވެ.
އިސްރާއީލުގެ ދީނީ އަދި ސިޔާސީ ހަރުކަށި ސިޔާސަތު އެކުވެރިކަމާއި އެއްބައިވަންތަ ގުޅުމަކަށް ބަދަލު ކުރެވިއްޖެނަމަ ވޯޝިންގްޓަންގެ އެހީއާއެކު މުސްތަގްބަލްގައި އައި. އެމް. އީ. ސީ. ގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ދުރެއް ނޫންކަމަށް ޖިއޯޕޮލިޓިކްސް ތަޖްރިބާކާރުންގެ ރަޢުޔުގައި ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް