އަތޮޅުތަކުގެ އުމުރާނީ ތަރައްގީއަށްހަރުދަނާ ނިޒާމެއް ނެތުމުގެ ގޮންޖެހުން

Loading

Facebook
Twitter
WhatsApp

ޙަގީގަތަކީ ރާއްޖޭގެ އުމުރާނީ ތަރައްގީގެ ސިޔާސަތު މިވަގުތު އޮތީ ރާއްޖެތެރޭގެ ވަކި ސަރަހައްދަކަށް އިސްކަން ދީގެން އެ ސަރަހައްދާ ނުކަތާވަރަށް އިމާރާތްތައް ކޮޅަށްޖަހައި އެތަންތަނަށް ރާއްޖެތެރޭގެ ނިކަމެތީން ގެނަސް ތޮއްޖެއްސުމެވެ. ނަތީޖާއެއްގެ ގޮތުން އެ އިމާރާތްތަކާއި އެ ސަރަހައްދެއްގެ މާހައުލާއި އެތަނެއްގެ އެކަތިއަނެކައްޗާ ގުޅިފައިވާ ގުޅުމުގެ އިޖުތިމާޢީ ރަނގަޅު ނިޒާމެއް ނުހުރެއެވެ. އެ ތަންތަނުގައި ޖާގައިގެ ދަތިކަމާއި ކޮޓަރިތަކުގެ ކުޑަކަމާއި އަދި ބައެއް އިމާރާތްތަކަށް އަރަން ލިފުޓުގެ ދަތިކަމާއި އަދި އެނޫނަސް އެތަންތަނުން ނިކުންނަށް އިޖުތިމާއީ ބައިވަރު މައްސަލަތަކެއް ފާހަނގަކުރެވެއެވެ.

ހަމައެހެންމެ ރާއްޖޭގެ މަގުތައް ހެދިފައިވާ ގޮތަށް ބަލާއިރު ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރެވިފައިވާ ކަމަކަށް ނުބެލެވެއެވެ. ވާރޭ ވެހިއްޖެ ނަމަ ހަށިނުކާ ހިސާބަށް ފެން ބޮޑުވުމާއި ނަޖިސްތަކެތި މަގުމަށްޗަށް އޮޔާ ދަމަމުން އެތަކެތި ދުވާރަށް ބީހެމުން ދިއުމަކީ ވަރަށް ވެސް އާދައިގެ ކަމެކެވެ. ކަން މިހެން ހުރުމާއެކު އުމުރާނީ ތަރައްގީގެ ރޮނގުން މަގޭ ތަސައްވުރު ތިރީގައި ވެވަނީއެވެ.

ހައްލު:

ހ- އަތޮޅުތަކުގައި ގެދޮރުވެރިކަން ތަރައްގީކުރުން 

ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގައި އެތަނެއްގެ އާބާދީގެ ނިސްބަތުން ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހަދައި އެކަން ރާއްޖެތެރޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތަންފީޒުކުރުމެވެ.

ށ- ބޯހިޔާވެހިކަމުގެ ސިފަތައް ގާނޫނަކުން ގިންތިކުރުން      

ބޯހިޔާވަހިކަމުގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކާއި ބޯހިޔާވަހިކަމުގެ ގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަން ޖެހޭ މައިގަނޑު ސިފަތައް ގާނޫނަކުން ގިންތިކުރުމެވެ. މިސާލަކަށް އިމާރާތާއި ކޮޓަރިތަކުގެ ބޮޑުމިން ކަނޑައެޅުމާއި ކޮންމެ އިމާރާތެއްގައި ކަސްރަތު ގެއެއް ހުރުމާއި، ކުޑަ ފިހާރައެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއި އެ އިމާރާތެއްގައި އުޅޭނެ މީހުންގެ ނިސްބަތަކުން އެއްތަންވެވޭނެ މާލަމެއް ހުރުމާއި އެ އިމާރާތެއްގައި ހުރި ކޮންމެ ބޯހިޔާވެއްސަކަށް އެ އިމާރާތެއްގެ ދަށު ފަންގިފިލާތަކުގައި ނުވަތަ އެ ކޮށީގައި ކާރު ގަރާޖެއް ހުރުމާއި، އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތަށް ބުރުނައަރާ ފަދަ ތަނެއްގައި އިޖުތިމާއީ ޚިދުމަތަށް ޖާގަ ހުރުމާއި އަލިފާން ނިއްވުމުގެ ވަސީލަތްތައް ހުރުމާއި، އިމާރާތުގެ ހުރި ގެތަކުގެ ނިސްބަތަކުން ލިފުޓުތައް ހުރުމާއި އިމާރާތުގެ އިދާރީ ކަންތައްތައް ހިންގޭނެ ތަނެއް ހުރުމާއި، އިމާރާތުގެ ވަށައިގެން ގަސްއިންދާނެ ރޭވުމެއް ފަރުމާކުރެވިފައިއޮތުމާއި އަދިވެސް އިތުރު ކަންކަމެވެ.

ނ- ބޯހިޔާވަހިކަމަށް ފަންނީ އެހީތެރިކަން ދިނުން

އާއްމުންގެ ބޯހިޔާވަހިކަމަށްފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ދެވޭނެ ގޮތެއް އަތޮޅުތަކުގައި އިންތިޒާމުކުރުމެވެ. މިހާރު ވެސް ގެދޮރުއެޅުމަށް ދަރަނީގެ ނިޒާމެއް ވަނީ ތައާރުފުވެފައެވެ. ނަމަވެސް ފައްނީ އެހީތެރިކަމުގެ އަތެއް ނުވެއެވެ. އޭގެ ނަތީޖާއަކަށް ވަނީ ރާއްޖެތޭރޭގެ މީހުން ލޫދިފުކުރިގެން ލިބިގަންނަ ދަރަނިތަކުން ބިނާކުރެވޭ ގެތަކުގައި ހުންނަންޖެހޭ އެތެރޭގެ ރީތިކަމާއި ބޭރުގެ ފުރިހަމަކަން ނެތުމެވެ. އެހެންކަމުން ލުއި އަގެއްގައި އާއްމުންނަށް ބޯހިޔާވެހިކަން ރާވައިދީ މަޝްވަރާދޭވެނެ ނިޒާމެއް އަތޮޅުތަކުގައި އުފެއްދުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ސަރުކާރުން ދީގެން ވާގިވެރިވުމެވެ.

ރ- މަގުތައް ހެދުމުގެ ދަރަޖަތައް ގާނޫނަށް ވެއްދުން 

     ދިވެހިރާއްޖޭގައި މަގުތައް މިހާރު ހަދާ ގޮތަކީ އަވަސްއަރުވާލައިގެން ކުރީގައި ހެދިފައި ހުރި މަގުތަކަށް އެހުރި ގޮތަކަށް ބަހައްޓައިގެން ތާރުއަޅައި އޮމާންކޮށްލުމެވެ. ދެން އާއްމުންގެ އަތަށް ދޫކޮށްލުމެވެ. އެއަށްފަހު އާއްމުން އޭގެ މަތީގައި ހިތުހުރި ގޮތަކަށް އުޅަނދުތައް ދުއްވަން ފެށުމުގެ ނޭދެވޭ ނަތީޖާއަކީ މަގުމަތީގެ ހާދިސާތައް ގިނަވުމާއި ހިނގައިބިނގައިއުޅޭ މީހުންނަށް އަނިޔާލިބުމެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން މަގޭ ތަސައްވުރު ބިނާވެފައިވަނީ މަގުތައް ހެދުމުގެ ދަރަޖަތައް އެކުލެވައި އެއަށް ގާނޫނީ ހައިސިއްޔަތު ދިނުމެވެ. އަދި ބޭނުންވާ ފަންނީ އެހީތެރިކަން ދުނިޔޭގެ އެނރޮނގުން ކުރިއަރާފައިވާ ގައުމުތަކުން ލިބިގަތުމެވެ. މަގެއް ހަދަނީ ނަމަ ކޮންމެހެންވެސް ކަށަވަރުކުރުރަން ޖެހޭ މުހިންމު ކަންތައްތައް ބައިނަލްއަގުވާމީ ދަރަޖައަށް ބިނާކޮށް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް