ޣައްޒާ ހަނގުރާމާއާ ގުޅޭ ގަރާރަށް ޔޫ އެން ސެކިއުރިޓީ ކައުންސިލްގެ ވޯޓް

Loading

Facebook
Twitter
WhatsApp

ގާއްޒާގެ މުސްތަގްބަލާބެހޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުށައަޅާފައިވާ ގަރާރަށް ޔުނައިޓެޑް ނޭޝަންސްގެ ސެކިއުރިޓީ ކައުންސިލުން ވޯޓަށް އަހަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމަށް މަގު ބަންދުކުރާނެކަން އިސްރާއީލުގެ ބޮޑުވަޒީރު އިއުލާންކޮށްފިއެވެ.

އެމެރިކާގެ ރައީސް ހުށައަޅުއްވާފައިވާ ގަރާރުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފަންކުރުމުގެ ފުރުސަތު ވަނީ ވަރަށް ފަނޑުގޮތަކަށްހުޅުވާދީފައެވެ.
ނަތަންޔާހޫގެ ޒުވާބަކީ އިސްރާއީލާ އިންވެގެން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުން ހަމާސް ބޭނުންގޮތަކަށް ކަންތައްކުރުމުގެ މަގު ފަހިވެގެން ދިޔައީއެވެ. އެހެންނަމަވެސް މިފަހަރު ޔޫ އެން ސެކިއުރިޓީ ކައުންސިލްގައި ވޯޓަށް އަހަން ތާވަލްކުރެވިފައިވާ ގަރާރަކީ އެމެރިކާއިން ހުށައަޅާފައި ގަރާރަކަށްވުމުން ކުރީފަހަރުތަކުގައި އެމެރިކާއިން ވީޓޯ ކުރުން މެދުވެރި ވާނެކަމަކަށް ނުބެލެވެއެވެ. އަދި އެ ގަރާރުގައި ގައްޒާގައި ހިނގަމުންދާ ގަތުލު އާންމު ހުއްޓުމާއި އަދި އޭގައި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ފުރުސަތު ހުޅުވިފައި ވުމާއެކު އެމެރިކާއިން ވީޓޯ ނުކުރާނެ ކަމަށް ބެލެވޭތީ ނަތަންޔާހޫއަށް ކުރިމަތިލާން ޖެހިފައިވަނީ މީގެ ކުރިން އޭނާ އުންމީދުވެސް ނުކުރާ ހާލަތެކެވެ.
އެމެރިކާގެ ރައީސް ހުށައަޅާފައިވާ ގަރާރުގައި ބައިނަލް އަގްވާމީ ލަޝްކަރަކުން ގައްޒާގައި ވަގުތީ ގޮތުން ހަރަކާތްތެރިވުން ހިމަނާފައިވާތީ ޗައިނާއާއި ރަޝިޔާ އަދި ބައެއް އަރަބި ގައުމުތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހަމާސްއާއި ފަލަސްތީނުންވެސް ވަނީ އެމެރިކާގެ ގަރާރަކީ ބައިނަލް އަގްވާމީ ލަޝްކަރެއް ބޭތިއްބުމުގެ ނަމުގައި އިސްރާއީލުގެ ފަރާތަށް އަދި އިސްރާއީލުން ބާރު ހިނގާނެ ލަޝްކަރެއް ހަރަކާތްތެރިކުރުވުން ކަމުގައި ބުނެ ދެކޮޅުވެރިކަން ފާޅުކޮށްފައެވެ. އަދި މި ލަޝްކަރުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާނެ ކަމަށެވެސް ބުނެފައިވެއެވެ. އަދި އެ ލަޝްކަރުގައި އެއްވެސް މިންވަރަކަށް އިސްރާއީލުގެ ސިފައިންނަށް ފުރުސަތު އޮވެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. މި ގަރާރު ސެކިއުރިޓީ ކައުންސިލްގައި ފާސްކުރުން ރަޝިޔާއާއި ޗައިނާއިން ހުއްޓުވުންވެސް އެކަށީގެންވެއެވެ. އެ 2 ގައުމުން މި ގަރާރާދޭތެރޭ ބުނެފައިވަނީ މިއީ ފަލަސްތީނުގެ މައްސަލަ އަނެއްކާވެސް އެތައްޒަމާނަކަށް އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި އިސްރާއީލުގެ ބޫޓުގައި ތިބެގެން އެމެރިކާއިން ކުރަމުންގެންދާ ކަމެއް ކަމުގައެވެ. ފަލަސްތީނުގެ އިސް ސިޔާސީބޭފުޅުންވެސް ގެންދަވަނީ ހަމަމިމޭރުމުން އެބޭފުޅުންގެ ވިސްނުންވެސް ތަކުރާރު ކުރައްވަމުންނެވެ.
އިސްރާއީލުގެ ކެބިނެޓްގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ ހަމާސް އަތުން ހުރިހާ ހަތިޔާރެއް އަތުލާނެކެމަށެވެ. ލުއިގޮތަކަށް އަތު ނުލެވިއްޖެއްޔާ ކިތަންމެ ބަރުގޮތަކަށް ކުރިމަތިލާން ޖެހުނަސް އެކަންކުރާނެކަމަށެވެ.
އެމެރިކާގެ ގަރާރުގައި ފަލަސްތީނުގެ މިނިވަންދައުލަތެއްގެ ވާހަކަ އައިސްފައިވަނީ ތަންކޮޅެއް ލުއި ބަހުރުވައަކުން ކަމުގައިބުނެ ވަގުތީ ލަޝްކަރުގައި ސިފައިން ޝާމިލުކުރަންޖެހޭ ގައުމުތަކުންވެސް ގެންދަނީ ފާޑު ކިޔަމުންނެވެ. އިސްރާއީލާ އިންވެގެން ފަލަސްތީނުގެ މިނިވަންދައުލަތެއް އޮވެގެން މެނުވީ މެދުއިރުމަތީގައި ސުލްހަ ގާއިމް ނުކުރެވޭނެކަމަށްވެސް އެ ގައުމުތަކުން ބުނެފައި ވެއެވެ. އެމެރިކާގެ ގަރާރުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރުސަތު ހުޅުވާދީފައި އޮތްނަމަވެސް ރަޝިޔާއިން ހުށައެޅި ގަރާރަށް ވުރެން ބަސްމަގު ބަލިކަށިކަމަށްވެސް ބުނެފައި ވެއެވެ.
އިސްރާއީލުގެ ހަރުކަށި ސީޔާސީ މީހުންގެ ސުވާލަށް ޖަވާބު ދެމުން ނަތަންޔާހޫބުނެފައިވަނީ އަހަރެންގެ ވިސްނުން ބަދަލު ނުވާކަމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން އަޔަ ނުދޭނެ ކަމަށެވެ. ގައްޒާގައި ހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރު އިނގިރޭސި ވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިއާއިން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ރަސްމީގޮތުން އިއުތިރާފްވުމާގުޅިގެން ނަތަންޔާހޫ ހުރި ރަތަށް އަރާފައެވެ. އަދި އެ 3 ގައުމުން ހަމާސްއަށް ދިން ހަދިޔާއެއްކަމަށްބުނެ ގެންދަނީ މަލާމާތް ކޮށް ރުޅިވެރިކަން ފާޅުކުރަމުންނެވެ.
ހުޅަނގު އައްސޭރީގައި ވަގަށް ވަޒަންވެރިވެގެންއުޅޭ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ މުދާތައް ފޭރުން އާންމުވެ މުޅި ސަރަހައްދަށް ފެތުރިގެން ގޮސްފައިވާކަމަށް ފަލަސްތީން ސަރުކާރާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ބައިނަލް އަގްވާމީ ދުނިޔޭގެ ހޭލުންތެރިކަމަށް ގެނައުމުން އިސްރާއީލުން ބުނެފައިވަނީ އެއީ އެ ގައުމުގެ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަމަށެވެ.
ގައްޒާގައި ހިންގަމުން ގެންދިޔަ ގަތުލް އާންމު ބައިނަލް އަގްވާމީ ފިއްތުންތަކާހުރި ތަންކޮޅެއް މައިތިރި ވެފާއޮތުމުން މިހާރަކަށް އައިސް އިސްރާއީލުގެ ސިފައިންގެ ގުރޫޕް ތަކުންނާއި އަމިއްލަ ފަރުދުން ގެންދަނީ ހުޅަނގު އައްސޭރީގައި ހަމަލާތައް ގިނަ ކުރަމުންނެވެ. އިސްރާއީލުން ނިންމާފައިވވަނީ ހުޅަނގު އައްސޭރިއަކީ ދާއިމީގޮތެއްގައި އެގައުމުގެ ބަޔަކަށް ހެދުމަށެވެ. ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ހަރަކާތްތަކުގެ ސަބަބުން ގައްޒާގެ ދެކޮޅުވެރިކަމަށް ނިމުމެއް ގެނައުމަށް އެމެރިކާއިން ކުރަމުން މިގެންދާ މަސައްކަތަށްވެސް އަނދިރިކަން އެޅިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާކަމަށް މިދިޔަ ހަފުތާގައި އެމެރިކާގެ ކާރިޖީ ވަޒީރު މާރކޯ ރޫބިއޯވެސް ވަނީ ވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް