ގެދޮރުވެރިކަން ސިޔާސީކުޅިގަނޑަކަށް

222

މާލެ އަކީ ރާއްޖޭގެ އިދާރީގޮތުން ވެރިކަން ކުރާ ރަށް އެކަޏެއް ނޫނެވެ. އިގްތިސާދީ ގޮތުން އަދި ވިޔަފާރީގެ ރޮގުން ވެރިކަން ކުރާ ރަށަކީ ވެސް މާލެއެެވެ. ތަޢުލީމާއި ސިއްޙީ ގޮތުން ރަގަޅު މާޙައުލެއް ހޯދަން ބޭނުންނަމަވެސް ރާއްޖޭގެ ނިސްބަތުން ގިނަ ރަށްތަކަކީ އެކަށޭނަ މާޙައުލެއް އޮތް ތަނަކަށް ނުވެއެވެ. އަމިއްލަ ފަސްގަނޑު ދޫކޮށް މި ކުޑަ ރަށަށް ފުރަމާލެއަށް ނުކަތާވަރަށް މީހުންޖަމާވީ މިހެންވެއެވެ. ރަށްރަށުގައި ހުރި އަމިއްލަ ބޮޑެތި ގެދޮރުތައް ދޫކޮށް ކުޑަ ކުޑަ “ކޮތަރުކޮށި” ފަދަ ތަންތަނަށް ޖަމާވާން ފެށިީ މިހެންވެއެވެ. ނަތިޖާއަކަށް ވެގެންދިޔައީ މާލޭގެ ބިން ކުޑަވެ، ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެގެންދިއުމެވެ. ތަފާތު ކުށްތަކުގެ މައިނާރަކަށް މާލެ ވެގެންދިއުމެވެ. މިއާއެކު ރައްޔިތުންެގެ ހެވާ ލާބައަށްޓަކާ މި ނޫންގޮތެއް ހޯދަން ވެއްޖެކަން އޭރުގެ ސަރުކާރުގެ އިސް ވެރިންނަށް ވިސްނި މިކަމުގެ ހައްލު ހޯދުމަށް ވިސްނަން މަޖުބޫރުކުރުވިއެވެ.

އެއީ މީގެ 23 އަަހަރުކުރިއެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމެވެ. އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން މާލޭ ތޮއްޖެހުމުން ސަލާމަތްކުރުމަށް ސަރުކާރުގެ އިސްފަރާތްތަކާއެކު ތެދުވިއެވެ. މިކަމުގައި އޮތްހައްލަކީ ހުޅުލޭ ފަޅުން ބިންހިއްކައި އެތަން އާބާދު ކޮށްގެންކަން އޭރުގެ ވެރިންނަށް ގަބޫލުކުރެވުނެއެވެ.

ހުޅުމާލެ ހިއްކުމުގެ ބޮޑު ބިޔަ މަޝްރޫއު އިއުލާންކޮށް އޭގެ މަސައްކަތް ފެއްޓެވީ ވަރަށްމަދު ވަސީލަތްތަކާއި ދަތި އުދަގޫތަކާ އެކުއެވެ. އޭރު ބިން ހިއްކާނެ ބޮޑު ބިޔަ ޖައްފާރާ އެއް ނޯވެއެވެ. މި މަޝްރޫ އަށް ބޮޑު ބަޖެޓެއް ވެސް ނެތެއެވެ. ސަރުކާރު ތެރެއިންވެސް މަޝްރޫއާ ދެކޮޅު ހެދި ފަރާތްތައް މަދެއްނޫނެވެ. ނަމަވެސް އޭރުގައިވެސް އެފަދަ ބޮޑު ބިޔަ ޕްރޮޖެކްޓެއް ހިންގެވުމަށް ބޭނުންވި އިޚުލާސްތެރި ވެރިންގެ އޮތް އެކަޗެއް އޮތެވެ. އެއީ  “އުންމީދު” އެވެ. އެބޭފުޅުންގެ އެ ބޮޑު ބިޔަ ތަސައްވުރެކެވެ.

އުންމީދީ ބޮޑު އަޒުމެކެވެ. އެއާއެކު މިކަމަށް ބޮޑު މަޝްރޫއެއް ކަނޑައަޅައި އެތަކެއް ހުވަފެންތަކެއް މަލޭގައި ދިރިއުޅޭ ފަރާތްތަކަށް ދެއްކިއެވެ. އޭރުގެ ސަރުކާރުގެ ވެރިންގެ ބުރަމަސައްކަތުން އެތައް ބައެއްގެ އުންމީދާއި ގުޅިފައި އޮތް ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ހުޅުލޭ ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށިއެވެ. ހަ އަހަރުތެރޭގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހި ހިއްކައި 12 މެއި 2003 ގައި މިރަށުގައި މީހުން ދިރިއުޅެންފެށިއެވެ.

ދުނިޔޭގެ އެހެންގައުމުތަކުގައި ހުންނަ މިފަދަ ބިޔަ ސިޓީތަކާ އެއް ފެންވަރަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ތަރައްގީކުރިއެވެ. އެދުވަސްވަރަކީ މާ މީޑިއާގައި ބައިސާކަނޑައިގެން މަސައްކަތްކުރާ ދުވަސްވަރެއްނޫނެވެ. އޭރުގެ ހައުސިން މިނިސްޓަރު މަޢުރޫފް ޖަމީލަކީ ބަސްމަދު ޢަމަލީ ޢިލްމީ ބޭފުޅެކެވެ. މާލެ އާ މުޅިން ތަފާތު ގޮތަކަށް ހުޅުމާލެ ވުޖޫދަށް ގެންނަވައި މީހުން ދިރިއުޅެން ވެށުނީއެވެ. ތަނަވަސް ފްލެޓްތަކާއި، ރޯހައުސް ތަކާއި ގޯތިތައް ދޫކުރިއެވެ. ގެ އެޅުމުގައިވެސް އެއްގެއާ އަނެއްގެއާ ދެމެދު ހުސްޖާގަ ހުންނާނެހެން ގެތަށް އެޅިއެވެ. އެއްބަޔަކު އަނެއްބަޔަކު މާބޮޑު މަސްހުނިވުމެއްނެތި ދިރިއުޅެވޭނެ މާހައުލެއް ގާއިމް ކޮށްދިނީ ފެހިކަން ގަދަ ތިމާވެއްޓާ ރައްޓެހި ހިތްގައިމު މާޙައުލް ތަކާއިއެކުގައެވެ. ކުޑަކުދިން ކުޅޭނެ ޕާކުތަކާއި މީހުންއެއްވާނެ މައިޒާންތައް ވަރަށްވެސް ފުރިހަމައެވެ. ޕާކްކުރާނެ ރަގަޅު އިންތިޒާމް ތަކާއެކު މަގުތައްވެސް ހަދާފައިވަނީ ދުއްވާ އެއްޗިއްސާއި ހިނގާ މީހުންނަށް ފަސޭހަ ވާނެހެން ތަނަވަސް ފުޅާކަމާއެކުއެވެ. ސަރުކާރުން އެޅި އިމާރާތްތަކުން އަތްފޯރާފަށުގައި ރައްޔިތުންނަށް ފްލެޓްތަކާއި، ރޯހައުސްތައް އަދި ގޯތިތައް ދޫކުރިއެވެ. އެއާއެކު މަޑު މަޑުން މީހުންތައް މާލެއިން ހުޅުމާލެއަށް ބަދަލުވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ގާތްގަޑަކަށް 40000 މީހުން މި ރަށުގައި އާބަދީ ވެއްޖެއެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހި ތަރައްގީކޮށް އެތައްހާސް ބަޔަކަށް އުފާވެރިކަން ގެނެސްދިނެވެ. މިވަރުންވެސް ފުދޭވަރެއް ނުވިއެވެ. ބޯހިޔާވަހިކަމަށް އެންމެ އެކަށޭނެ ލުޔެއް ނުލިބުނެއެވެ.

މައުމޫންގެ ވެރިކަން ބަދަލުވި އިރުވެސް ހުޅުމާލޭގައި ފްލެޓްތަކުގެ ގިނަ މަސައްކަތްތަކެއް ކުރިއަށް ދިޔައެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ފްލެޓްތަކުގެ ގިނަ މަޝްރޫއުތަކެއް ރަާވާފައި އޮތެވެ. ނަމަވެސް އެ ވެރިކަން ބަދަލުވެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމުގައި އެ މަޝްރޫއުތަކަށް ސަމާލުކަމެއް ނުދެވުނެވެ.

ނަޝީދުގެ ސަރުކާރުން  ތަޢާރަފް ކުރެއްވީ އާ ޕްލޭނެކެވެ. މާލޭން ކުދި ބިންކޮޅު ދޫކުރި ފަރާތްތަކަށް ހުޅުމާލެއިން 1200 އަކަފޫޓްގެ ގޯތިތައް ދޫކޮށް ސޯޝަލް ހައުސިން ސްކީމެއް ފެއްޓެވުން ފިޔަވާ އިތުރުކަމެއް ހުޅުމާލޭގައި ކުރެއްވުމަށް ބޭނުން ފުޅެއް ނުވިއެވެ. އޭގެ ބަދަލުގައި  ބޮޑަށް މަސައްކަތް ކުރެއްވީ ގުޅިފަޅު ހިއްކައި އެތަނުން ގޯތި ގެދޮރު ހޯދައި ދޭށެވެ. އޭގެ އިތުރުން އަތޮޅު އެކިރައްރަށުގައި ފުލެޓްތަކުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދެވިއެވެ.

ހުޅުމާލެ އަށް އާދިރުމެއް ދެން އައީ މައުމޫން ގެ ކޮށްކޯފުޅު އަބްދުﷲ ޔާމިން އަބްދުލްގައިގައްޔޫމްގެ ވެރިކަމުގައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބޮޑުމަޝްރޫއު ފެށުނީ މިހިސާބުންނެވެ. ޚާއްސަކޮށް ޒުވާނުންުގެ ސިޓީއެއްގެ ގޮތުގައި ޒުވާނުން ބޭނުންވާ ހުރިހާ ހަރަކާތަކާއެކު ތަރައްގީކުރާ ބޮޑު ސިޓީއެއް ބިނާކުރަން ނިންމައި އެކަން 15 ޖެނުއަރީ 2017 ގައި އަމަލީ މަސައްކަތް ފެއްޓެވިއެވެ.

ހުޅުމާލެ ހިއްކައި ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި މި ފަހަރު ހިއްކަން ނިންމީ 230 ހެކްޓަރުގެ ބިމެވެ. އެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި ހިއްކީ 188 ހެކްޓަރުގެ ބިމެވެ.

އެންމެ އަށް ވަރަކަށް ހަފްތާތެރޭ 240 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކައި ނިންމާލިއެވެ. އެއާއެކު 7000 ފްލެޓްގެ ބިޔަ މަޝްރޫއެއް ފެއްޓެވިއެވެ. ބަލަބަލާތިއްބާ ބޮޑެތި ބިލްޑިންތަކެއް ބާރު ސްޕީޑްގައި މައްޗައް އަރައިގަތެވެ. މިހިސާބަށް ފޯރުމަށްޓާކާ 200 މިލިއަން ޑޮލަރު ހޭދަކޮށް ރާއްޖޭގައި ކަނޑު ހުރަސްކޮށް އެޅި ފުރަތަމަ ބްރިޖްވެސް ހުޅުމާލެއާ ގުޅުވައިލިއެވެ.

ހުޅުމާލެއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެވެސް ރަށެއްކަމަށް ހަދުމަފުޅު ކޮދެއްވަމުން ކުދި ރަށްތަކުގެ މީހުން ހުޅުމާލެ ބަދަލުވުމަށް ތާއީދު ކޮށް އެފަރާތްތަކަށް އެކަމުގެ ދައުވަތުވެސް ދެއްވަމުން މަޝްރޫއުކުރިއަށް ގެންދެވިއެވެ. ރައްޔިތުން ބޭނުންވާނޭ އެންމެހާ ކަމެއް ވީކަމުގެ އިހުސާސް ކުރުވައިދިނެއެވެ.

ނަމަވެސް އާޚިރުގައި ކަންތައް މިވީ ހުޅުމާލޭ މަޝްރޫއު ފެށި މަގުސަދު ހާސިލް ވާނޭގޮަތަށްކަމަށް ބެލެވޭނެ ޖާގަ މިހާރުރަކު ނެތެއެވެ. ބަލަބަލާތިއްބާ މަށްޗަށް އަރައިގެންދިޔަ ރާއްޖެ މިހާތަނަށް ދެކެފައިނުވާ ބޮޑެތި ބިލްޑިންތަކުގައި ހުރި ފްލެޓްތަކަކީ އިންސާނުން އުޅެން އެކަށީގެންވާ ވަރުތަނެއް ނޫންކަމަށް މިހާރުގެ ސަރުކާރުން ބުނަންފެށީއެވެ. އެއީ ކޮތަރު ކޮށި ތަކެއްކަމަށް ވެސް އެމީހުން އެބަބުނެއެވެ. އެހެންކަމަށްވާނަމަ މާލޭގެ ކޮތަރުކޮށިތަކުން އަނެއްކާވެސް ބަދަލުވާން ޖެހެނީ ހުޅުމާލޭ ކޮތަރުކޮށިތަކަަކަށެވެ. އެއަށް ރަށްދުދެއްވާ ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ބަސްތަފާތެވެ. ކުރީސަރުކާރުން ކުލީގެ ގޮތުގައި ދައްކަންޖެހޭނެކަމަށް ހާމަކުރި އަދަދާއި މިހާރުގެ ސަރުކާރުން ހާމަކުރާއަދަދު މާބޮޑަށް ތަފާތުވަނީއެވެ. ފަސްހާހެއްހާ ރުފިޔާއަށް ދެވޭނެކަމަށް ކުރީ ސަރުކާރުން ބުނާ މި އެޕާޓްމަންޓްތަކަށް މިސަރުކާރުން ހާމަކުރާގޮތުންނަމަ  އެގާރަ ހާހެއް ހާ ރުފިޔާއަށް ނޫނީ ދެވޭކަށްނެތެވެ.

ރަށްޔިތުންނަށް ވާނުވާ އެގޭވަރެއްނުވެ ދުވަސްތަށް ފާއިތުވެ ދަނީއެވެ. ކުލިވެސް އޮޅުންބޮޅުމުގައެވެ. މާލޭ ތޮއްޖެހުމުން ސަލާމަތްކޮށް މާލެއަށް ދިމާވެފައިވާ ގެދޮރު ދަތިކަން ހައްލު ކުރުމުގެ މަގްސަދުގައިފެށި ހުޅުމާލެ މަޝްރޫއު ސިޔާސީވެއްޖެއެވެ. ރައްޔިތުން އުންމީދުކުރިގޮަތަށް ފްލެޓްތައް ނުލިބުނުތާގައި މާލޭ ތޮއްޖެހުމުން ހުއްޓުވުމަށް މަގްސަދުގައި ފެށި ހުޅުމާލޭ ބިޔަ މަޝްރޫއުގެ މަގްސަދާވެސް ފުށުއެރީއެވެ.

ގެދޮރުގެ ދަތިކަން ހައްލުކުރުމަށްވުރެބޮަޑަށް ސިޔާސީ ކުޅިގަނޑަކަށް ބަދަލުވީއެވެ. ކޮންމެ ވެރިކަމެއް އޮތަސް ދިވެހިން އުޅެންޖެހެނީ ދިވެހި ފަސްގަޑުގައެވެ. ކޮންމެ ވެރިކަމެއް ވެސް ގެންނަން ރައްޔިތުން މަސައްކަތްކުރަނީ ގިނަގުނަ އުންމީދުތަކާއެކު ކުރިއަށްވެރެ މާރަނގަޅުގޮތް ހޯދައިދޭން ސިޔާސީ ވެރިން ވާ ވަޢުދުތަކަށެވެ. ނަމަވެސް މިހާރު މިވަނީ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭ އެމީހުންގެ އުންމީދުތައް ވެސް ސިޔާސީ ހަލަބޮލިކަމުގެ ޝިކާރައަަށް ވެ ނިމިފައެވެ. ހަމަ އެހެންމެ ގުޅީފަޅުގެ ބިޔަ ބޯހިޔާވެހި ކަމުގެ މަޝްރޫޢުވެސް މިހާރު މިވަނީ ސިޔާސީ ކޯޅުމަކަށް ގޮސް ނިމިފައެވެ.

2 ހިޔާލުތައް

  1. މިގައުމުގެ ސިޔާސީ ވެރިންގެ ކޯޅުންގަޑައި ހެދި ރައްޔަތުންނަށް ބޯހިޔާވެހިކަން ހޯދައިދިނުމާއި އެހެނިހެންވެސް ޒަރޫރީ ކަންތަށް އެންމެ އެކަށޭނެގޮތެއްގައި ހަމަޖެހިގެން ނުދާނެ. އެއީ އަބަދުވެސް ވެރިކަމަށް އައުމާއިއެކު ކޮންމެ ބައެއްވެސް ބޭނުންވަނީ ކުރީ ސަރުކާރެއްގެ ނުބައި ނުލަފާކަމުން ރައްޔަތުންނަށް ކަމެއް ކޮށްނުދެވިއޮތްކަން ދެއްކުން. ޔާމީނު ސަރުކާރުގައި ހަމަ އެކަނި ތިބުނާފަދަ އަވަސް ސްޕީޑްގައި ކަންތަކެއް ވެގެންދިޔައީ. އެހެނަސް އޭރު އިންސާނީ ޙައްގުތަކެއް ގެއްލި އަނިޔާވެރިކަށް ހައްދުން ކެނޑިގެންގޮއްސާވާކަމަށް ބަޔަކަށްވިސްނިގެން ސަރުކާރު ބަދަލުއެވީ. ގުޅީފަޅުވެސް މިހާރު އެމްޑީޕީ ބޮޑުންގެ ތެރޭގައިވެސް ކޯޅޭވާހަކަ މާސްމީޑިއާއިން އެބަފެނޭ. ދެން ތިބުނިހެން މީސިޔާސީވެގެންގޮސް މިހާރު ހައްދުން ނެއްޓިފައިވާ ގައުމެއް. އަދި ނުވިތާކަށް ގެރިއަށް އަޅުކަންކުރާ ހިންދުގައުމުގެ
    ޕަޕެޓެކޭވެސް އެބަކިޔާ!

  2. އިންސާނުން އުޅެންނުވާވަރުގެ ކޮތަރުކޮށްޓެއްކަން އެނގޭނެ ބޭނުން މީހުންނަށް ފުލެޓަށްއެދޭ ފޯމް ދޫކޮށްބަލަ. ކޮޓަރިއެއްގައ 6 – 10 މީހުން ނިދާ ކައްކާ ހަދާ ތަން މާލެއިން ފެނުނުވާހަކަ އަޑުއެހީމު ކެމްޕޭންތެރޭގައި. ގައިމުވެސް އެމީހުނަށް ރަނގަޅުވާނެތާ ސިޓިންރޫމްއަކާއި ކައްކާނެ ތަންކޮޅެއް ހުރެފައި 2 ފާޚާނާގަނޑު ހުއްޓަސް. އެފްލެޓްތައް ދޫކޮށްލަދީބަލަ އާދެސް!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ