ދަރިފުޅު ގެޔަށް ގެންނަ ފްރެންޑުން ގެ ކަންތައް މާބޮޑުނަމަ ކުރެވިދާނެ ތިންކަމެއް

Loading

November 17, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ދަރިފުޅު ގެޔަށް ގެންނަ ހުރިހާ ކުދިންނަކީ އަހަރުމެން ”ލައިކް“ ވާ ކުދިންނެއްނޫނެވެ.ބައެއްކުދިންނަކީ އަދަބު އިހުތިރާމްގެ ކަންފުޅެއްވެސް ނެތް ކުދިންނަށްވާއިރު އަނެއްބައި ކުދިންނަކީ އޯވަރ ކޮންފިޑެންޓް، ނުވަތަ އަމިއްލަޔަށް މާ މޮޅުވެގަނެގެން އުޅޭކުދިނެވެ. އެއްބައިކުދިންނަކީ އަހާލުމެއްނެތި ގޭގަބަހައްޓާފަ ހުންނަ އެކި ކާއެއްޗެތި ނަގައިގެންކާ ކުދިންނެވެ. މި ހުރިހާ ކަމަކަށްވުރެ ބައެއްކުދިންނާ އެކުގައި އުޅުމުން އަހަރުމެންގެ ދަރިންގެ އުޅުން ގޯސްވެ ކުދިންނަށް ނޭދެވޭ އަސަރުކުރަން މެދުވެރިއަކަށްވާ ކުދިންވެސް އުޅެއެވެ.

އެފަދަ ކުދިންނާއެކީގައި ނޫޅޭށޭ ބުނެލަން ވަރަށް ފަސޭހައެވެ. އެހެން ނަމަވެސް އެގޮތުން މައްސަލަ ހައްލުނުވާނެކަމަށް އެކްސްޕަރޓުން ވިދާޅުވެއެވެ.

ދަރިން ތަރުބިއްޔަތު ކުރުމާބެހޭ ދެމާހިރުންވަނީ މައްސަލަ ހައްލުކުރެވިދާނެ ތިންގޮތެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

1) ދަރިފުޅުގެ ބައެއް ފްރެންޑުންނަށް ނުރުހެވެނީ ކީއްވެތޯ ފުރަތަމަ ޔަގީން ކުރާށެވެ.

ދަރިފުޅު ގެޔަށް ގެންނަ ރަހުމަތްތެރިންގެ ތެރެއިން ބައެއްކުދިންނާ މެދު އަހަރުމެން ހިތްހަމަ ނުޖެހެނީ ކަނޑައެޅިގެން ކީއްވެގެންތޯ ޔަގީން ކުރާށެވެ.އެއީ ބޮޑެތި މީހުންނަށް އިހުތިރާމް ނުކުރާތީތޯ،ކުދިން ބުލީ ކުރާތީތޯ އަދި ނޫނީ ނުރައްކާތެރި ކަންކަން ކުރާތީތޯ،ނޫނީ ހަމަ ކުއްޖާ ކުރާ ކޮންމެ ކަމަކުން ފޫހިވާ އަދި ބޮލަށް އުނދަގޫވާ ގޮތެއް ވަނީތޯ ބެލުން މުހިންމު ކަމަށް މާހިރުން ވިދާޅުވެއެވެ.މިގޮތުން ”ރިއެކްޓް“ ކުރުމުގެ ކުރިން ތިބާގެ ނަފްސް ވެސް އޮޑިޓް ކޮށްލުން މުހިންމު ކަމަށް ވިދާޅުވެފައިވެއެވެ.އަދި ”ލައިކް“ ނުވާ ކުދިން ކުރާ، އަހަރުމެންކަންބޮޑުވާ ކަންތައްތަކަކީ އެއީ އެކަމަކުން ގެއްލުމެއް ލިބިދާނެފަދަ ކަމެއްތޯ ނޫނީ ހަމައެކަނި ފޫހިވާ ގޮތެއްހުންނަ ކުއްޖަކީތޯ ބަލާށެވެ.

މައްސަލަ އަކީ ނުރައްކާތެރި ”ބިހޭވިއާ“އެއް، އަދި ނޫނީ ބުލީކުރުންފަދަ ކަމެއްނަމަ ބެލެނިވެރިން އަވަސް ހަރުކަށިފިޔަވަޅު އަޅަންޖެހޭނެއެވެ. ނަމަވެސް އަދަބު ސަދަބު ބަހައްޓަން ނޭގުންފަދަ ކަމެއްނަމަ ކުދިންގެ އުޅުން ހުންނަން ތިބާ އެދޭގޮތް ކިޔާދޭށެވެ.

މިސާލަކަށް އެކުގައި ބަހަކުން ދަތުރު ކުރާއިރު އަމިއްލަ ދަރިން ކުރިމަތީ ހުންނަގޮނޑިޔަށް ފައިލާނަމަ އަމިއްލަ ދަރިންނަށް އެކަން މަނާކުރާދައިން ދަރިންގެ ފްރެންޑުން އެކަންކުރިނަމަވެސް މަނާކުރާށެވެ.

ބައެއްފަހަރު ދަރިންގެ ފްރެންޑުންގެ ކިބައިން ފެންނަ ހިތްހަމަ ނުޖެހޭ ސިފަތައް އަށަގަންނަނީ އެކުދިންގެ ބެލެނިވެރިން ގެންގުޅޭ އުސޫލުގެ ސަބަބުންނެވެ.މިސާލަކަށް ބައެއް މައިންބަފައިން އެމީހުންގެ ދަރިންނަށް ބަޑިޖަހާ ގޭމްތައް ކުޅެން މަނާކޮށްފައިވާއިރު ބައެއްކުދިންނަށް މިނިވަންކަމާއެކު އެފަދަ ގޭމްތައް ކުޅެވެއެވެ.

މިފަދަ ހާލަތްތަކުގައި ގޭމްތައް ހުއްދަކުރާ ބެލެނިވެރިނާ ވާހަކަ ދައްކާލުމުންވެސް މައްސަލަ ހައްލުވާ ކަމަށް އެކްސްޕާޓުން ވިދާޅުވެއެވެ.

 2) ވަކި ފްރެންޑާކާ އެކީއުޅުމަށް ކުދިންނަށް މަނާ ނުކޮށް ކުދިންނާ ވާހަކަ ދައްކާ، ކުދިންނަށް ވިސްނޭގޮތަށް ބުނެދޭށެވެ.ވަކި ކުއްޖަކާއެކީ ނޫޅުމަށް ސީދާ އަމުރުކޮށްފިނަމަ ، ސިއްރުން ނަމަވެސް އެކުދިންނާ ވާހަކަ ދައްކާނެ ކަމަށް މާހިރުން ވިދާޅުވެއެވެ. ސީދާ މަނާކުރުމުގެ ބަދަލުގައި އެފަދަ ކުދިންދެކެ ދަރިފުޅު ލައިކްވަނީ ކީއްވެތޯ، އެކުގައި ކުރެވެނީ ކޮންކަންތައްތަކެއްތޯ އަދި އެކުދިންނާ ދަރިފުޅުގެ ހުރީ އެއްގޮތް ކޮންކަންތައްތަކެއްތޯ އަހާށެވެ. ޖަވާބުގައި ކުދިން ދައްކާ ވާހަކަ އަޑުއެހުމުގެ މާނައަކީ، ނުރުހޭސިފަތައްހުންނަ ފްރެންޑުންނަށް ބެލެނިވެރިޔާ ރުހުމެއް ނޫނެވެ. ނަމަވެސް ކުދިންނާއެކު އެފަދަ ވާހަކަ ދެއްކުމުން ކުދިންގެ އިތުބާރު ބެލެނިވެރިންނަށް ލިބޭނެއެވެ.

ކުދިންނާ މިގޮތުނަށް ވާހަކަ ދައްކާ ގޮތާއި ވަގުތަށް ސަމާލުކަން ދޭށެވެ.ރުޅިއައިސްފަ ، ހަރުކަށިކަމާއެކު ވާހަކަ ދައްކައިފިނަމަ ކުދިން ”ޝަޓް ޑައުން“ ވާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.ވަކި ފްރެންޑެއްގެ ކިބައިން ފެންނަ ވަކިކަންތައްތަކަކާމެދު ހިތްހަމަ ނުޖެހޭކަން ކިޔާދީ އެސިފަތައް ދަރިފުޅު ނަކަލުކުރުމަށް ނުރުހޭކަން ބުނެދޭށެވެ.މިގޮތަށް ހެދުމުން އެކުއްޖަކާއެކީ އުޅުން ސީދާ މަނާނުކޮށް ކުދިންގެ އުޅުން ބަހައްޓަންވީ ގޮތް ރަތްރޮގަކުން ދައްކާދެވިދާނެއެވެ.

3) ރަހުމަތްތެރިންގެ ސަރކަލް ފުޅާކޮށްލާށެވެ.

ތިބާހިތްހަމަ ނުޖެހޭ ސިފަތަކެއްހުރި ކުއްޖަކާއެކު ދަރިފުޅު މާގާތްކޮށް އުޅޭނަމަ ފްރެންޑް ސަރކަލް ފުޅާ ކޮށްލާށެވެ.މިގޮތުން އެހެން ބައެއް ފްރެންޑުންނަށް ދައުވަތުދީގެން ގެޔަށް ގެނެވިދާނެއެވެ.“ކަޒިންސް“ ވެސް ގެޔަށް ގެނެވިދާނެއެވެ. އަދި ނޫނީ ސްޕޯޓްސް ކްލަބަކާ ގުޅުވާ،  އިތުރުގަޑީގެ ބައެއް ހަރަކާތް ތަކުގައި ބައިވެރި ކުރުވިދާނެއެވެ. މިގޮތުން އިތުރު ކުދިންނާ ބައްދަލް ކުރުވުމުންވެސް މައްސަލައިގެ ފޯކަސް ބަދަލުވެ މައްސަލަޔަށް ހައްލު ލިބެއެވެ. 

ކުދިން އުފައްދާ އެއްވެސް ފްރެންޑްޝިޕް އަކީ އަބަދަށް ދެމިގެންދާ ކަމެއް ނޫންކަން ހަނދާން ކުރާށެވެ. ކުދިންގެ ރަހުމަތްތެރިކަމުގެ ގުޅުންތަކަކީ މަރުހަލާތަކެއް އެކުލެވޭ ކަމެކެވެ.އެހެން ކަމުން ނުރައްކާތެރިކަމެއްނެތްނަމަ، ކަމެއް މަނާކުރުމުގެ ކުރިން ގާތުން ބަލާލުމަށް ދުވަސްކޮޅަކު މަޑުކޮށްލާށެވެ.

ކުދިންގެ ބައެއް ފްރެންޑުންނަކީ ހަމައެކަނި ހޫނު މޫސުމުގައި އެކުއުޅޭ ފްރެންޑުންނަށް ވެއެވެ.އަދި ޓީނޭޖް އުމުގައި ބައެއްފަހަރު ބެލެނިވެރިން ނަށް ޖެއްސުމަށްވެސް ބައެއްކުދިން ”ނުރަގަޅު“ ކުދިންނާއި އެކުގައި އުޅެއެވެ.

ކުދިން ނުރަނގަޅު ފްރެންޑުންގެ ކިބައިން ސަލާމަތް ކުރުމަށް އެންމެ ރަގަޅުގޮތަކީ ތިބާ ކުޑައިރު ދިމާވި ކަންތައްތަކާ ކުރެވުނު ތަޖުރިބާތަކާއި،އެކުއުޅުނު ކުދިންގެ ވާހަކަތައްކިޔައިދީ، އޯގާތެރިކަމާ ރަގަޅުސިފަތައް އެކުލެވޭ ރަހުމަތްތެރިކަމެއްގެ މޮޑެލް އެއްގެ މިސާލު ދެއްކުމެވެ. އެގޮތަށް ކަންތައް ކުރުމުން ކުދިންވެސް އެފަދަ ރަހުމަތްތެރިން ހޯދަން މަސައްކަތް ކުރާނެކަމަށް މާހިރުން ވިދާޅުވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް