އެނާ

Loading

November 17, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

އަހަރެންގެ ނަމަކީ އެނާ އެވެ. އެދުވަހު އޮފީސް ނިންމާލުމަށްފަހު އަހަރެން ޕޯސްޓް އޮފީހަށް ދިޔައީ ޕޯސްޓް ކޮށްލަން ހުރި ބައެއް ޑޮކިއުމަންޓް ހުރީމައެވެ.އެއީ ކުޑަކޮން ވާރޭވެސް ވެހެމުން ދިޔަ ދުވަހެކެވެ.

އަހަރެން ގޮސް ޕޯސްޓް އޮފީސް ކައިރީ ކާރު ޕާކް ކޮށްފަ ކުޑައެއް ހިފައިގެން ފޭބިވަގުތު ވަޔާ ކުޑަ ފަތް ޖެހުނެވެ.ހެމުން ހެމުން އަވަސް އަވަހަށް ކުޑަ ރަނގަޅު ކޮށްލުމަށްފަހު ހިނގައިގަތް ތަނާ އުމުރުން ދުވަސްވީ އަންހެނަކު ކައްސާލައިގެން ޕޯސްޓްއޮފީސް ކައިރިޔަށް ވެއްޓުނުތަން ފެނުނެވެ.އޭނައަތުގައި އޮތް ރީދޫކުލައިގެ ސިޓީ އުރަވެސް ވިއްސައިގެންގޮސް ޖެހުނީ ޗަކަސް ހެދިފައިވާ ތަނެއްގައެވެ.  

އަހަރެން ބާރަށް ގޮސް އޭނަ ނަގާ ކޮޅަށް ޖެހީމެވެ. އަދި ”މެޑަމް އޯކޭ ތޯ“ އަހާލުމުން ކަކުލުގަ އަތް ކާއްތާލަމުން އާއެކޭ ބުނެ އަހަރެންނަށް ޝުކުރު އަދާކުރިއެވެ.އަހަރެން ސިޓީ އުރަ ބިންމަތިން ނަގާ އޭނައަތަށް ދިނުމުން ތިޔައީ ވަރަށް މުހިންމު ސިޓީއެކޭ ބުންޏެވެ.

ސިޓީގައިހިފަން އަތް ދިއްކޮށްލިއިރު އޭނަގެ އަތް ތުރުތުރު އަޅައެވެ. އެހެން ކަމުން އޭނައެކަނި ބަހައްޓާފަ ދުރަށް ދާކަށް އަހަރެންގެ ހިތެއް ނުރުހުނެވެ.އަދި ބުނީމެވެ. ޕޯސްއޮފީސް ތެރެޔަށް އަހަރެންނާއެކީ އަންނާށެވެ.

އޭނާގޮވައިގެން ޕޯސްއޮފީސް ތެރެޔަށް ވަދެ އޭނާސިޓީ ޕޯސްކުރަން ފައިސާ ދެއްކުމަށް ވޮލަޓް ނުފެނިގެން އުޅުމުންވެސް އެހީތެރިވެދިނީމެވެ. ދޭށޭ އަހަރެން ޕޯސްޓް ކޮށްލަދޭނަމޭ ބުނެ ސިޓީ އަތުލައިގެން އެކަން ނިންމާ ދިނީމެވެ.ސިޓީ ދިންއިރު އޭގައިވާ އެޑްރެހަކަށް އަހަރެން އެއްވެސް ވަރަކަށް ނުބަލަމެވެ.

އަހަރެން އެނބުރި އަންހެންމީހާ ކައިރިޔަށް އައުމުން އަހަރެންނަށް ޝުކުރު އަދާކުރަމުން އަނެއްކާވެސް ބުންޏެވެ.“އެއީ ވަރަށް މުހިންމު ސިޓީއެކެވެ“ އަދި އޭނާގެ ނަމަކީ އެލެނާ ކަމަށް ބުންޏެވެ. އެވަގުތު ވެއްޓުމުގެ ސަބަބުން ތަނަކަށް ހަމަ ހަގީގަތުގައިވެސް ތަދުނުވޭތޯ އަހަރެން އެހީމެވެ.މީގެ ޖަވާބުގައި އޭނާބުނީ ތަދުނުވާ ކަމުގައެވެ.ނަމަވެސް ތަންތާ ހިފަހައްޓަމުން އައިގޮތުން އަހަރެނަށް ޝައްކެއް ވިއެވެ. އަދި ބުނީމެވެ. އަހަރެންނާއެކީ ”އާޖަންޓް-ކެއާ“ ކްލިނިކަށް ހިނގާށެވެ. ފަހަރެއްގައިވެސް ކަމެއްވެފަ ހުރިތޯ ބަލާލީމަ އިނގިދާނެ ނޫންހެއްޔެވެ.“

އޭނާދެކޮޅު ހަދަން އުޅުނެވެ.ނަމަވެސް އެންމެ ފަހުން ކާރަށް އަރުވައިގެން ކްލިނިކަށް ދިޔައިމެވެ.އޭރުވެސް ހިމަފޮދުވާރޭވެހެމުން ދިޔައެވެ.

ކްލިނިކަށް ދިޔަމަގުމަތީގައި ކާރުތެރޭގައި ދެމީހުން އެކި ވާހަކަ ދައްކަމުންގޮސް އަހަރެން ބުނީމެވެ. ޕޯސްޓުން ފޮނުވަން އުޅުނު ސިޓީ އީމެއިލް ކޮށްނުލީ ކީއްވެގެން ހެއްޔެވެ.މިހެން ބުނުމުން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބުންޏެވެ.“މީގެ އަހަރުތަކެއްކުރިން އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވުނެވެ.މީހަކަށް ހިތްދަތިވާ ކަމެއް ކުރެވުނީއެވެ.އެސިޓީއިން އަހަރެން މިބަލަކީ އޭރު ކުރެވުނު ކަންތައް ރަގަޅުކުރެވޭތޯއެވެ.“

އަހަރެން އޭނާގެ މޫނަށް ބަލާލިއިރު އޭނައިނީ އަނެއްފަރާތަށް އެނބުރި ކާރުގެ ބިއްލޫރިގަނޑަށް ފެންތިކިޖެހޭތަން ބަލާށެވެ. މިހެން އިނދެފަ ބުންޏެވެ.“ކަލޭގެ ކިބައިގައި ތިޔަހުރީ މިހާރުގެ ޒުވާނުންގެ ކިބައިން ނުފެންނަ ފަދަ އޮގާތެރިކަމަކާއި ހިތްހެޔޮ ކަމެކެވެ.އެކަން ދޫކޮށްނުލައްޗެވެ.“

އެހާހަމައިން އޭނާމައުލޫ ބަދަލުކުރިއެވެ.އަހަރެންކުރާ މަސައްކަތަކާ އަދި އަހަރެންގެ މަންމައާއި ބައްޕައާއި ބެހޭގޮތުން ސުވާލު ކުރިއެވެ.

ކްލިނިކަށްވަދެ އެކްސްރޭ ތައްނަގާބެލިއިރު ނަސީބަކުން މާބޮޑުކަމެއް ވެފައެއް ނެތެވެ.ހަމައެކަނި މަސްގަނޑަށް ޖެހިތަދުވެފަހުރިކަމެވެ. އެހެން ކަމުން އެތަނުން ދިން ބޭސް ނަގާދިނުމަށްފަހު އޭނާ ގެޔަށް ލާދިނުމަށް އަހަރެން އެދުނީމެވެ.ނަމަވެސް އޭނާދެކޮޅުހެދިއެވެ.މިހާރުވެސް ވަރަށް ގިނަ ކަންތައް ކޮށްދީފުނޫންހޭ އަހަރެން ޓެކްސީއެއްގައި ހިނގައިދާނަމޭ ބުންޏެވެ.އެހެން ކަމުން ޓެކްސީއަކަށް ލާފަ،ފައިސާ ދިނުމަށްފަހު ގެޔަށް ފޮނުވީމެވެ.

މިބައްދަލް ވުމަކީ އަހަރެންގެ ހަޔާތުގެ މުހިންމު ބައްދަލް ވުމަކަށް ވާނެކަން،އަދި މިދުވަސް އުމުރުދުވަހަށް ހަނދާން ހުންނާނެކަން އަހަރެންނަކަށް އޭރަކު ނޭގެއެވެ.

އޭގެ އެއްހަފްތާފަހުން އަހަރެންގެ މެއިލް ބޮކްސް ހުޅުވާލިއިރު އެދުވަހު އަންހެންމީހާ ގެންގުޅުނު ރީދޫ ސިޓީއުރަ އަހަރެންގެ މެއިލް ބޮކްސްގައި އެބައޮތެވެ.އެދުވަހު ފެނުން ތެމުމުގެ ސަބަބުން ސިޓީއުރަޔަށް ލިބުނު ގެއްލުން ފެންނަން ހުއްޓެވެ. އެސިޓީފެނި އިރުކޮޅެއްވަންދެން އަހަރެންނަށް ހުއްޓުން އަރާފަ ހުރެވުނެވެ. މިވާގޮތަކާމެދު ވިސްނަމުން ބަލާލިއިރު އޭގައި އޮތީ ހަމަ އަހަރެންގެ ނަމާއި އެޑްރެހެވެ. އަހަރެންނަށް ނޭވާހިފަހައްޓާލެވުނެވެ.

ސިޓީ ހިފައިގެން ބޭރަށް ނިކުމެ ހަމައެވަގުތު މަގުމަތީ ހުރެ ސިޓީ ކަނޑާލީމެވެ.ސިޓީ ލިޔެފައިވާ ލިއުމަކީ ޓެކްސްޓް މެސެޖާ އީމެއިލް އާންމު ނުވަނީސް އާންމުކޮށް ފެންނަ ކަހަލަ ލިއުމެކެވެ.

ސިޓީގައި ވެއެވެ.“މިސިޓީ ލިބުމުން ހައިރާންވާނެކަން އިނގެއެވެ. އެތައް އަހަރެއްވަންދެން އަހަރެން މިވަގުތު ކޮޅާއިމެދު ވިސްނަމުން އައީމެވެ.ކަލެޔަށް ވީގޮތަކާމެދު ވިސްނަމުން އައީމެވެ.މިހެން އުޅެ އެކި މީހުން ކައިރީ އަހާ ހޯދައިގެން ކަލޭގެ އެޑްރެސް އަހަރެންނަށް ލިބުނީ ވަރަށް ފަހުންނެވެ. ތިޔަ ގެޔަށް ގޮސް ސީދާ ބައްދަލްކުރުމަށް އަހަރެން ފަސްޖެހުނެވެ.އެއީ އަހަރެންނާމެދު ކަލޭ ދެކޭނެގޮތެއް ނޭގޭތީއެވެ.

ބުނަންހެއްޔެވެ.އަހަރެންނަކީ ކަލޭ އަސްލު ވިހޭ މަންމަ އެވެ.ކަލޭ ރަޖާކޮޅަކަށް ލާފަ ތަނަކު ބޭއްވީ އަހަރެންނެވެ.މިކަން ކުރަންޖެހުނު ވަރަށް ގިނަ ސަބަބު ތައް އޭރު ހުއްޓެވެ. އަހަރެންނާ ބައްދަލް ކޮށްލަން ބޭނުންނަމަ މީގައިމިވާ ނަމްބަރަށް ގުޅާލާށެވެ.ބައްދަލުކުރަން ބޭނުން ނޫންނަމަވެސް އަހަރެންގެ ޝަކުވާއެއް ނެތެވެ.“

ސިޓީ ކިޔާލުމަށް ފަހު ކައިރީގައިހުރި ބެންޗެއްގައި އިށީނދެލެވުނެވެ.އޭރު އަހަރެންގެ ހިތް ބާރަށް ތެޅެމުންދެއެވެ. އެހެންވީމަ އަހަރެންގެ ހަގީގީ މަންމަޔަކީ އެދުވަހު ޕޯސްޓްއޮފީހުން ދިމާވި އެލެނާ ބާވައެވެ.

އަހަރެން ގެޔަށް ދިއުމަށްފަހު ވެސް ހަމަޖެހުމެއް ނުލިބުނެވެ.ގަޑީގެ ކަށި ހިނގާއަޑުވެސް އިވޭލެއް މާބާރުހެން ހީވެއެވެ. ކާމޭޒުކައިރީ އިށީދެ އެތައްފަހަރަކު އަހަރެން އެނޯޓް ކީމެވެ.

އަހަރެންގެ މަންމައާއި ބައްޕަމަތިން ކުއްލިއަކަށް ހަނދާންވިއެވެ.އެއީ އަހަރެންގެ ހަގީގީ މަންމައާއި ބައްޕައެއްނޫނެވެ. އަހަރެން ބަލާބޮޑުކުރި ދެމަފިރިންނެވެ. އެއީ ކުދިން ނުލިބޭ ދެމަފިރިންނެވެ. އެމީހުންނަށް އަހަރެން ފެނުނީ މިސްކިތެއްގެ އެތެރޭގައި ބާއްވާފައި އޮއްވާކަމަށް ވެއެވެ.އެމީހުން އަހަރެން ނަގައިގެންގޮސް ލިޔެކިއުމުގެ ކަންތައް ހަމަޖައްސާ އަހަރެން އެޑޮޕްޓް ކުރީއެވެ.

އެދުވަހުން ފެށިގެންވެސް އަހަރެން ބޮޑުވަމުން އައީ ވަރަށް ބޮޑަށް ލޯތްބާއި އޯގާތެރިކަން ލިބިގެންނެވެ. އަހަރެންނަށް ދަތިވާ އެއްވެސް ކަމެއް ނޯވެއެވެ. އަހަރެންމީ މައިންބަފައިން ނެތް މީހެއްކަމުގެ އިހުސާސް އެއްވެސް ވަރަކަށް ނުކުރެވެއެވެ. މިގޮތަށް ބޮޑުވެ، ކިޔަވާނިމި މަތީ ވަޒީފާ އެއްހޯދައިގެން އަހަރެން އުޅެނީ އަމިއްލަ ފްލެޓެއްގައެވެ.ނަމަވެސް ކޮންމެ ހުކުރު ދުވަހަކު އަހަރެން މަންމަ މެންގެޔަށް ގޮސް އެމީހުންނާއި އެކީ ކައި ހަދަމެވެ.

ސިޓީ ކިއުމަށްފަހު އަހަރެން ހިތަށް އެރިއެވެ. އެދެމީހުން އެހާލޯބިން އަހަރެންބަލާ ބޮޑުކުރުމުން މިވަގުތު އަސްލު މަންމަ ހޯދަން އަހަރެން އުޅުމުން އެމީހުން ހިތަށް އަރާނީވެސް ކީކޭބާވައެވެ.

ރޭގަނޑުގެ ބޮޑުބައެއްގައި ވިސްނަން އޮތުމަށްފަހު އަހަރެން ބަލާބޮޑުކުރި މަންމަޔަށް ފޯނުން ގުޅާލީމެވެ. އަދި މިކުރިމަތިވި ކަންތަކުގެ ވާހަކަ ކިޔާދިނީމެވެ.

އަހަރެން ދެއްކި ވާހަކަ އަޑުއެހުމަށްފަހު އިރުގަނޑެއްވަންދެން މަންމަ އެއްޗެކޭ ނުބުނެ އިނެވެ.އެންމެ ފަހުން ބުންޏެވެ. ”ދަރިފުޅު ބޭނުމިއްޔާ އޭނަޔާ ބައްދަލް ކުރާށެވެ.މަންމަމެންގެ މައްސަލައެއް ނެތެވެ.“

އަނެއްދުވަހު ހެނދުނު ސިޓީގައިވާ ނަމްބަރަށް ގުޅާލާ ބައްދަލްވާނެ ތަނަކާ ގަޑިއެއް ހަމަޖެއްސީމެވެ.

ހަމަޖެއްސި ކެފޭޔަށް އަހަރެން ދިޔައިރު އެތާ އިނީ އެލެނާއެވެ. ބޭރުފެންނަ ގޮނޑިއެއްގައި އިންއިރު އޭނަގެ ކުރިމަތީގައި އެއްބައި ބޮއިފައިވާ ސައިތައްޓެއް ހުއްޓެވެ. އަހަރެންގޮސް އަރާހަމަވުމުން އިސްއުފުލާ ބަލާލިއެވެ. އެވަގުތު ދެމީހުން ކުރެ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭގުނެވެ.އެންމެ ފަހުން އޭނާ މަޑުމަޑުން ބުނެލިއެވެ. އަހަރެންގެ ދަރިފުޅަށް އެޑްރެސްކުރި ސިޓީ ކަލެއަށް ލިބުނީ ކިހިނެއް ހެއްޔެވެ.؟“ މީގެ ޖަވާބުގައި އަހަރެން ބުނީމެވެ. ”ސިޓީ އޮތީ އަހަރެންނަށް އެޑްރެސްކޮށްފަ އަހަރެންގެ މެއިލްގައެވެ.“ މިހެން ބުނުމުން އޭނަ ކުޑަކޮން ހައިރާންވެފައި ބުންޏެވެ.“އެހެންވީމަ ތިޔައީ އަހަރެންގެ ދަރިފުޅު ދޯއެވެ.“ އަހަރެންވެސް އެހެން ހީވާކަމަށް ބުނީމެވެ.

އެވަގުތު އެލެނާ ރޯން ފެށިއެވެ.އަދި ބުންނެވެ. ”ދަރިފުޅާ ދުވަހަކުވެސް ބައްދަލްވާނެ ކަމަކަށް އަހަރެން ހިއެއްނުކުރަމެވެ.“ އިރުކޮޅަކުން މާނޭވާއެއްލާ ހަމަޖެހިލުމަށްފަހު އޭނާޔަށް ކަންތައް ދިމާވިގޮތާ ހުރިހާ ވާހަކަ ތަކެއް ކިޔާދިނެވެ.

އޭނާވަޒީފާއަދާކުރީ އެފްބީއައިގެ ކައުންޓަ-އިންޓެލިޖަންސްގައި ކަމުން ވަޒީފާ ވަރަށް ބުރަކަމަށް ބުންޏެވެ.އެހެންމީހުންގެ ކަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި މުޅި އުމުރު ހޭދަކުރަން  ޖެހުނު ނަމަވެސް އޭނަޔަށް އެންމެ މުހިންމު ފަރާތް،އަހަރެން، ހިމާޔަތްކޮށް ރައްކާތެރި ކޮށްނުދެވުނީތީ ހިތާމަ ކުރާކަމަށް ބުންޏެވެ. ވަޒީފާގެ ބުރަކަމުން ކައިވެންޏަށްވެސް އަސަރުކޮށް، ބަލިވެއިންކަން ނުވެސް އިނގެނީސް އަހަރެންގެ ބައްޕަ،އެލެނާގެ ފިރިމީހާ ވަނީ އެލެނާ ދުކޮށްގޮސްފައެވެ.އަދި މިހާރުވަނީ މަރުވެފައި ކަމަށް ބުންޏެވެ.

ބޭބީ އާއި ވަޒީފާ ”ބެލެންސް“ ކުރެވޭނެކަމަށް ހީކުރިނަމަވެސް ބިއުރޯއިން ބުނީ މަންމައިންނަށް އެހާ ސީރިއަސް، ގިނަވަގުތު މަސައްކަތުގައި އުޅެންޖެހޭ ވަޒީފާއެއް އަދާނުކުރެވޭނެ ކަމުގައެވެ.ވަޒީފާގައި ކުރިޔަށްދާން އެލެނާ ވަރަށް ބޮޑަށް ބޭނުންވިކަމަށާއި އެހެން ކަމުން ފައިސާވެރި ދެމަފިރިޔަކު ބެލުމަށް ދަރިފުޅު ދޫކޮށްލަން ނިންމީ ކަމަށް ބުންޏެވެ. އޭނާއުޅެންޖެހުނީ ފޮއްޓަކަށް އެތިކޮޅެއްއަޅައިގެން އެއްތަނުން އަނެއްތަނުން ކަމަށްވާއިރު އެފަދަ ދިރިއުޅުމަކަށްވުރެ ދަރިފުޅަށް ރަގަޅުވާނީ ހަމަޖެހޭ ގެޔެއްގައި ހުރެގެން ބޮޑުވުމަށް ކަމަށް ގަބޫލު ކުރީ ކަމަށް ބުންޏެވެ.

ވާހަކަ މިހާހިސާބަސް ދިއުމުން އަހަރެންނަށް ބުނެވުނެވެ. ”މީގެ ކުރިން އަހަރެން ހޯދަން ނޫޅުނީ ކީއްވެގެން ހެއްޔެވެ؟“ މީގެ ޖަވާބުގައި އޭނަބުންޏެވެ.“ ދަރިފުޅު ހޯދަން މަސައްކަތް ކުރީމެވެ.ނަމަވެސް އެޑޮޕްޝަންގެ ކަންތައް ހަމަޖައްސާފައި އޮންނަނީ އެހާފަސޭހައިން މައުލޫމާތު ލިބޭގޮތަކަށް ނޫނެވެ. ފަހުން އަހަރެން ހިތަށް އެރިއެވެ.މިހާރު އޭނަ ހުންނާނީ އާއިލާއެއްގައި ހަމަޖެހިގެންނެވެ.މިކަމަށް ލޮޅުމެއް އަރުވާލަން ބޭނުން ނުވީއެވެ.“

އެދުވަހު އިރުއޮއްސިގެން ދިޔައިރުވެސް ދެމީހުން ތިބީ އެކެފޭތެރޭ ވާހަކަ ދައްކާށެވެ. އަހަރެން ބަލާބޮޑުރި މަންމައާއި ބަންޕަގެ ވާހަކަ ކިޔާދިނުމުން އެލެނާ ބުންނެވެ.އެދެމީހުން ކަލޭ ބަލާފަ ތިޔަހުރީ ވަރަށް ރަގަޅަށެވެ.މިކަމަށްޓަކައި އަހަރެން އެމީހުންނަށް ވަނީ ދަރަނިވެރިވެފައެވެ.

އެރޭ ނުވަޔެއްވެސް ޖެހިފަހުން އަދި ބައްދަލްވާން ވައުދުވެފަ ދެމީހުން ވަކިވީމެވެ.

އެލެނާ ފަހުން ވަނީ އަހަރެންގެ މަންމައާއި ބައްޕަޔާވެސް ބައްދަލް ކޮށްފައެވެ.އެދެމީހުންވެސް އެލެނާޔަށް މަރުހަބާކިއެވެ.އަދި ފަހުންވެސް އޭނާޔަށް ވަރަށް ކަމޭހިތައެވެ.

އަހަރެން ވަނީ އެލެނާޔަށް މައާފް ކޮށްފައެވެ. މިހާރު ގަވާއިގުން މަންމަމެންގެ ގޭން އަހަރުމެން އެންމެން ބައްދަލް ކުރަމެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް