ފަލަސްތީނުގެ 153 މީހުން ގޮވައިގެން ދެކުނު އެފްރިކާއަށް ދިޔަ މަތިންދާބޯޓު ޗާޓަރު ކުރިފަރާތެއް ނޭގޭތީ ތަހުގީގު ފަށައިފި

Loading

November 15, 2025
blue-circle-with-white-user_78370-4707
Facebook
Twitter
WhatsApp

ފަލަސްތީނުގެ ޣައްޒާޔަށް ނިސްބަތްވާ 153 މީހުން ގޮވައިގެން ދެކުނު އެފްރިކާއަށް މަތިދާބޯޓެއް ދަތުރު ކުރުމާއި ގުޅިގެން އެކަމުގެ ތަހުގީގުތައް ފަށައިފި ކަމަށް ހަބަރު ލިބެއެވެ. ދެކުނުއެފްރިކާގެ ރައީސް ސިރިލް ރާމަފޯސާ ވިދާޅުވީ އެއީ ”މިސްޓީރިއަސް“ ނުވަތަ މައުލޫމާތު ސާފުނުވާ ފްލައިޓެއް ކަމަށާ ފްލައިޓް ޗާޓަރު ކުރި ފަރާތެއްވެސް ނޭނގޭ ކަމުގައެވެ.އެހެން ކަމުން ކަމާބެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.


ބޯޓު ފުރަތަމަ ޖައްސާފައިވަނީ ދެކުނު އެފްރިކާގެ އޯއާރު ޓެމްބޯ އިންޓަރނޭޝަނަލް އެއާޕޯޓްގައެވެ.ނަމަވެސް ފަސިންޖަރުންގެ ޕާސްޕޯޓްގައި ފުރިތަނަކުން ޑިޕާޗްރ ތައްގަނޑު ޖަހާފައި ނެތުމުން 10 ގަޑިއިރު ބޯޓުގައި ފަސިންޖަރުން މަޑުކުރުވާފައި ވެއެވެ. ނަމަވެސް އެގައުމުގެ ޗެރިޓީ ޖަމާއަތް ތަކުން މެދުވެރިގެންނާއި އަދި ސަރުކާރުގެ ރަހުމު ކުރުމުގެ ސިޔާސަތުގެ ދަށުން އޭގެ ތެރެއިން ގިނަބަޔަކު ވަނީ ފައިބަން ހުއްދަދީފައިކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.
ޣައްޒާއިން ފުރައިގެން ބޯޓު ދެކުނު އެފްރިކާއަށް ދާން މެދުވެރިވި ސަބަބު ސާފުނުވާކަމަށް ވެއެވެ.“މިސްޓީރިއަސް“ ގޮތަކަށް ބޯޓަކަށް ބަޔަކު އަރުވައިގެން ފުރާފައިވާކަމަށާ ބޯޓު ނައިރޯބީ މަތިންވެސް އުދުހިފައިވާކަމަށް ރައީސް ރާމަފޯސާއާއި ހަވާލާދީ ނިއުސް 24 އިން ބުނެފައި ވެއެވެ.
މިކަމާއި ގުޅިގެން އިޒްރޭލުގެ މިލިޓަރީ އިދާރާއެއްކަމަށްވާ ކޯގަޓް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޣައްޒާގެ ރެސިޑެންޓުން ފުރާފައިވަނީ އެމީހުން ބަލައިގަންނާނެ ކަމުގެ އެޕްރޫވަލް ތިންވަނަގައިމަކުން ކޯގަޓް އަށް ދިނުމުން ކަމުގައެވެ.ނަމަވެސް އެއީ ކޮން ގައުމެއްކަން ބުނެފައެއްނުވެއެވެ.
ދެކުނު އެފްރިކާގައި ހުންނަ ފަލަސްތީން އެމްބަސީން ބުނެފައިވަނީ ކުރިޔަށް އެއްވެސް ކަހަލަ އިންތިޒާމެއް ހަމަނުޖައްސާ ބޯޓުފުރާފައިވަނީ އިޒްރޭލުގެ އެއާޕޯޓަކުން ކަމަށާ ދެކުނު އެފްރިކާއަށް ދިޔައީ ކެންޔާގެ ވެރިރަށް ނައިރޯބީގައިވެސް ބޯޓު ޖެއްސުމަށް ފަހުގައި ކަމުގައެވެ.އެމްބަސީއިން ބުނީ މިކަން ކޮށްފައިވަނީ ރެޖިސްޓަރ ވެސް ކޮށްފައިނުވާ ޖަމާއަތަކުން އޮޅުވާލުމެއްގެ ތެރޭން ކަމުގައެވެ. ޣައްޒާގެ އިންސާނީ ހައްގުތަކުގެ ހާލަތު އެހާގޮސްވެފައިވާ މިދަނޑިވަޅުގައި އެޖަމާއަތުން އެއާއިލާ ތަކުން ފައިސާ އަތުލާފައިވާކަމަށްވެސް އެމްބަސީއިން ބުނެފައި ވެއެވެ.އަދި ދަތުރަކީ މުޅިން ގަވާއިދާއި ޚިލާފަށް، ޒިންމާދާރުކަން ކުޑަގޮތަކަށް ރޭވި ދަތުރެއް ކަމަށް ބުނެފައި ވެއެވެ.
މިދަތުރު ގައި ބައިވެރިވި 153 މީހުންގެ ތެރެއިން 23 މީހަކަށްވަނީ އެހެން ޑެސްޓިނޭޝަން ތަކަށް ދަތުރު ކުރުމުގެ ފުރުސަތު ދީފަ ކަމަށް ވެއެވެ. އެމީހުން އައީ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ، ދިރިއުން ދަތިވެފައިވާ ސަރަހައްދަކުން ކަމަށްވީތީ ، ބާކީތިބި 130 މީހުންވެސް ދެކުނު އެފްރިކާއިން އަބުރާ ފޮނުވާނުލާނެކަމަށް ރައީސް ވިދާޅިކަމަށް ހަބަރުތައް ބުނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް