އިސްްލާމް އާބާދަށް ޖާނުންފިދާވުމުގެ ވަރުގަދަ ހަމަލާއެއް ދީފި

Loading

Facebook
Twitter
WhatsApp

ޕާކިސްތާނުގެ ވެރިރަށް އިސްލާމް އާބާދުގައި ގިނަ އަހަރުތަކަކަށް އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެފައިނެތި އެ ރަށަށް އަމާންކަން ލިބިފައިވާކަމަށް ބެލިފައިވަނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެ ޝަހަރުގެ ޑިސްޓްރިކްޓް ކޯޓު އިމާރާތެއްގެ ދޮރުމަތީގައި ބާރުގަދަ ގޮވުމެއް ގޮއްވާލުމުގެ ސަބަބުން 12 މީހުން މަރުވެ 30 މީހުން ޒަޚަމް ވެއްޖެކަމަށް އަލްޖަޒީރާގެ ޚަބަރުގައި ބުނެފިއެވެ.

ޒަޚަމްވެފައިތިބިމީހުންގެ ހާލު ވަރަށް ސީރިއަސްކަމުގައި މައުލޫމާތު ހާމަކޮށްފައި ވެއެވެ. އިއްޔެ މެންދުރު 12.39 ހާއިރު ހިނގާދިޔަ މި ގޮއްވާލުމަކީ ޖާނުން ފިދާވުމުގެ ހަމަލާއެއްކަމަށް ދާޚިލީ ވަޒީރު މުޙުސިން ނަގްވީ ވަނީ ވިދާޅުވެފައެވެ. އެވަގުތު އެ ސަރަހައްދުގައި ގާނޫނީ ވަކީލުންނާއި އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ތިބިކަމަށްވެއެވެ. ހަމަލާދީފައިވާ ސަރަހައްދު މައިމަގަށް ހުޅުވިފައި އޮތުމާއި ގިނައަދަދެއްގެ އެއްގަމު އުޅަނދުފަހަރާއި މީސްތަކުން ހުރިހާވަގުތެއްގައިވެސް ފުނިޖެހިފައި އޮތުމުގެ ސަބަބުންއެ ހަމަލާގައި ލިބިފައިވާ ގެއްލުން ބޮޑުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ހަމަލާދިން މީހާގެ ބޮލާއި އަދި ހަށިގަނޑުގެ ބައެއް އެހެން ބައިތައް ޕާކިސްތާން ފުލުހުން ވަނީ ހޯދާފައެވެ. ހަމަލާދިންމީހާ ކޯޓުގެ ދޮރުމަތީގައި ހަރަކާތްތެރިވަމުންދިޔަގޮތުން ފުލުހުންނަށް ޝައްކު ކުރެވިގެން ކައިރިވާންފެށުމުން އޭނާގެ ހަށިގަނޑު ގޮއްވާލީކަމަށް ދާޚިލީ ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ހާމަކުރައްވާފައިވެއެވެ. މިދިޔަ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަހައްދުގައި ހުންނަ މިލިޓްރީ ތަމްރީނުދޭ ކޮލެޖަކަށްވެސް ބޮމާއެކު ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން މަސައްކަތްކޮށްފައިވެއެވެ. މިހަމަލާތައް ހިންގާފައިވަނީ އިންޑިއާގެ މަދަދާއެކު އަފްޣަނިސްތާނުން ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ޕާކިސްތާނުގެ ތާލިބާން ހަނގުރާމަވެރިންނަށް އަފްޣާނިސްތާނުން ހިޔާވަހިކަން ދެމުންގެންދާ ކަމަށްވެސް ޕާކިސްތާނުން ބުނަމުންގެންދެއެވެ. އަފްޣާނިސްތާނުގައި ތާލިބާނުންގެ ސަރުކާރެއް އުފެދުމާއެކު ޕާކިސްތާނަށް ނިސްބަތްކުރެވޭ ގިނަ އަދަދެއްގެ ތާލިބާން ލީޑަރުން އަފްޣާނިސްތާނުގައި ފޮރުވިގެން ތިބުމުގެ ފުރުސަތު ދީފައިވާކަމަށްވެސް ޕާކިސްތާނުން ތުހުމަތުކުރެއެވެ.
ދެމެހެއްޓެނިވި ސުލްހަވެރި މާހައުލަކަށް އެދޭނަމަ އަފްޣާނިސްތާނުން އެގައުމުގެތެރޭގައި ހަރަކާތްތެރިވަމުންދާ ޓެރަރިސްޓުން ވަރުގަދައަކަށް ލަގަން އަޅުވައި ހަންމަތަ ކުރަންޖެހޭނެކަމަށް އިސްލާމް އާބަދުގައި އިންޓަރ-ޕާރލަމެންޓަރީ ކޮންފެރެންސްގައި ވާހަކފުޅުދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.
ޕާކިސްތާނުން ކުރިމަތިލާންޖެހިފައިމިވަނީ ހަނގުރާމައިގެ ހާލަތަށް ކަމުގައި ދިފާއީ ވަޒީރު ޚްވާޖާ އާސިފް ވިދާޅުވިއެވެ.
ޕާކިސްތާނަށް ދިން ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޗައިނާއާއި އިނގިރޭސި ވިލާތައި ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާއަންވަނީ ހިތާމަފާޅުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް