ޝާރުޖާގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް ބުކްފެއަރ 2025 ގައި، އެކަމަށް ބޭނުންވާ މެހްމާނުންނަށް،ޅެމުން ފަރުވާދޭ ތަނެއް އެބަހުރި ކަމަށް ވެއެވެ.
އިގިރޭސި އަންހެނެއްކަމަށްވާ ޑެބޮރާ އަލްމާ އިސްވެ ހިންގާ ސްޓޯލް ނުވަތަ ”ޕޮއެޓްރީ ފާމަސީ“ އިން ހިދުމަތް ހޯދަންދާ ފަރާތެއްގެ ނަފްސާނީ ހާލަތު ވަޒަންކޮށް، ހަލަތާ ގުޅޭ ޕޮއެޓްރީ ނުވަތަ ޅެންބަހުގެ ފަރުވާ ދެނީވެސް އަރަބި އަދި އިގިރޭސި ބަހުން ލޭބަލް ކޮށްފައިވާ ޚާއްސަ ކުދި ފުޅި ތަކަކަށް އަޅާފައި ކަމަށް ވެއެވެ. މިގޮތުން އެކުލަވާލެވޭ ޅެން ލިޔެފައިވާ ކަރުދާސް ކުދިކޮށް ކަފާ ކުދި ބޯޅަތަކަށް ހެދުމަށްފަހު ބޭސްގުޅަތަކެއް ގޮތަށް ފުޅިއަށް އަޅާފައި ކަމަށް ވެއެވެ. ވަގުތުން އެކުލަވާލެވޭ ޅެން ލިއުމުގައި މަޖާ، އަދި އެކި ”ކްރިއޭޓިވް“ ގޮތް ގޮތަށްވެސް ޅެންތައް ލިޔެމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.
ޚިދުމަތް ހޯދާ ފަރާތަކީ އެވަގުތަކު މާޔޫސްކަން އިހުސާސްކުރަމުންދާ ފަރާތެއް ކަމަށްވާނަމަ،ނުވަތަ ކަމަކާ ސްޓްރެސްވެފައިވާ ފަރާތެއް ކަމަށްވާނަމަ، އެހާލަތުން އެމީހަކު ސަލާމަތްވުމަށް ހިއްވަރުލިބޭފަދަ ޅެމެއް އެފަރާތަކަށް ދެވޭނެއެވެ. މިގޮތުން ދުނިޔޭގެ އެކިއެކި ފާހަގަ ކުރެވޭ ޅެންވެރިންގެ މަސައްކަތް ތަކުގެ ތެރޭންވެސް ޅެން ފޯރުކޮށްދޭ ކަމަށް ވެއެވެ.
”ޕޮއެޓްރީ ފާމަސީ“ ހިންގާ ފަރާތް ކަމަށްވާ ޑެބޮރާ އަލްމާ ބުނެފައިވާ ގޮތުގައި މިފަދަ ތަނެއް ހިންގުމުގެ ބޭނުމަކީ ފޮތްކިއުމަށް ނުވަތަ ޅެންވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ނަފްސާނީ ގޮންޖެހުންތަކުން ސަލާމަތްވެ، ދުޅަހެޔޮ ހާލަތަކަށް ދިއުމަށް އެހީތެރިވުމެވެ. އޭނާ ބުނި ގޮތުގައި އިގިރޭސި ވިލާތުގައި އެމީހުން ހިންގާ ޕޮއެޓްރީ ފާމަސީ ބުކްޝޮޕް ހުންނާނީ އިމޯޝަނަލް ނުވަތަ ނަފްސާނީ ހާލަތުގެ އެކިބައިތަކަށް ބަހާލެވިފައި ކަމުގައެވެ.އެހެން ކަމުން އެމީހަކު ބޭނުން ފަރުވާއެއް ހޯދުމަށް ފަސޭހަ ވާނެއެވެ. މިގޮތުން ”ހިތް ހަލާކުވެފައިވާ“ މީހެއްނަމަ އެކަމާބެހޭ ފޮތްތަކާއި އެހެންވެސް ރިސޯސްތައް ލިބެން ހުންނާނެއެވެ.
ޑެބޮރާ އަލްމާވަނީ ސްޓްރެސް ފިލުވުމަށް ޅެމުން ފަރުވާ ހޯދުމާބެހޭ ދިރާސާތައް ކޮށް ފޮތްތައްވެސް ލިޔެފައެވެ.އޭނާބުނި ގޮތުގައި ކްރިއޭޓިވް އެކްސްޕެރިމަންޓެއްގެ ގޮތުގައި ފަށިމަސައްކަތް މިހާރުވަނީ ދުނިޔޭގެ ފެންވަރުގައިވެސް ބަލައިގަންނަ ޕްރޮޖެކްޓަކަށް ވެފައެވެ.
އޭނާ މިހާރު އިގިރޭސި ވިލާތުގައި މިފަދަ ދެ ބުކްޝޮޕް ހިންގައެވެ.
ޝާރުޖާ އިންޓަނޭޝަނަލް ބުކްފެއާ މިމަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ކުރިޔަށްދާނެއެވެ.
![]()
