ކެނެޑާގައި ދިރިއުޅެމުން އައި ސްރީލަންކާގެ އާއިލާއެއްގެ ގޭގައި ބެހެއްޓި ސްޓޫޑަންޓަކު އާއިލާގެ މަންމައާއި އޭނާގެ 4 ކުދިން ހިމެނޭގޮތުން 6 މީހުން މަރާލުމާއި ގުޅިގެން އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. އޭނާ މަރާލާފައިވަނީ 35 އަހަރުގެ މަންމަ އާއި ހަތް އަހަރުގެ ކުއްޖަކާ ހަތަރު އަހަރުގެ ކުއްޖަކާ،ތިން އަހަރުގެ ކުއްޖަކާ އަދި ދެމަހުގެ ކުއްޖެކެވެ.
ކިޔަވަން ކެނެޑާއަށް ދިޔަ އުމުރުން 20 އަހަރުގެ ފެބްރިއޯ ޑިސޮއިސާ ހުރީ އެގޭގެ ބޭސްމަންޓްގައި ހަދާފައިވާ ކޮޓަރިއެއްގައި ކަމަށް ވެއެވެ.
ބުރާސްފަތިދުވަހު އޮތް ހުކުމް އިއްވުމުގެ ސެޝަންގައި ފަޑިޔާރުވިދާޅުވީ ޑިސޮއިސާ އަކީ ނައިޓްމެއާ(ބިރުވެރި ހުވަފެން) އާއި އެއްފަދަ މީހެއް ކަމުގައެވެ. އަދިއޭނަގެ ސަބަބުން ވަރަށް ބޮޑު ހިތާމަޔާ ގެއްލުން ކުރިމަތިވެފައިވާކަމަށް ފަޑިޔާރު ފާހަގަ ކުރެއްވިއެވެ.
އާއިލާގެ ރަހުމަތްތެރިއެއްކަމަށްވާ، އުމުރުން 40 އަހަރުގެ ގާމިނީ އަމަރަކޫން ވެސް ވަނީ،6 މާޗް 2024 ގައިދިން މިހަމަލާގައި މަރާލާފައެވެ.
ޝަރީއަތުގައި ހާމަވެފައިވާ ގޮތުގައި ޑިސޮއިސާ ވަނީ 38 ސެންޓިމީޓަރުގެ ”ހަންޓިން“ ވަޅިއެއްގަނެފައެވެ.އޭނާ ބުނި ގޮތުގައި ވަޅިއަކީ އޭނަ އަމިއްލަޔަށް މަރުވުމަށް ގަތް ވަޅިއެކެވެ.އެއީ އަތުގައި ހުރި ފައިސާ ހުސްވެ ޑިޕޯޓް ކުރާނެކަން އިގޭތީ އެނބުރި ގައުމަށް ނުދާންވެގެންނެވެ.
6 މާރޗް 2024 ވަނަ ދުވަހު،ފިލްމެއް ބަލަން ކަމަށް ބުނެ ޑިސޮއިސާ ފުރަތަމަ އަމަރަކޫން އޭނަގެ ކޮޓަރިއަށް ގެންދިޔައެވެ. އޭގެ ފަހުން ހަމަލާދީ މަރާލިއެވެ.އަމަރަކޫން ހަޅޭއްލަވާއަޑުއިވިގެން އާއިލާގެ މަންމަ ދަރުޝަނީ އޭނާގެ ފިރިމީހާ ދަނުޝްކާ އަށް ގުޅިއެވެ. ފިރިމީހާ ދަނުޝްކާ، ޑިސޮއިސާ އަށް ގުޅުމުން އެއީ އެމީހުން ބަލަމުން ދިޔަ ފިލްމެއްގެ އަޑުކަމަށް ބުނެ ދޮގުހެދި ކަމަށް ވެއެވެ.
އެއަށްފަހު ޑިސޮއިސާ، އެއާއިލާ އުޅޭ ގެޔަށް ވަދެ ދަރުޝަނީ އާއި އޭނާގެ ހަތަރު ކުދިންނަށް ވަޅިން ހަމަލާދީ މަރާލިއެވެ. އޭގެ ގަޑިއިރުތަކެއް ފަހުން ބައްޕަ ދަނުޝްކާ، ގެޔަށް އައުމުން އޭނަޔަށްވެސް ހަމަލާދިން ކަމަށް ވެއެވެ.ނަމަވެސް އޭނަވަނީ ޑިސޮއިސާ ގެ މައްޗަށް ގަދަ ވެފައެވެ.
ފުލުހުންނަށް ގުޅާފައިވަނީ ދަނުޝްކާ ”ތިމަންނަގެ އާއިލާ އެއްކޮން މަރައިފިޔޭ“ ކިޔާ ހަޅޭއްލަވާ އަޑަށް އަވަށްޓެރިންނެވެ.
ފުލުހުން އައި އިރު ޑިސޮއިސާ އިނީ އެގޭގެ ދޮރުމަތީގައިވާ ސިޑި މަތީގައި އިށީދެލައިގެން ކަމަށްވެއެވެ. އަދި އެގޮތަށް އެކަންތައް ކުރީ ޑިޕޯޓް ކުރުމުން ނެއްޓެން ކަމަށް ބުނެފައިވެއެވެ.
އެއާއިލާ އޭނާޔަށް ވަރަށް ހެޔޮ ކަމަށާ އެގޮތަށް ކަންތައް ކުރެވުނީ ނަފްސާނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެފައި ވުމުން ކަމަށް އޭނަ ފަހުން ކޯޓުގައި ބުނި ކަމަށް ވެއެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ކުރިޔަށް އޮތް 25 އަހަރުތެރޭވެސް އޭނަޔަށް ޕެރޯލް އަކަށް ނޭދެވޭނެއެވެ.
![]()
