ފިލިޕީންސް އަދި ވިއެޓްނާމް އަށް ބޮޑެތި ގެއްލުންތައް ދިނުމަށް ފަހު ތޫފާން ކަލްމޭގީ ކެމްބޯޑިއާ އަށް ވަނީ މިސްރާބް ޖަހާފައެވެ. ތޫފާންގެ ސަބަބުން ދިމާވި އެކި ހާދިސާތަކުގައި ފިލިޕީންސް އިން 188 މީހުން މަރުވެފައިވާއިރު، އިތުރު 127 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ވިއެޓްނާމުންވެސް ފަސްމީހުން ވަނީ މަރުވެފައެވެ.
ގަޑިއަކު 149 މޭލު ބާރު ވަޔާއެކު ތޫފާން ކަލްމޭގީ އެރި ސަރަޙައްދުތަކުގައި ހުރި ގެދޮރު ވަނީ ސުންނާފަތިވެފައެވެ. މިގޮތުން ފުރާޅުތައް އުކާލައި ބިޔަ ގަސްތައް ވަނީ ވެއްޓިފައެވެ. މީގެ އިތުރުން ވިއެޓްނާމްގެ އައްސޭރިފަށުން 30 ފޫޓުގެ ބިޔަ ރާޅުތައް ވެސް އައީ އުފެދެމުންނެވެ.
ރޭގެ ގަދަވަޔާ ކޮޅިގަޑަށްފަހު ވިއެޓްނާމްގެ ސެންޓްރަލް ހިސާބުތަކުގެ އައްސޭރި އާއި ކައިރި މަގުތައް ވަނީ އޮޔާދިޔަ ގޮޑެތި ކުނިތަކުން ފުރިފައެވެ. އޮޔާ ފުންޏަކަށް ޖަހާފައިވާ ތަކެތީގެ ތެރޭގައި އެހިސާބުގައި ޕާކްކޮށްފައި ހުރި ކާރުތައް ވެސް ހިމެނެއެވެ.
ތޫފާން ކަލްމޭގީގެ ސަބަބުން ވިއެޓްނާމްގެ ހަ ވައިގެ ބަނދަރެއް ވަނީ ބަންދުކޮށްފައެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. ވިއެޓްނާމްގެ ސަރުކާރުން ބުނީ އެ ޤައުމުގެ އެއް ޕްރޮވިންސުން އެކަނިވެސް 260،000އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. ތުފާން ކަލްމޭގީއަކީ ވިއެޓްނާމަށް މި އަހަރު އެރި 13 ވަނަ އަދި މިހާތަނަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.
ވިއެޓްނާމް ގެ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް 268،000 ސިފައިން ތައްޔާރީ ޙާލަތަށް ވަނީ ގެނެވިފައެވެ. މިމަސައްކަތުގައި 6،700 ވެހިކަލް އާއި 6 އެއާކްރާފްޓް ބޭނުން ކުރަމުންދާކަމަށް މައުލޫމާތު ދީފައި ވެއެވެ. އަދި ސަލާމަތް ކުރެވުނު ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ސްކޫލްތަކާއި އެހެންވެސް ޕަބްލިކް އިމާރާތް ތަކުގައި ވަގުތީ ހިޔާވަހިކަން ދީފައެވެ.
ތޫފާނުގެ ސަބަބުން ބިން ތިރި ސަރަޙައްދުތަކުގައި އަނެއްކާވެސް ފެން ބޮޑުވެ ދަނޑުބިންތަކަށް ގެއްލުން ލިބިދާނެ ކަމުގެ އިންޒާރު ކަމާބެހޭ އިދާރާތަކުން ދަނީ ދެމުންނެވެ. ދަނޑުވެރިން ވަނީ ތަފާތު ގުދުރަތީ ކާރިޘާތަކުގައި ދަނޑުބިންތަކަށް ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ގޮތް ހުސްވެފައެވެ.
ވިއެޓްނާމްގެ ބިންތިރި ހިސާބުތަކަށް މިދިޔަ ހަފްތާގައި އެކަނިވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދިމާވި ހާދިސާތަކުގައި 50 މީހުން މަރުވެފައި ވެއެވެ.
ތޫފާންގެ ސަބަބަބުން ފިލިޕީންސް އަދި ކެމްބޯޑިޔާ އިން މަރުވި މީހުންގެ އަދަދު ހުކުރު ދުވަހު 193 އަށް އަރާފައިވާއިރު 135 މީހުން ވަނީ ވީނުވީ އެއްނޭގި ގެއްލިފައެވެ.
ފިލިޕީންސް ސަރުކާރުން ބުނާ ގޮތުގައި ޕެސިފިކް އޯޝަންގައި އުފެދެމުންދާ އެހެން ތޫފާނެއްވެސް ކުރިޔަށް އޮތް ދުވަސް ތަކުގައި އެގައުމަށް އަރާނެތީ އެކަމަށް ދަނީ ތައްޔާރު ވަމުންނެވެ.
![]()
