ސިޔާސީ ހުނަރުވެރިކަމުގައި ވައިފައްސިއަށް އޮޑި އަނބުރާލަންޖެހޭ ވަގުތު އަންނާނެއެވެ. އަޅުގަނޑުމެންގެ ޑިމޮކްރެސީގައި މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި މިކަން ވަރަށް ގިނައިން ވަނީ ފެނިފައެވެ. އޭރު އަޅުގަނޑުމެން އެބޭފުޅުންނަށް އިނގިލި ދިއްކުރަމުން ގެންދިޔައިމުއެވެ.
މިއަދު ފެނިގެން މިދަނީ ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރވެސް ވައިފައްސިއަށް މިސްރާބު ބަދަލުކުރަމުން ގެންދާ ތަނެވެ. ސިޔާސީ ގޭމް ޖައްސާ ގޮތަކީ މިއީ ކަމަށް ވެދާނެއެވެ.
ފޮކްސް ނިއުސްގެ ޚަބަރުގައި ފާހަގަ ކޮށްފައިވާގޮތުން ޔޫކްރެއިނާ ހަނގުރާމައިގާ ރަޝިޔާއާ ދެކޮޅަށް ރައީސް ޑޮނާލަޑް ޓްރަމްޕް ގެންގުޅުއްވި ހަރުކަށި ސިޔާސަތު މިހުސްވި އޮކްޓޯބަރ މަހުގެތެރޭގައި ރައީސް ޕޫޓިންއާ ބައްދަލު ކުރެއްވުމަށްފަހު މަޑުމަޑުން ވައިފައްސިއަށް ރާގު ބަދަލުކުރައްވަމުން އެބަ ގެންދަވައެވެ. އޭގެކުރިން ޔޫކްރެއިނަށް ތާއީދު ކުރައްވައި ހަނގުރާމަ ހުއްޓުވަން ކުރެވެން އޮތް ކޮންމެ މަގެއް އިޚްތިޔާރު ކުރައްވައި ޔޫކްރެއިނުން ރަޝިޔާގެ އެތެރެއަށް ހަމަލާ ދިނުމަށްޓަކައި ޓޮމަހައުކް މިސައިލްވެސް ދެއްވާނެ ކަމަށްރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދެވިއެވެ. އެކަމަށް ތައްޔާރު ވުމުގެ ގޮތުން ރޮމޭނިއާއާއި ހަނގޭރީ އަދި ބަލްގޭރިއާއަށް ފޮނުވި އެމެރިކާގެ ސިފައިން މިހާރު އެ ގައުމުތަކުގައި ތިބުން ބޭނުން ނުވާނެކަމަށް ވިދާޅުވެ އަނބުރާ ގެންނަންވެސް ނިންމީއެވެ. އަދި މިހާރު ވިދާޅުވަމުން ގެންދަވަނީ ޓަމަހައުކް މިސައިލް އޮޕަރޭޓްކުރަން ޔޫކްރެއިން ސިފައިންނށް ދަސްކޮށްދޭން ގިނަދުވަސްތަކެއް ނަގާނެ ކަމަށާއި އަދި ޓޮމަހައުކް މިސައިލް މިވަގުތު އެމެރިކާއަށް މާބޮޑަށް ބޭނުން ކަމަށެވެ. ރައީސް ޓްރަމްޕްގެ މި ބަދަލުވުން ޔޫރަޕްގެ ބައިވެރިނަށް ގަބޫލެއް ނުކުރެވެއެވެ. އަދި މިހާރު އެ ސަރަހައްދުތަކުގައި ރަޝިޔާގެ ބާރުގަދަކުރުމާއެކު ބާރުގަދަ ހަމަލާތައް ދިނުމަށް ފުރުސަތުވެސް ހުޅުވިގެން ދިޔައީ ކަމަށް ޔޫރަޕްގެ އޮފިޝަލަކު ފޮކްސް ނިއުސްއަށް ކިޔާދީފައި ވެއެވެ.
މީގެ ކުރިން ތޫފާނެއްގެ ވައި އަންނަ ބާރުމިނުގައި އިންޑިއާއިން ރަޝިޔާގެ ތެޔޮގަތުން ހުއްޓުވުމަށް ބާރު އަޅަމުން ގެންދިޔަ ރައީސް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ބައްދަލުކުރެއްވުމުގައި އެ ވާހަ ދުލުކޮޅަށްވެސް ނުގެންނަވާކަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. ރައީސް ޓްރަމްޕް މީޑިއާއަށް ވިދާޅުވީ “ ތެލާ ބެހޭ ވާހަކަ އަހަރެމެން ނުދައްކަން “ މިހެންނެވެ. ތަޖްރިބާކާރުން ވިދާޅުވަމުން ގެންދަވަނީ ރައީސް ޓްރަމްޕް އާއި ރައީސް ޝީ ޖިންޕިންގެ ބައްދަލު ކުރެއްވުމުގައި ރައީސްޓްރަމްޕްގެ ދުލުން ވިދާޅު ނުވެވުނު އެތައް ކަމެއް އެމަނިކފާނުގެ ބޮޑީ ލެންގުއޭޖުން އެނގިގެންދިޔަ ކަމަށެވެ. އަދި އެމެރިކާއިން ޗައިނާއާ ދެކޮޅަށް ރޭވި 3 ރޭވުންވެސް އެމެރިކާގެ އަތަށް ގޮވީކަން ހާމަވެގެން ދިޔަކަމަށެވެ.
ރައީސް ޓްރަމްޕްގެ ވާހަކަފުޅުގައި ޔޫކްރެއިން ހަނގުރާމަ ހުއްޓުވުމުގެ ވާހަކަތައް ރައީސް ޝީ ޖިންޕިންއާއެކު ދެކެވުނު ކަމަށާއި އެކަމުގައި އެމަނިކުފާނުގެ އެހީތެރިކަން ލިބޭނެކަމަށަ އުންމީދު ކުރައްވާ ކަމަށް އިޝާރާތް ކުރެއްވިއެވެ. އަދި އެހަނގުރާމަ ދަމަހައްޓަނީ ކޮން މަގްސަދެއްގައިކަން ނުވިސްނޭކަމަށްވެސް ވިދާޅުވިއެވެ. އަދި ބައެއްފަހަރު އެމީހުން ތަޅަން ދޫކޮށްލަންވިއްޔޭވެސް ހިތަށް އަރާވަޑައި ގަންނަވާ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ހަފުތާގައި ރަޝިޔާގެ ބޮޑު 2 ތެޔޮ ކުންފުންޏެއް ބްލެކް ލިސްޓް ކުރަން ރައީސް ޓްރަމްޕް ނިންމެވި ކަމަށްވެއެވެ. ހަމަ އެވަގުތު އެ 2 ކުންފުނީގެ ބައިނަލް އަގްވާމީ އެސްޓްތައް ވިއްކާލަން އެކުންފުނިތަކުން އިއުލާން ކުރިކަމަށްވެއެވެ.
ޔޫރަޕްގެ އެހެން އޮފިޝަލަކު ވިދާޅުވީ މިއީ ހައްތާވެސް ރައީސް ޓްރަމްޕްގެ އުނދޯލި ހެއްލުމުގައި ދިމާވާނެ ކަންތަކެވެ. އެއްފަހަރު ގަޔާ ދުރަށްދިއުމަށްފަހު އިރުކޮޅަކުން ކައިރިއަށް އަންނާނެއެވެ. ރައީސް ޓްރަމްޕް މިމަހުގެ ތެރޭ ހަންގޭރީގައި ރައީސް ޕޫޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އެކަމަކު މިހާރު އެ ބައްދަލުކުރެއްވުން ނުބާއްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޕޫޓިން އާއެކު ކޮންމެ ފަހަރަކު ގިނަ ވާހަކަތަކެއް ދެކެވެއެވެ. އެކަމަކު އެއިން ވާހަކައެއްގައި އެއްވެސް އޮއްޓަރެއް ނުހުރެއެވެ. އެ ވާހަކަތަކަށް ވެގެންދާ ގޮތެއްވެސް ނޭންގެއެވެ. އެކަމަކު ވަގުތުތަކެއް ބޭކާރުވެގެންދާކަން އެނގެއެވެ.
މިހާރުވެސް ރައީސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ ކޮންމެހެން މާ އަވަސް އަރުވާލައިގެން ނޫނަސް ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަމަކު ޔޫރަޕްގެ ބައިވެރިން ތިބީ އެމަނިކުފާނުގެ ކޮން ވާހަކަފުޅެއްތޯ ގަބޫލުކުރަންވީ ސުވާލު މާރކެއްގެ ތެރޭގައެވެ.
![]()
