ބަނގުރާ ގެންގުޅުނު މައްސަލައިގައި ސަސްޕެންޑްކުރި އަންހެން ފުލުހަކު ވަކި ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފިއެވެ.
އެ މައްސަލައިގައި މަގާމުން ވަކިކުރުމަށް ލަފާދީފައިވަނީ ފުލުސް އޮފިސަރެއް ކަމަށްވާ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު އެވެ.
ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބަންގުރާ ގެންގުޅޭ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ތުލުސްދޫ ގެސްޓް ހައުސްއެއް ބަލައިފާސްކޮށް، 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކައި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ އެންމެންނަކީވެސް ދިވެހިންނެވެ.
އެ މީހުން ހައްޔަރުކުރީ ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 7 މީހުންގެ ތެރޭގައި ފުލުހަކު ހިމެނޭ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އެ ބޯޑުން ވަނީ އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.
.
![]()
