އާންމުކޮށް ސަލާން ޖަހައިގެން ކައިއުޅޭ އުމުރުން 10 އަހަރުގެ މިހީރު އަށް އެދުވަހު ތަންކޮޅެއް ދުރަށް ދެވުނީ އޭނާ ބަލަމުންދާ މުސްކުޅި ބާބާ ވަރަށް ބޮޑަށް ބަލިވެ އުޅޭތީ އޭނާއަށް ދޭން ތަންކޮޅެއް ރަގަޅު ކާއެއްޗެއް ލިބޭތޯއެވެ. ހިނގަމުން ހިނގަމުން ގޮސް އޭނާއަށް ދެވުނީ ވަރަށް ބޮޑު ކައިވެނި ޕާޓީއެއް ބާއްވައިގެން އުޅޭ ތަނަކަށެވެ.
މިހީރު ހަނދާން ހުންނަން ފެށީއްސުރެވެސް އުޅެނީ މުސްކުޅި ބާބާއަކާއި އެކު،ކޯރެއްގެ އައްސޭރީގައި ހުންނަ ވަރަށް ނިކަމެތި ޖިފުޑިއެއްގައެވެ.އޭނާގެ މައިން ބަފައިންނަކީ ކޮންބައެއްކަމެއް އޭނާއަކަށް ނޭގެއެވެ. އެމީހުންގެ ހަނދާނެއްވެސް ނުހުރެއެވެ. ބޮޑުވަމުން އައިއިރު އޭނާޔަށް އެނގުނު ގޮތުގައި ބާބާއަށް އޭނާފެނިފައިވަނީ ޕްލާސްޓިކް ތައްޓަކަށް ލާފައި ކޯރަށް ދޫކޮށްލާފައި ވަނިކޮންނެވެ.
ބާބާއަކީ ފަގީރެއް ނަމަވެސް ވަރަށް މާތް ސިފަތަކެއް ހުންނަ ވަރަށް ރަގަޅު ހެޔޮ މީހެކެވެ. އެހެން ކަމުން ނުފެންނަ ކަމަށް ހަދާލާފަ އެތުއްތުކުއްޖާ ދޫކޮށްލާކަށް ބާބާއަކަށް ނުކެރުނެވެ. ނަގައިގެން ގެޔަށް ގެންދިޔައެވެ. ދަނޑިކޮޅަކުން ހަދާ މަތީގައި ރަބަރު ޝީޓެއް އަޅާފައިވާ ޖިފުޑި އެއީ ގެޔަކަށް ވާނަމައެވެ.
އެދުވަހަށްފަހު ބާބާ ސަލާން ޖަހައިގެން ލިބޭ ކާއެތި ކޮޅުން އެއްބައި، އަދި ބައެއް ރެސްޓޯރަންޓުން ލިބޭ ކިރުފޮދު ބޮއެގެން މިހީރު ބޮޑުވަމުން އާދެއެވެ. ބޮޑުވަމުން އައި ވަރަކަށް އޭނާވެސް ފެންނަނީ ބާބާގެ މާތްސިފަތައް އަށަގެންފައިވާ ރަގަޅު ކުއްޖެއްގެ ގޮތުގައެވެ. ހަތަރު ފަސް އަހަރުވީއިރު ބާބާ ވެސް ބަލަހައްޓަނީ އޭނާއެވެ. އެހާވެސް ހިތްހެޔޮ، އަމުދުން ޝަކުވާއެއް ނެތް މަޑުމައިތިރި ބަސްއަހާ ކުއްޖެކެވެ.
މިދުވަސް ތަކުގައި ބާބާ އޭނާކައިރީ ބުނާ އެއްވާހަކައެއް އޮވެއެވެ. ”ދަރިފުޅުގެ މަންމައާއި ބައްދަލްވެއްޖެ ނަމަ މަންމަޔަށް މަޢާފް ކުރައްޗެވެ. އެހެނީ އެއްވެސް މަންމަޔަކު ހިތުގައި ވޭން ތަކެއް އަޅަމުން މެނުވީ އެހާ ތުއްތު ކުއްޖަކު ދޫކޮށް ނުލާނެއެވެ.“
މިހީރު އަކަށް އޭނާގެ މަންމަ ހުންނާނެ ގޮތެއް ނޭނގެއެވެ.ނަމަވެސް ބާބާ ކިޔާދިން ގޮތުގައި އޭނާ ފެނުނުއިރު އޭނާޔާއެކު ނޯޓެއްވެއެވެ. އެއިން ހުވަނދު މާވަސް ދުވައެވެ. އަދި ނޯޓަކާއެކު ވަރަށް ކަޅު އިސްތަށިކޮޅެއްވެސް ވެއެވެ. ބާބާ ބުނި ގޮތުގައި މިހީރުގެ މަންމަ ވަރަށް ޒުވާން ވާނެއެވެ. ނޯޓުގައި ވަނީ ”ކޮންމެވެސް އޯގާތެރި މީހަކު މިކުއްޖާ ރަގަޅަށް ބަލާދޭށެވެ.އޭނާގެ ނަމަކީ މިހީރު އެވެ.“ އަދި މިހީރު ފެނުނު އިރު އޭނާގެ ކަރުގައި އަނބުރާފައިވާ ރަތް ސިލްކް ރޮއްޖެއް އަޅުވާފައި ވެއެވެ. އޭނަބޮޑުވަމުން އައި އިރުވެސް އެރޮދި ނަގާފައެއް ނުވެއެވެ.
ކުރިން ބުނި ދުވަހު ހިނގަމުން ހިނގަމުންގޮސް ޕާޓީ ބާއްވާފައިވާ ތަނަށް ދެވުމުން އޭނާ ހުރީ ކޮސްވެފައެވެ. ކުލަކުލައިގެ ބޮކިތައް ދިއްލާ މާތަކުން މުޅިތަން ޒީނަތްތެރި ކޮށްފައިވަނީ ކޮންމެމީހަކުވެސް ހައިރާންވާހާ ރިތިކޮންނެވެ. އޭނާގޮސް އެތަނުގެ ދޮރުން އެތެރެޔަށް ވަނެވެ. އޭރު މުޅި ތަނުގައިވަނީ މީރު ކެއުންތަކުގެ ވަސް ފެތުރިފައެވެ. މަޑުމަޑުން އެތެރެޔަށް ވަން އިރު މޭޒުތައް ފުރެންދެން ވަނީ ފާޑުފާޑު ކާއެއްޗެތި އަތުރާފައެވެ. ބަނޑުހައިވެފައި ހުރި ވަރުން ކާއެއްޗިއްސަށް ބަލަހައްޓައިގެން ހުރިގޮތުންކަންވެސް ނޭގެއެވެ. މީހަކު އައިސް އޭނާ އަތަށް ލަންޗް ބޮކްސް އެއް ދިނެވެ.އޭގައިވަނީ ބިރިޔާނީ އާއި އެހެންވެސް މީރު ކާއެއްޗިއްސެވެ. އޭނައަތަށް ފޮށި ދިނުމަށްފަހު އެތާ އެއްކައިރީގަ މީހަކަށް ނުފެންނަ ގޮތަށް ހުރެ ކާލާށޭ އެމީހާ ބުންޏެވެ.
މިހީރު އޭގައިހިފުމަށްފަހު ބޮޑު މާގަހެއްގެ ފަހަތަށް ވަދެ ކާން ފެށިތަނާ ހޯލްގެ މެދުގައިވާ ސިޑިން ކައިވެނި ކުރާ އަންހެން މީހާ ފައިބާތަން އޭނާ އަށް ފެނުނެވެ. އެވަގުތު ލައުޑް ސްޕީކަރުން އޭނާ ފައިބާކަން އެނައުންސް ވެސް ކުރިއެވެ. މިޔުޒިކް ގެ އަޑު ގަދަކޮށްލުމާއެކު ތަރުހީބުގެ އަތްތިލަބަޑިއެއްގެ އަޑު ފެތުރިގެން ދިޔައެވެ.
މިހީރު އަންހެން މީހާއަށް ރަގަޅަށް ބަލާލުމާއެކު އޭނާ އަތުގައިވާ ސަމުސާ ބިންމައްޗަށް ނުވެއްޓުނީ ކިޔާއެވެ. ރަން ރޮދިން ޖަރީކޮށްފައިވާ ފިޔާތޮށި ކުލައިގެ ވަރަށް ރީތި ހެދުމެއް ލާ، ރަން ގަހަނާތަކުން ޒީނަތްތެރިވެފައިވާ ޒުވާން އަންހެނެކެވެ. މިހީރުގެ ދެލޯބޮޑުވެގެން ދިޔައެވެ. އަދި އެވަގުތު މެޔަށްވެސް ނޭގޭ އިހުސާސެއް ކުރުވިއެވެ. އަހަރެންގެ މަންމަ އަކީ މިއީއެވެ. އޭނާ ހިތަށް އެރިއެވެ. އޭނާޔަށް އެކަން އެނގުނީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. އެކަމަކު ހަމަ އެނގުނީއެވެ. އަންހެންމީހާ އެސްފިޔަޖަހާލާ ގޮތާ، ހިނގާފަ ދާގޮތާ މިކަންކަން އޭނާޔާ ވަރަށް އެއްގޮތެވެ. އޭނާޔަށް ހުރެވުނީ ބޭއިހްތިޔާރުގައި ނޭވާ ހިހައްޓާލައިގެންނެވެ. އެވަގުތު އަންހެންމީހާގެ ނަޒަރުވެސް އޭނާއާ ދިމާލަށް އައިސް ދެމީހުންގެ ހަތަރުކަޅި ބައްދަލްވިއެވެ.
ހަތަރުކަޅި ބައްދަލް ވުމާއިއެކު އަންހެންމީހާގެ މޫނުމަތީގައިވާ ހިނިތުންވުން އެވަގުތު ފިލައިގެން ދިޔައެވެ.ގަޑިވެސް ހިގުން ހުއްޓުނު ހެން މިހީރުއަށް ހީވިއެވެ. އެއްވެފައިވާ މީހުން ތަރުހީބު ދެމުން ގެންދެއެވެ. ނަމަވެސް މިއިން އަޑެއް މިހީރު އަށް ވެސް އަންހެން މީހާއަށް ވެސް ނީވެއެވެ.
ކައިވެނީގެ ކަންތައް ކުރިޔަށް ގެންދިއުމަށް އާއިލާގެ ބޮޑެތި މީހުން އަވަސްވެގަތެވެ. ނަމަވެސް އަންހެން މީހާގެ ކަޅި ހުރީ މިހީރު އާއި ދިމާލަށް ހުއްޓިފައެވެ. އޭނާއަށްވެސް ނޭގޭ އިހުސާސްތަކެއް ކުރުވާ ކަހަލައެވެ. ސިޑިން ފައިބައިގެން އައިސް މިހީރުގެ ކުރިމައްޗަށް ހުއްޓުމަށްފަހު ސުވާލު ކުރިއެވެ. ”ކޮއްކޮޔަށް ކިޔަނީ ކޮންނަމެއް ހެއްޔެވެ.؟“ މިހެން އެހުމުން މިހީރު ވަރަށް މަޑުމަޑުން ކިޔަނީ މިހީރު ކަމަށް ބުންޏެވެ.އެވަގުތު އަންހެން މީހާ ސުވާލު ކުރިއެވެ.“ކޮއްކޮ ބެލީ ކާކު ހެއްޔެވެ.؟“ މީގެ ޖަވާބުގައި މިހީރު ބުންޏެވެ. ”ބާބާ ސަތިޝް ކިޔާ މުސްކުޅި މީހެކެވެ.“ މިހެން ބުނެ ކަރުގައި އަޅުވާފައިވާ ރަތް ރޮދިފަށް ދައްކާލިއެވެ.
އެވަގުތު އަންހެންމީހާ އަނާޔާ، މިހީރު ކައިޔަށް އައިސް ކަކޫމައްޗަށް ތިރިވިއެވެ.އަދި މިހީރު ގައިގައި ބައްދާލިއެވެ.އަދި ރޯން ފެށިއެވެ. ރޮމުން ރޮމުން ބުންޏެވެ. ”އަހަރެން ދަރިފުޅު ދޫކޮށްލީދޯއެވެ.އެކަމަކު މަންމައަށް އޭރު އެހެން ގޮތެއް ނެތުނީއެވެ.އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. އަދި އަހަރެންގެ މައިންބަފައިން ދަރިފުޅު ބަލައިނުގަތީއެވެ. އަދި މަންމަވެސް ގޭން ނެރެ އެއްލާލާނެ ކަމަށް ބުންޏެވެ. މަންމަގެ ހަޔާތުން ހަމަ ކޮންމެ ދުވަހަކުވެސް މަންމަ ދަރިފުޅު މަތިން ހަނދާން ކުރަމެވެ. ނަމަވެސް ފަހަކަށް އައިސް ހިތަށް އަރަނީ ދަރިފުޅު މިހާރު މަރުވެސް ވެދާނެ ކަމަށެވެ.“
މިކަހަލަ އެއްޗެހިތަކެއް ކިޔަމުން އަނާޔާ ރޮމުން ގެންދިޔައެވެ. ކަކޫ މައްޗަށް ތިރިވެ ހުރެއެވެ. އިރުކޮޅަކާ މިހީރު ގައިގައި ބައްދާލައެވެ.
އެއްވެފައިވާ މެހްމާނުންވެސް ހައިރާންވެގެން ބަލަހައްޓައިގެން ތިއްބެވެ.އެވަގުތު އެތަނަށް ކައިވެނިކުރާ ފިރިހެންމީހާ އަދީތުޔާ އަތުވެއްޖެއެވެ. އަދި އަނާޔާ އަތުގައި ހިފާ ނެގުމަށްފަހު ބުންޏެވެ. ”މިހީރު އަކީ އަނާޔާގެ ދަރިއެއްނަމަ އެއީ އަހަރެންގެވެސް ދަރިއެއެކެވެ.“ މިހެން ބުނުމުން އަނާޔާ ހައިރާން ވެގެން ބުންޏެވެ. ”އަދީތުޔާ ރުޅިއެއްނާދޭ ހެއްޔެވެ.؟“ އޭނާއެވަގުތު މިހީރު އާ ދިމާލަށް އޯގާތެރިކަމާއެކު ބަލާލަމުން ބުންޏެވެ. ”ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ ނިކަން ބަލާބަލާށެވެ. އޭނާއަކީ ކިހާ ހިއްވަރުގަދަ ކުއްޖެއް ހެއްޔެވެ. އެހާ ކުޑަ އުމުރެއްގައި އަމިއްލަ ރައްކާތެރިކަން ހޯދަމުން އެއައީ އަމިއްލަޔަށެވެ.މިއަދަކީ އަހަރުމެން އޭނާ ރައްތެރި ކުރަންވީ ދުވަހެވެ.“ މިހެން ބުނެ މިހީރު ނަގާ އުރާލިއެވެ. އަދި އެންމެންނަށް އިވޭ ވަރަށް ބުންޏެވެ. ”ކައިވެނީގެ ކަންތައް ކުރިއަށް ދެންގެންދާނީ އަހަރުމެންގެ މިދަރިފުޅު ރަގަޅަށް ކައި ހަމަޖެހިގެން އަހަރުމެންނާއެކު ކައިވެނީގެ ކަންކަމުގައި ބައިވެރިވެވޭ ވަރުވީމައެވެ.
އެދުވަހުގެ ފަހުން މިހީރު އުޅެމުން ގެންދަނީ އަނާޔާ އާއި އަދީތުޔާ އާއި އެކު ވަރަށް ރީތި ބޮޑު ގެޔެއްގައެވެ. ސްކޫލް އަށްވެސް ވަނީ ވައްދާފައެވެ.އަދި އޭނަ ހުންނަނީ މިހާރު ތިން އިރު ކައިގެން ނެވެ. ބާބާ ސަތިޝްގެ ބައްޔަށްވެސް ފަރުވާ ކޮށް ވަނީ މިހާރު ރަންގަޅު ވެފައެވެ. އަދި މިހާރު ބާބާވެސް އުޅެމުން ގެންދަނީ އެމީހުންނާއެކީ އެގޭގައެވެ.އަދި ގޭ އެންމެން އޭނާޔަށް ހިތަމުން އަންނަނީ އާއިލާގެ ކާފަގެ ގޮތުގައެވެ.
އީދު ދުވަހު އެންމެން އެއްވެ މަޖާކުރަމުން ދަނިކޮށް މިހީރު އޭނާގެ މަންކައިރީ މަޑުމަޑުން ބުންޏެވެ. ”އަހަރެން މަންމަޔަށް މައާފް ކޮށްފީމެވެ.“ އަނާޔާ ކުއްލިއަކަށް ދަރިފުޅު ގެނެސް ގަޔާލާ ބޮނޑި ކޮށްލިއެވެ. އަދި ރޯން ފެށިއެވެ. ކުއްޖާގެ ހިތުގައި ނަފްރަތުގެ ކުލަވެސް ނެތި،އޭގެ ބަދަލުގައި ފެންނަ ރަނގަޅު މާތް އަޚްލާގުގެ ސަބަބުން ހިތަށް ކުރި އަސަރުންނެވެ.
![]()
