ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައެވެ.
ފުލުހުން މިއަދު ބުނީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ލޮލޮގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއާނެސް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި ސެޝަނަކީ ސައިބަރ އެވެއާނެސް މަހާ ގުޅިގެން “އެކުރެވި ފުލުހުން” ނަމުގައި މުޅި ރާއްޖެގައި ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެއް ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ވީހާވެސް ގިނަ ބަޔަކު މި ސެޝަންގައި ބައިވެރިކުރުމުގެ ގޮތުން ގޫގަލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމު ވެސް ހަމަޖެއްސި ކަމަށެވެ.
އަދި އެ ސެޝަންގައި ހިއްސާކުރި މައުލޫމާތު އިޝާރާތްބަހުން ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމައި ކާކުކަން ނޭނގޭ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އޮންލައިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްކުރާނަމަ ކާކުކަން ޔަގީންކޮށްފައި ނޫނީ އެ މުއާމަލާތެއް ނުކުރުމަށާއި ސްކޭމްގެ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. ހަމައެހެންމެ ބެންކު އެކައުންޓާއި ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ހިއްސާނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީސް މީޑިއާގައި ބޭނުންކުރާ އެކައުންޓުތަކުގައި ސެކިއުރިޓީ ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށާއި ސޮފްޓްވެއަރ އަޕްޑޭޓްކުރުމަށް މައުލޫމާތު ދީފައިވެއެވެ. އަދި އެކަންކަން ދަސްކޮށްދީފައިވެއެވެ. މީގެ އިތުރުން، ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގަމުންދާ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށާއި އެ ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރކުރާނެ ގޮތާއި ކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ.
ގަލޮޅު ޕޮލިސް ނެއިބަހުޑް އިން އިންތިޒާމުކޮށްގެން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ފްރޮންޓްލައިން ޕޮލިސްގެ ހުރިހާ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ސައިބަރ ކްރައިމް ސެންޓަރާއި ސްކޭމް ސެންޓަރާއި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންނެވެ.
![]()
