ކޮންމެ މަހަކު -/35000ރ. ރުފިޔާ ދައްކަ ދައްކާ އަދި ކިތައް އަހަރު އެވޭނާއި އެތުރާލާ އެހިތް ދަތި ކަމުގެ ތެރޭގައި އެ ކުލި ނުދެއްކިގެން އެރައްޔިތުމީހާ ބޯގާނަން ޖެހޭނެތޯއެވެ. މިސުވާލަށް ޖަވާބުދޭނެ މީހާ ހޯދާ ހޯދާ ނުފެނުމުން އެމީހާ ހޯދަން ރައްޔިތުމީހާ ނުކުތުމަކީ ވެސް ސިޔާސީ ކަމެއްތޯއެވެ. އެގްރީމެންޓްގައި ސޮއި ކުރެވިއްޖެއެވެ. ޑައުން ޕޭމަންޓްވެސް ދައްކާ ނިމިއްޖެއެވެ. ނޫންނަމަ ޑައުންޕޭމެންޓް ދައްކާނިންމާނެ މުއްދަތުވެސް ކަނޑައެޅި ފުލެޓާއި ޙަވާލު ވުމަށް ބުނިހާ ކަމެއް ކޮށް ފުރިހަމަކުރަންޖެހޭ އެންމެހައި އިޖްރާތްތައް ރައްޔިތުމީހާ ފުރިހަމަ ކޮށްފިއެވެ. ތަޅުދަނޑި ކޮބައިހެއްޔެވެ.
ކޮންމެ ކަމެއްވެސް ބޮނޑު ނިގުލަށް ހެއްޔެވެ. ސަރުކާރަކުން އަޅައި ނިންމާދީފައިވާ 4000 ހާސް ފުލެޓެވެ. މި ހަތަރުހާސް ފްލެޓްގެ ޙައްގުވެރިން ވެރިކަމަށް ދެއަހަރު ވެގެން ދިޔައިރު ނުހޯދުނީ ކުރީގެ ސަރުކާރު ގޯސްކަމުން ތޯއެވެ. ނޫންނަމަ އެސަރުކާރުން ފުލެޓް ނުދީ ހިފެހެއްޓީ ތޯއެވެ. ހައުސިންގ މިނިސްޓްރީ އަށް ދެއަހަރުގެ ތެރޭގައި ދެވަނަވަޒީރު އައްޔަން ކޮށްފިއެވެ. ކުރީގެ މިނިސްޓްރީ ހުރި ޢިމާރާތް ވެސް އަންދާލާފި އެވެ.
އެހެނަސް އެއްވެސް ރައްޔިތެއްގެ ލޮލަކަށް ތަޅުދަނޑިއެއް ނުފެނުނެވެ. ތަޅުދަނޑިތައް އަދާހުލިވީތޯއެވެ؟ މި ސަރުކާރުން ރައްޔިތުންނަށް އަވާމެންދުރު ދައްކަމުން ދަނީއެވެ. ބުނެވޭނީ އެނޫން ކީކޭހެއްޔެވެ.
ދެންމެ ދެންމެ ފުލެޓްޙަވާލު ކޮށްފާނޭހެން ހީވާ ގޮތަށް ދެއިރު ދެދަޅައަށް ފުލެޓްލިސްޓް އިޢުލާން ކޮށް ރައްޔިތުމީހާ ފުލެޓަށް ވައްދައެވެ. އެހެނަސް އެއްވެސް ފުލެޓެއްގެ ޙައްގުވެރިއަކަށް އެއިން ފުލެޓަކަށް ވަންނަ ދޮރެއް ނުފެނެއެވެ. ”އަންނަމަހު ފުލެޓް ޙަވާލު ކުރާނަން“ މިމަހު ފުލެޓް ޙަވާލުކޮށް ނިންމާނަން“ މިނޫން އަޑެއް ނުއިވެއެވެ.
މިއީ ރައްޔިތުންނަށް ކުރާ މަލާމާތެއް ހެއްޔެވެ. ނޫންނަމަ ކުރާ ޖެއްސުމެއް ހެއްޔެވެ. ރައްޔިތުންގެ ކަންކަމާއި ރައްޔިތުން ޙަވާކޮށްފައިވާ ރައްޔިތުންގެ ނޯކަރުންނޭވެ. ކުރީގެ ސަރުކާރުން އެވަނީ ފުލެޓްލިބޭ މީހުން ކަނޑައަޅާ ފަތްލިޔެދީ ދައުލަތުގެ ސިއްކަވެސް ޖަހާދީފައެވެ.
ކުރިގެ ސަރުކާރަކީވެސް ގާނޫނީ ސަރުކާރެކެވެ. އެހެން ކަމުން އެފަތާއި އެ ރައްވެހިކަން ބަދަލުކުރެވޭނޭ ގާނޫނީ އެއްވެސް ޙައްގެއް މިސަރުކާރަށް ކީއްކުރަންތޯ އަދި އެހެން އެއްވެސް ސަރުކާރަކަށް ނުވަތަ ދައުލަތުގެ ބާރަކަށް ވެސް ލިބިގެނެއް ނުވެއެވެ. ކުރީގެ ސަރުކާރުން ދީފައިފައިވާ ގޮތަށް އެލިސްޓު ފުރިހަމަ ކުރަން ޖެހޭނެއެވެ.
ދައުލަތުގެ ތައްގަނޑު ޖަހައި ރައްޔަތަކަށް ދީފައިވާ އެއްވެސް އެއްޗެއް ސަރުކާރެއް ބަދަކުވުމަކުން އަތުލައެއް ނުގަނެވޭނެއެވެ. ނުޙައްގުން ދީފާވިޔަސް ޝަރުޢީގޮތުން ނޫންގޮތަކަށް މީހުންގެ ޙައްގު އަތުނުލެވޭނެއެވެ. އެގޮތުން ތިބުނާ ނުޙައްގުން ދިފާވާނަމަ އެ ނުޙައްގުން ދައުލަތުގެ ބިމެއް ރައްޔަތަކަށް ދިން މީހާގެ މައްޗަށް ޝަރީއަތް ސާބިތުކޮށް އޭނަޔަށް އަދަބު ދޭށެވެ.
ނުޙައްގުން އެއްވެސް ފަރާތަކަށް ފުލެޓް ދީފައިވާނަމަ އެދިން ބަޔަކަށް ކުރައްވާ ކަމެއް ކުރައްވާށެވެ. ޕޮއިންޓް ކަނޑައެޅީ ރައްޔިތުމީހާ އެއްނޫނެވެ. ފުލެޓްކޮމެޓީ އިންނެވެ. އެލިސްޓުން މިލިސްޓަށް ފުލެޓް ހައްގުވާ ފަރާތްތައް ބަދަލުކުރަމުން ގޮސް ބައެއްފްލެޓްތައް އޭގެ ޙައްގުވެރިންނަށް ގެއްލެމުން ދަނީއެވެ.
ސަރުކާރުން ވަކިބަޔަކަށް ފުލެޓް ނުދެވިގެން އުޅޭކަން ރައްޔިތުބްނަށް އެނގޭ މިންވަރަށް ސްކޭމް ޖައްސައިފިއެވެ. ރައްޔިތުންގެ މަގާމުތަކުގައި ތިއްބެވި ރައްޔިތުންގެ ނޯކަރުންނޭވެ.
މިރޭވެސް ދިރިއުޅޭ ތަނުން ނުކުތުމަށް އެތައްސަތޭކަ ރައްޔިތުންނަށް އެތަންތާގެ ވެރިފަރާތުން އެދަނީ އިންޒާރު ދެމުންނެވެ. ވަންނާނެތަނެއް ދާނޭ ދިމައެއް ނުއެނގި ރައްޔިތު މިހާ އެހުރީ ހަތަރު އަނގޮޅީގައެވެ. ރައްޔިތު މީހާ ވަންނާނެ ހިޔާވައްސެއް ނުލިބި މަގުމަތި ވުމަކީ މާ އުފާވާ ކަމަކީހެއްޔެވެ. މިއީ ނިކަމެތި ރައްޔިތުންގެ ހިތުގެ އިލްތިމާސްއެވެ. އަޑު އިވޭ ހެއްޔެވެ. ނުއިވޭނަމަ ރައްޔިތުން އެއަޑު އިއްވާން ނުކުންނާނެ އެވެ.
ކުލީ އެޕާޓުމެންޓް ތިން ގޭބިސީ އެކުވެގެން ހިފަން ޖެހެނީ ސިވިލްސާވަންޓުންނަށް ދޭ އުޖޫރަ ކުޑަވީމައެވެ. އެކަކަށް ކުލި ދެއްކޭވަރުު ނުވަނީ މިހެން ވީމައެވެ.
ޢާއިލާ މަގުމަތި ވުމުން ޢާއިލާގެ ބަލަދު ވެރިޔާ އާއި އެ ޢާއިލާއިން ކުރާނޭ ހިތާމަތަކާމެދު ފުންކޮށް ވިސްނާލެވޭ ނަމަ ތަޅުދަނޑި ނުހިފަހައްޓާނެއެވެ. މަންމަ މާލެ ބައްޕައަކީ ރާއްޖެތެރޭ މީހަކަށް ވުމުން މާލެއަށް އުފަން ދަރިން އެ ބައްޕަގެ ރަށުގައި ރަޖިސްޓްރީ ކުރަން ޖެހުނު ޒަމާން މާޒީވެ ގޮސްފައި ވީނަމަވެސް އަދިވެސް ބައެއް އައިޑީ ކާޑުތައް ބަދަލެއް ނުވެއެވެ. ނަތީޖާއަކީ މާލެއަށް އުފަން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި ރާއްޖެތެރެއިން މާލެއައިސް މާލޭގައި ފަނަރައަހަރު ދިރިއުޅުނު މީހާއަށަ ބޯހިޔާވަހިކަން ލިބުމެވެ. ރައްޔިތުމީހާގެ ޝަރުތު ހަމަވޭތޯ ބެލުމަކީ ބޯހިޔާވަހިކަން ދޭ ފަރާތުގެ ޒިންމާއެކެވެ. އެހެން ކަމުން ބޯހިޔާވަހިކަން ލިބުނު މީހާ ބާކީ ކުރުމަކީ އިންޞާފެއް ނޫނެވެ. އަދަބު ލިބެން ޖެހޭނީ ކުށްކުރި ފަރާތަށެވެ. ވެރިކަން ހޯދަންވެގެން ގޮވި ގޮވެލިފަތި ހަނދާން ނެތުނީ ތޯއެވެ!
ތަޅުދަނޑި ކޮބައި ހެއްޔެވެ. އެގްރީމެންޓުގައި ސޮއިކުރުމުން ތަޅުދަނޑި ނުދީ ހިފެހެއްޓުމަކީ ރައްޔިތު މީހާ މަގުމަތި ކޮށްލުން ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ. އިންޞާފާއި ހަމަހަމަ ކަން ކޮބައިހެއްޔެވެ. ސަރުކާރަކުން އަޅައިދީ އެ ތަންތަން ރައްޔިތުންނަށް ދީ ދައުލަތުގެ ސިއްކަޖަހާފައި އެވަނީ އެފަރާތްތަކަށް ބޯހިޔާވަހިކަން ޙައްގުވާތީއެވެ.
އެހެނަސް ބޯހިޔާވަހިކަން ޙައްގުވާ ރައްޔިތުން މަގުމަތިވެފައި ކިތަކެއް އަހަރު ތިބެން ޖެހޭނެތޯ ރައްޔިތުމިހާ ކުރަމުންދާ ސުވާލުގެ ޖަވާބެއް ނުލިބެއެވެ. މި ސުވާލުގެ ޖަވާބު ރައްޔިތު މީހާއަށް ލިބޭނީ ކޮންފަރާތަކުން ތޯއެވެ؟
ގައުމެއްގެ ބަހާއަކީ ރައްޔިތު މީހާއެވެ. ރައްޔިތު މީހާ ދުވާރުމަތީގައި ނިދަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ވެރިޔަކު ރައްޔިތުން ބޭނުންވާނެތޯއެވެ.
ވެރިކަމަށް ދެއަހަރު ފުރެނީއެވެ. ކުރެވުނީ ކޮން ކަމެއްތޯއެވެ. ތެދުފުޅެކެވެ. ވައްކަން އެބަ ކުރެވެއެވެ. މައިސޯބު ފާލުން ނެއްޓި ނުއަތަށް އެނބުރެން ފަށައިފިއޭވެސް އެބަ ގޮވައެވެ . އެހެން ކަމަށްވަނަމަ މުޅިގައުމު ނުއަތަށް ބުރުޖަހާނެއެވެ. ވައްކަމާއި ފޭރުން އިތުރަށް ޢާންމުވެއްޖެ ކަމަށް ގިނަބަޔަކު އެބަބުނެއެވެ. ވައްކަން ކުރުމުގެ އައު ހުނަރުތައް ތަޢާރުފު ވެއްޖެއެވެ. 40 ފޫޓުގެ ބޮޑެތި ކޮންޓޭނަރު ތައް ގެއްލުވާލައި ލޫޓްކޮށްފިއެވެ. ބޭންކުން ޓާރމިނަލް އަށް ގެންދާ ޑޮލަރު ކޮޅު ލޫޓުވައިފިއެވެ. މަގުމަތިން ހިނގަމުން ދާމީހާ އެނބުރި ގެއަށް ވަންނައިރު ޖީބުގައި އޮތް ވޮލެޓް ވެސް ނުއޮވެއެވެ. ވައްކަން އެޑުވާންސް ވާނީ މިހާވަރަށް ތާއެވެ. މަގުމަތީގައި ދުއްވާފައިދާ ވެހިކަލްވެސް ގެއްލެނީއެވެ. މީހަކަށް ނުފެނިއެވެ. އަދި ކެމަރާއަކަށް ވެސް ނައަރައެވެ.
ވައްކަމުގެ ރޮގުން ގައުމެއް ތަރައްގީ ވާނީ މިހާވަރަށް ތާއެވެ. ތަޅުދަނޑި ވެސް ގެއްލުނީ އެގެންކަމަށް ބެލެވެއެވެ. ކަތިވަޅިއާއި މަރިޔަނބު ވެސް ގެއްލި ނިމެނީއެވެ. ފުލެޓާއި ތަޅުދަނޑިވެސް ގެއްލުނީއެވެ.
މާދަމާ މަވެސް ގެއްލުވާލަފާނެއެވެ. ސަހަރޯއެވެ!
![]()

One Response
Dhogu mauloomaath dheefaavaa meehun kobaa