އީރާނުގެ ނިއުކްލިއަރ މަޝްރޫޢު ހަމައެކަނި މަދަނީ ބޭނުންތަކަށްފުދޭ މިންވަރުގައި ބެހެއްޓުމަށް މަޖްބޫރު ކުރުމާއެކު އަދި އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު ތަކަށް އޭގެ ބަދަލުގައި ލުޔެއް ދިނުމަށް އީރާނާއެކު އެމެރިކާއާއި ރަޝިޔާ، ޗައިނާއާއި އިނގިރޭސި ވިލާތައި ފަރަންސޭސި ވިލާތާއި ޖަރުމަނާއި އަދި ޔޫރަޕްގެ އިއްތިޙާދުން 2015 ވަނައަހަރު ވެފައިވާ އެއްބަސްވުން ( ޖޭ ސީ ޕީ އޭ އޯ ) ގެ މައްޗަށް ޔޫ އެން ގެ 2231 ނަންބަރު ގަރާރު ވަނީ ފާސްކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުމުން 2018 ވަނައަހަރު އެމެރިކާއިންވަނީ އެކަހެރި ވެފައެވެ.
އެއަށްފަހު އެއްބަސްވުމާ އަދި ޔޫ އެން ގެ ނަންބަރު 2231 ގަރާރާ ޚިލާފަށް އެމެރިކާއާއި ޔޫރަޕްގެ ބައިވެރިން ގެންދިޔައީ އީރާނަށް އިގްތިސާދީ ގޮތުން ގިނަ ފިއްތުންތަކެއް ކުރިމަތި ކުރަމުންނެވެ.
ޖޭ ސީ ޕީ އޭ އޯ ގެ ނަންދެވިފައިވާ އެއްބަސްވުމާއި އަދި ޔޫ އެން ގެ ނަންބަރު 2231 ގަރާރުގެ މުއްދަތު 2025 އޮކްޓޯބަރ 18 ވަނީ ނިމިފައެވެ. މިކަން ފާހަގަކޮށް ރަޝިޔާއާއި ޗައިނާ އަދި އީރާނުން ވަނީ އެއްބަސްވުމުމުގެ މުއްދަތު ހަމަވެފައި ވުމާއެކު އޭގެ ދަށުން އީރާނާ ދެކޮޅަށް ދެން އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެކަން އަންގައި އެއްބަސްވުމުގެ އެހެން ބައިވެރިންނަށާއި އަދި ޔޫ އެން އަށް މިހާރު ލިއުމުން އަންގާފައެވެ. އެ ސިޓީ ފޮނުވާފައިވަނީ 3 ގައުމު ގުޅިގެންނެވެ. އެ ސިޓީގެ އިބާރާތްތަކަށް ބަލާއިރު އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވާނަމަ އެކަން ހުއްޓުވުމުގެ ބާރު އެ ގައުމުތަކަށް މިހާރު ލިބިފައި ނުވާކަމާއި އަދި ކުރިއަށް އޮތް ތަނުގައި އެފަދަ އިން އީރާނަށް ތާށި ކުރުމުގެ ފުރުސަތު ނުދޭނެކަން ހާމަކޮށްފައި ވެއެވެ. އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވާނަމަ އެކަންވެސް ދެން ނުހުއްޓުވޭނެކަންވެސް ބަޔާން ކޮށްފައި ވެއެވެ. އަދި އެއްބަސްވުން ދެމެހެއްޓުމަށާއި އަލުން ޔޫ އެން ގެ ސިއްކަ ޖެހުމަށް އިނގިރޭސި ވލާތާއި ޖަރުމަނާއި ފަރަންސޭސި ވިލާތުން ކުރަމުން ގެންދާ މަސައްކަތަށް ފާޑު ވިދާޅުވެ އެކަން ކާމިޔާބު ނުކުރެވޭނެ ކަންވެސް އެ ސިޓީގައި ބަޔާންކޮށްފައިކަމަށް އިސްތަންބޫލުން ބުނެފައިވެއެވެ.
ރަޝިޔާއާއި ޗައިނާއިން އީރާނުގެ ހިމާޔަތުގައި ނިކުތުމުން އެކަމާމެދު ޝުކުރުވެރިވާކަން އީރާނުންވަނީ ހާމަ ކޮށްފައެވެ.
އީރާނަކީ މިހާރުވެސް ޑްރޯނާއި ބެލިސްޓިކް މިސައިލް އުފެއްދުމުގައި ވަރަށް ކުރިއަރާފައިވާ ގައުމެކެވެ. މެދުއިރުމަތީގެ މިލިޓްރީ ބާރުވެރިކަން ބާރުގަދަ ވަކިފަރާތަކަށް ބުރަވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ބޭނުންވާ މިލިޓްރީ ބާރުވެރިކަން ހޯދާދިނުމުގައި ރަޝިޔާއާއި ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށްވެސް އެސިޓީގައި ބުނެފައިވާކަމަށް މީޑިއާތަކުން ހާމަކޮށްފައި ވެއެވެ.
ތިންގައުމު ބައިވެރިވެގެން ޖޭ ސީ ޕީ އޯ އޭގެ ބައިވެރިންނަށް ސިޓީ ފޮނުވުމަށްފަހު ޗައިނާއާއި އީރާން ގުޅިގެން މިލިޓްރީ ގުޅުންތައް އިތުރުކުރުމާއެކު މިސައިލް ޓެކްނޯލޮޖީ އިތުރަށް ތަރައްގީކޮށް މިސައިލް އުފައްދަން ފަށައިފިކަމަށްވެސް ބައެއް މީޑިއާތަކުގައި ބުނެފައި ވެއެވެ.
މިޚަބަރާއެކު ދެން މީޑިއާތަކުން ފެނިގެންދިޔައީ ގައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި އުތުރު ކޮރެއާގެ ބޯޓަކަށް އިސްރާއީލުން ހަމަލާދީ ފައްތާލި ޚަބަރެވެ. އެ ޚަބަރު ލިބިވަޑައިގަތުމާ އެކު ކިމް ޖޯން އުން ކޯފާ އިސްކުރައްވައި އުތުރު ކޮރެއާއަށްލިބުނު ގެއްލުމުގެ ބަދަލު 2 ދުވަހުގެ ތެރޭގައި ދިނުމަށް އިސްރާއީލަށް އަންގަވައި ރަތް ބަޓަންއަށް ފިއްތާލުމަށް ތިމަން މަނިކުފާނު ދެވަނަ ވިސްނުމަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާނެކަން ދޭހަވާ ބަހުރުވައަކުން އިންޒާރު ދެއްވި ޚަބަރެއްވެސް އިވިގެން ހިނގައްޖެއެވެ.
ކިމް ޖޯން އުންގެ އިންޒާރާއެކު އެ ބޯޓުގައިތިބި ހުރިހާ ފަޅުވެރިން މިނިވަންކޮށް ދޫކޮށްލައިފި ކަމަށާއި އެކަމަކު އެ ވަރުން ނުފުދޭނެ ކަމަށް ވިދާޅުވެ ލިބުނު ގެއްލުމަށް 25 މިލިއަން ޑޮލަރ އަދާކުރަން ޖެހޭނެކަމަށް އިސްރާއީލަށް އެންގެވިކަމަށްވެސް ވެއެވެ.
![]()
