ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލިކަމަށް އެކަންކުރި މީހާ އަމިއްލަބަހުން އިއުތިރާފް ވެއްޖެ އެވެ.
ވެރިރަށް ޓޯކިޔޯގެ ކޯޓެއްގައި އަންގާރަ ދުވަހު ބޭއްވުނު ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި، އަބޭ އަވާހާރަކޮށްލުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ހުރި އުމުރުން 45 އަހަރުގެ ޓެސޫޔާ ޔަމަގާމީ އަށް ދައުވާ އިއްވުމުން ބުނީ ”ތިޔައީ ހުސް ތެދު“ ކަމުގައެވެ. އަދި އެކަން ކުރިކަމަށް އިއުތިރާފް ވާ ކަމުގައެވެ.
ޝިންޒޯ އަބޭ އަވަހާރަ ކޮށްލާފައިވަނީ ޖަޕާންގެ ނާރާ ސިޓީ ކިޔާ ތަނެއްގައި ކެމްޕެއިން ހަރަކާތެއްގައި އުޅުއްވަނިކޮށް 2022 ވަނަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. އޭނާ އަވަހާރަ ކޮށްލުމަށް ޓެސޫޔާ ޔަމަގާމީ ބޭނުން ކޮށްފައިވަނީ އަމިއްލަޔަށް އުފައްދާފައިވާ ބަޑިއެކެވެ. މިއީވެސް ޖަޕާނުގައި ބޮޑު ގާނޫނީ ކުށަކަށް ވާއިރު މީހަކު މެރުމުގެ އިތުރުން ހަތިޔާރާބެހޭ ގާނޫނާ ޚިލާފް އަމަލުތަކެއް ކޮށްފައިވާތީ އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
އުމުރުފުޅުން 67 އަހަރުގެ ޝިޒޯއަބޭ އަކީ އޭނާގެންގުޅުއްވި ހަރުދަނާ ފޮރިން ޕޮލިސީ އަދި އިގްތިސާދީ ޕޮލިސީގެ ސަބަބުން ގައުމުގެ އެތެރޭގަޔާއި ބޭރުން ވަރަށް ބޮޑަށް ތާއީދު ލިބި ވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަބޭ އަށް އަމާޒުކޮށް ދުރުގައިހުރެ ޔަމަގާމީ އެތައްފަހަރަކު ބަޑިޖަހާފައި ވެއެވެ. އޭނާ އަވަހާރަވެފައިވަނީ ހޮސްޕިޓަލް އަށް ގެންދެވި ފަރުވާ ދެމުން ދަނިކޮންނެވެ.
ތަހުގީގުގައި އަބޭގެ ޤާތިލް ބުނެފައިވަނީ އޭނާ އަބޭ އަވަހާރަކޮށްލީ ޗަރޗް ގެ ހިންގުމަށް ބަދަލުތަކެއް ގެންނަވަން އުޅުއްވާތީއެވެ.
![]()
