ގައްޒާސިޓީގައި އެންމެ ބާރުގަދަ ވަތަނީ މުޖާހިދުންނަކީ ޙަމާސް އާއި ޢިއްޒުއްދީން އަލްގައްސާމް ބްރިގޭޑްއެވެ. އެހެންނަމަވެސް ގައްޒާގެތެރޭގައި އިސްރާއީލުގެ މަދަދުލިބޭ ގަބީލާތަކުގެ ހަނގުރާމަވެރިން ތަކެއް ފުރުސަތު ލިބިއްޖެނަމަ ޙަމާސް އަށާއި ގައްސާމް ބްރިގޭޑްގެ މުޖާހިދުންނަށް ޙަމަލާ ދެމުން ގެންދިއުމަކީ ގައްޒާގެ މަސްރަޙުގެ ހަމަހިމޭންކަން ނަގާލުމަށް އިސްރާއީލުން ހިންގާ ޖަރީމާއެއް ކަމުގއި ޙމާސް އިން ބުނެއެވެ. މިހާރު ހަނގުރާމަ ކޮންމެވެސް ވަަރަކަށް މެދުކެނޑިފައިވުމުން ގާޒާގެ ތެރެއަށް އެބައިމީހުންވަނީ ވަދެގެންފައެވެ.
ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދިޔަ ގަތުލު އާންމު ނިމުމަކަށް އަތުވެދާނެ ކަމުގެ އުންމީދެއްލިބި ސުލްޙައިގެ އެއްބަސްވުމެއްގައި ގަދަބާރުން ނަމަވެސް އިސްރާއީލުން ސޮއިކުރުމަށްފަހު އެއްބަސްވުމާ އެއްގޮތަށް އިސްރާއީލުގެ ސިފައިން ގައްޒާއިން ނިކުންނަން ފެށުމާއި ޙަމާސްގެ ރަހީނުންގެ ގޮތުގައިތިބި އިސްރާއީލުގެ ރަށްވެހިން ދޫކޮށްލަން ފެށުމާއެކު ގައްޒާގެ މަސްރަހަށް ކޮންމެވެސް ވަރެއްގެ ހަމަހިމޭންކަމެއް އައިސް ކުޑަކުދިންގެ ބައެއް ސްކޫލްތައް ހުޅުވިގެން ދިޔަތަން ފެނުނެވެ.
އެއަށްފަހު ހަނގުރާމައިގެ ދުވަސްވަރު ހޮރު ހޮރަށްވަދެ ތިބި ގަބީލާތަކުގެ ހަނގުރާމަވެރިން ގައްޒާގެ މަސްރަޙް ކިލަނބު ކޮށްލުމަށްޓަކައި ޙަމާސްއާ ދެކޮޅަށް ޙަމަލާދޭން މިވަނީ ފަށައިފައެވެ. މިގޮތަށް ޙަމާސްއާ ދެކޮޅަށް ގަބީލާތަކުން ހޙަަކާތްތެރިވާން ފެށުމާއިއެކު ޙަމާސްއަށް މަޖުބޫރު ވެފައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ބޭނުމުގައި އިސްރާއީލުގެ ސިފައިން ފޭބި ސަރަހައްދުތަކަށް އެ ޖަމާޢަތުގެ ސަހްމް އަދި ރަޝިއާ ގޮފީގެ މުޖާހިދުން ނެރެންޖެހުމެވެ.
ގައްޒާގައި ހަރަކާތްތެރިވަމުން ގެންދާ އެންމެ ނުރައްކާތެރ ގަބީލާ ހަނގުރާމަވެރިން ހިމެނެނީ ޔާސިރް އަބޫ ޝަބާބު ގެ ވެރިކަމުގެ ދަށުގައި އިސްރާއީލުގެ ހިޔަނީގައި ތިބެގެން ޙަރަކާތްތެރި ވަމުންގެންދާ ގުރޫޕްތަކެވެ. ޔާސިރް އަބޫ ޝަބާބުގެ ހަނގުރާމަވެރިންނަކީ އިސްރާއީލުގެ ރައްކާތެރިކަން ލިބިގެން ހިންގާ ޖަމާޢަތްތަކެއްކަން ފަޚްރުވެރިކަމާއެކު އެ ޖަމާޢަތްތަކުން ގެންދަނީ ޢިއުލާންވެސް ކުރަމުންނެވެ.
ޔާސިރް އަބޫ ޝަބާބުގެ ބާރުގެ ދަށުގައި ސަތޭކައެއްހާ ހަނގުރާމެވެރި ގަބީލާތައް ހަރަކާތްތެރި ވަމުންގެންދާ ކަމަށް ބުނެފައިވެއެވެ. އެ ޖަމާއަތުގެ މައި މަރުކަޒުވެސް ހުންނަނީ ރަފާހް ސިޓީގެ ކަރީމް ޝަލޯމްގައެވެ. އެއީ ގައްޒާގައި މިވަގުތު އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ސަރަޙައްދެކެވެ.
ޔާސިރް އަބޫ ޝަބާބުގެ ބާރުގެ ދަށުގައި ޙަރަކާތްތެރި ވަމުންގެންދާ ހަނގުރާމަވެރިންގެ ތެރެއަށް އިތުރު ހަގުރާމަވެރިވެސް އަންނަނީ ބައިވެރި ވަމުންނެވެ. ދާދިފަހުން އިރުމަތީ ގައްޒާއިން ރާމީ ހެލެސްގެ ހަނގުރާމަވެރިންނާއި އުތުރު ގައްޒާއިން އަޝްރަފް އަލްމަންސީގެ ހަނގުރާމަވެރިންނާއި އަދި ޚާން ޔޫނިސް އިން ހުއްސާމް އަލް އަސްތަލްގެ ހަނގުރާމަވެރިންވަނީ ބައިއަތު ހިފާފައިވާކަމަށް ފަލަސްތީނުގެ މައްސަލަ ދިރާސާ ކުރައްވަމުންގެންދަވާ ނާސިރް ހުޟޫރު ވިދާޅުވެފައިވެއެވެ.
ނާސިރު ހުޟޫރު ވިދާޅުވެފައިވާ ގޮތުގައި އެ ހުރިހާ ހަނގުރާމަވެރިން ގުޅިގެންވެސް ޙަމާސް ބަލި ނުކުރެވޭނެއެވެ. ޙަމާސްގެ މިލިޓްރީ ބާރާއި ޕޮލިޓިކަލް ކޮންޓްރޯލް އަދި ފިކުރު އޮތީ އިސްރާޢީލާއި މިކުރެވުނު ހަނގުރާމައިގެ ސަބަބުން، ގައްޒާގެ އާންމުރައްޔިތުން ތާއީދާ މާބޮޑަށް ގުޅިމެހިލެވިފައެވެ. ދެންތިބި ހަނގުރާމަވެރި ޖަމާއަތްތަކަކީ ފަލަސްތީނުގެ މަސްލަޙަތަށް ބެލުމެއްނެތި އަމިއްލަ ފައިދާއަށްޓަކައި ޙަރަކާތްތެރިވަމުން ގެންދާ ލުޓޭރުންތަކެކޭ ބުނެވިދާނެއެވެ. އެހެންނަމަވެސް އެ ޖަމާއަތްތަކަކީ ޙަމާސްއަށް ކުރިމަތިވެފާއޮތް ބޮލުރިހުމެކެވެ.
ދާދިފަހުން ގައްޒާގެ ސަބްރާ ސަރަޙައްދުގައި ގަދަކޮށްގެން ތިބޭ ޑޯގްމުޝް ގަބީލާގެ މަރުކަޒަކަށް ޙަމާސް އިން ޙަމަލާދީ އެ ޖަމާޢަތުގެ ގިނަ ބަޔަކު ހައްޔަރުކޮށް އަދި އަށް މީހަކު އާންމުންގެ ކުރިމަތީގައި މަރާލިއެވެ.
ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސުލްޙައިގެ ހުށައެޅުމުގައި ގައްޒާގައި ފަލަސްތީނުގެ އޮޓޯކްރެޓުންގެ ސަރުކާރެއް އެކުލަވާލުމަށް ޙަމާސް އިން ދެކޮޅު ނުހަދާނެ ކަން ހާމަކޮށްފައި ވެއެވެ. އެހެންނަމަވެސް ޙަމާސް އިން ރުހުން ދީފައިވަނީ ސުލްޙައިގެ ޕްލޭނަކީ ޙަގީގަތަކަށްވެ ދާއިމީގޮތެއްގައި އެއްވެސް ސިފައެއްގައި އިސްރާއީލުން ފަލަސްތީނަށް އުދަނގޫ ނުކުރުން ޝަރުތުކޮށްފައެވެ. ޙަމާސްގެ މި ހުށައެޅުމަށް އެމެރިކާއިން ހަދާނެ އެއްޗެއް އަދި ޔަގީނެއް ނުވެއެވެ. ކޮންމެގޮތެއްގައިވެސް ކަންތައް ނިމިގެންދާނީ އެމެރިކާއިން ބުނާގޮތަކަށެވެ. އެހެނީ އެމެރިކާއަށް ލިބިފައިވާ ވީޓޯ ޕަވަރ ބޭނުންކޮށްގެން އެއްވެސް އެހެން ގައުމަކުން ހުށަހަޅާ ޕީސް ޕްލޭނެއް މިހާތަނަށް ވަނީ ކާމިޔާބު ނުކުރެވިފައެވެ. މިހާތަނަށް އެންމެ ބޮޑު ސުވާލެއް އުފެދިފައިވަނީ އިސްރާއީލުގެ ޕާރލަމެންޓުން ހުޅަނގު އައްސޭރިއަކީވެސް އިސްރާއީލުގެ ބައެއްކަމަށް ނިންމުމުގެ މައްސަލައެވެ. އެމެރިކާއިން ބުނެފައިވަނީ ހުޅަނގު އައްސޭރިއަކީ އިސްރާއީލުގެ ބައެއް ކަމުގައި ނުހެދޭނެކަމަށެވެ. ނަމަވެސް އެމެރިކާއިން އިސްރާޢީލާއި ދެކޮޅު އެއްވެސް ކަމެއް ނުވަތަ ބުނާ ބުނުމެއްވެސް ޙަގީގަތަކަށް ވެފައެއްނެތެވެ.
![]()
