އަހަރެންނާއި ސޭމް ކައިވެނިކުރީ ވަރަށް ބޮޑަށް ލޯބިވެގެން އުޅުމަށްފަހުއެވެ. ކައިވެންޏާހަމަޔަށް ދެވި އަހަރުމެން އުޅުނީ ވަރަށްވެސް އުފާވެރި ހަމަޖެހޭ ދިރިއުޅުމެކެވެ.
މިގޮތުގައި އުޅެމުން ދަނިކޮށް، އަހަރުމެންގެ ސޯޅަ އަހަރުގެ ފިރިހެން ދަރިފުޅު މަގުމަތީގެ އެކްސީޑެއްޓެއްގައި ކުއްލިއަކަށް މަރުވި ދުވަހު އަހަރެންގެ މިއުފާވެރި ދުނިޔެ ފުނޑުފުނޑު ވެގެން ދިޔައެވެ. ރޮމުން ރޮމުންގޮސް ކޮޅަށް ތެދުވެ ހުންނާނެހާވަރުވެސް އަހަރެންގެ ގަޔަކު ނުހުރެއެވެ. ގިނަވަގުތު ބާއްވާފައޮތީ ވެސް ބޭސްދީ ނިންދަވާފައެވެ. އެކަމަކު އަހަރެންގެ ފިރިމީހާ ސޭމް އެންމެ ކަރުނަ ތިއްކެއްވެސް އަޅާތީ ނުދެކެމެވެ. އެވާހަކަ ނުވެސް ދައްކައެވެ. މިއީ ބޮޑު މައްސަލަ އަކަށްވެ،ދެމަފިރިންގެ ގޮތުގައި އަހަރުމެންގެ ދެމެދު އޮންނަ ގާތްކަން ދުރުވާން ފެށިއެވެ.ދެމީހުން ވާހަކަ ނުދައްކާތިބޭ ވަގުތުތަކާއި ދުވަސްތައް ގިނަ ވާން ފެށިއެވެ. އެންމެ ފަހުން ވަރިވާ ހަމަޔަށްވެސް ކަންތައް ގޮސް ދެމީހުން ވަރިވީއެވެ.
އަހަރުތަކެއް ފަހުން ސޭމް ދެވަނަ ކައިވެންޏެއް ކުރި ޚަބަރު އަހަރެންނަށް ލިބުނެވެ. ވަރިކުރިފަހުން އެއްވެސް ވަރަކަށް އަހަރުމެން ދެމީހުންގެ ދެމެދު މެސެޖެއް ފޯންކޯލްއެއް އެއްޗެއްވެސް ބަދަލު ކުރެވިފައެއް ނުވެއެވެ.އެހެން ކަމުން ސޭމްގެ އަންހެނުންނާބެހޭ މާގިނަ މައުލޫމާތެއް އަހަރެންނަކަށް ނުލިބެއެވެ.
ސޭމް ދެވަނަ ކައިވެންޏެއް ކުރިތާ 12 އަހަރުފަހުން އަހަރެންނަށް ހަބަރުލިބުނީ ސޭމް ކުއްލިއަކަށް މަރުވި ހަބަރެވެ. އެމީހުން އުޅޭ ތަނެއްވެސް އޭނާގެ އަންހެނުންނާގުޅޭނެ ނަމްބަރެއް އެއްޗެއްވެސް ނެތުމުން އަހަރެންނަށް ގުޅާލެވޭނެ ގޮތެއްވެސް ނެތެވެ. ސޭމްގެ ފޯނަށް ގުޅިއިރު އޮންނަނީ ނިއްވާލާފައެވެ.
ސޭމް މަރުވިތާ މާގިނަ ދުވަހެއް ނުވެ އެއްދުވަހަކު ކުއްލިއަކަށް އަހަރެންނާ ބައްދަލް ކުރަން އަންހެނަކު އަހަރެންގެ ގެޔަށް އައެވެ.އޭނާބުނި ގޮތުގައި އޭނާއަކީ ސޭމްގެ އަންހެނުންނެވެ. ބަލާބެލުމަށް އޯގާތެރި ރަނގަޅު މީހެކެވެ. އަހަރެންނަށް ދައްކާލަން ބޭނުން އެއްޗެއް އޮތުމުން އެޑްރެސް ހޯދައިގެން އައީ ކަމަށް ބުންޏެވެ. މިހެން ބުނުމުން އަހަރެން އޭނާ ގޭތެރެޔަށް ވައްދާ ތަނަކު ބޭންދީމެވެ.
ސޭމްގެ އަންހެނުން އައިއިރު އޭނާގެ އަތުގައި ފިލައިންހަދާފައިވާ ވަރަށް ރީތި ކުޑަ ފޮއްޓެއް އޮތެވެ. އެތެރެޔަށް ވަދެ އިށީނުމަށްފަހު އެފޮށި އަހަރެންގެ އަތަށް ދިއްކޮށްލަމުން ބުންޏެވެ.މިއީ ކޮންމެހެންވެސް ކަލެއަށް ދައްކާލަން ޖެހޭ އެއްޗެއް ކަމަށް ފެންނާތީ ގެނައީ ކަމަށް ބުންޏެވެ.
އަހަރެން ފޮށީގައި ހިފުމަށްފަހު މަތި ހުޅުވާލިއިރު ފޮށީގައިވަނީ ރީތިކޮން ބަންޑެލިކޮށްފައިވާ ސިޓީ ތަކެކެވެ. ކޮންމެ ސިޓީއެއްވެސް އެޑްރެސް ކޮށްފައިވަނީ އަހަރުމެންގެ މަރުވި ދަރިފުޅަށެވެ.ސިޓީތައް ލިޔެފައިވާ ތާރީހުތަކަށް ބަލާއިރު ދަރިފުޅުގެ ކޮންމެ ބާތުޑޭއެއް، ޗުއްޓީ ތައް، އަދި ތަފާތު އެހެން ތާރީހުތަކުގައި ލިޔެފައިވާ ސިޓީތައް ހުއްޓެވެ. ދަރިފުޅުގެ ހަދާންތައް މާބޮޑަށް ހިތަށް އުދަގޫ ކުރަން ފެށުމުން ލިޔެފައިވާ ސިޓީތައް ކަމަށް ފެނެއެވެ. ކޮންމެ ސިޓީ އެއްވެސް ފަށާފައިވަނީ ވަރަށް ގާތް ކަން އޮންނައިރު، އެކަކު އަނެކަކަށް މުޚާތަބް ކުރާ ގޮތަށް ”ހޭ ބަޑީ“ މިހެން ކިޔާފައެވެ.އަދި ހުރިހާސިޓީއެއްގައިވެސް ދަރިފުޅު ވަރަށް ބޮޑަށް ”މިސް“ ވާ ކަމަށް ލިޔެފައިވެއެވެ. އަދި ސޭމްގެ ހިތުގެ ޝުއޫރުތައް ތަފްސީލްކޮށް ލިޔެފައިވެއެވެ. ދަރިފުޅުގެ ކޮލެޖް ދައުރުނިމި ގްރެޖުއޭޝަން އަށް ބައްޕަ ދާން ބޭނުންވި ކަމަށާ،އަމިއްލަ ހަޔާތެއް ފަށައިގެން އުޅޭތަން ބަލަން ބޭނުންވި ކަމަށާ، ކާފަދަރިން އުރަން ބޭނުންވި ކަމަށާ މިފަދަ ތަފާތު އިހުސާސްތައް ބަންޑުން ކޮށްލާފައި ވެއެވެ.
އަހަރެން ސިޓީތަކަށް ބަލަމުން ސިޓީތައް ހާވަމުން ދަނިކޮށް ސޭމްގެ އަންހެނުން ވާހަކަ ދައްކަން ފެށިއެވެ. ދަރިފުޅު މަރުވުމަށްފަހު، ސޭމް މަރުވި އިރުވެސް އެހިތާމަޔާ ހަގީގަތުގައި ސޭމްވަކިނުވާ ކަމަށް އޭނާގެ އަންހެނުން ބުންޏެވެ. އެކަމާ ސޭމް ވަރަށް ބޮޑަށް ހިތާމަ ކުރާކަން އެގެއެވެ. ނަމަވެސް އެކަން ހާމަ ކުރާނެގޮތެއް ސޭމް އަށް ނޭގުނީ ކަމަށް އަންހެނުން ބުންޏެވެ.ދަރިފުޅު މަރުވި ހާދިސާ އަށްފަހު ސޭމް ނުރޮއިހުރީ އަހަރެންނަށް އެކަމުން ހިއްވަރެއް ލިބޭނެކަމަށް އުންމީދުކޮށް ކަމަށް ސޭމްގެ އަންހެނުން ބުންޏެވެ.ނަމަވެސް އަހަރެންނަށް ހިއްވަރު ދޭންވީގޮތަށް، އަހަރެންނަށް ބޭނުންވީ ގޮތަށް ހިއްވަރުދޭން ސޭމްއަށް ނޭނގުނީއެވެ.
އަހަރެން ވަރިކޮށްފަ ދިއުމަށްފަހުވެސް މަރުވެފައިވާ ދަރިފުޅާ ވަކިނުވެ ދަރިފުޅު ގާތުގައި ބަހައްޓާނެ ގޮތެއް ސޭމް ހޯދީކަމަށް އޭނާގެ އަންހެނުން ބުންޏެވެ. އެއީ މިގޮތަށް ލޯބިލޯބިން ސިޓީތަކެއް ލިޔެގެންނެވެ. ދަރިފުޅު މަރުވެގެން ނުދާކަމަށް ހިތުގެ ކޮންމެވެސް ހިސާބަކުން ގަބޫލު ކޮށްގެންނެވެ. އޭނާކިޔާދިން ގޮތުގައި އަވިދިނަސް ވާރޭވެހުނަސް ކޮންމެ ފަދަ ކަމެއް ދިމާވިނަމަވެސް ކޮންމެ ހަފްތާއަކު މަދުވެގެން އެއްފަހަރު ސޭމް ދަރިފުޅު ގެ މަހާނަ ކައިރިޔަށް ދާނެއެވެ.ކޮންމެ ގޮތެއް ހަދާފަނަމަވެސް އެވެ. ގޮސް އެތަނުގައި ހުރެވެސް ދަރިފުޅާ ވާހަކަ ދައްކާ ހަދާނެކަމަށް ސޭމްގެ އަންހެނުން ރޮވިފައި އިނދެ ކިޔާދިނެވެ.
ސޭމްގެ އަންހެނުން ދިއުމުން އެރޭ އަހަރެން ކުޑަދޮރުކައިރީގައިވާ ގޮނޑީގައި އިށީދެ އިނދެ ހުރިހާސިޓީއެއްކީމެވެ.ކޮންމެ ސިޓީއެއްގެ ކޮންމެ އަކުރެއް އަހަރެން ކީމެވެ. ސިޓީތައް ކިޔާނިމުނު އިރު ފަތިސްވަނީއެވެ. ސިޓީތައް ކިޔާ ނިމުމުން އެންމެ ފަހުން އަހަރެންގެ ކަރުނައިގެ ކޯރު އޮހިގަތެވެ. ރޮމުންރޮމުންގޮސް އަހަރެންގެ ހާލަތުވަނީ ހިތް ހުއްޓޭ ހިސާބަށް ގޮސްފައެވެ.އަހަރެން ރުއީ ކޮންމެހެން އަހަރުމެންގެ މަރުވި ދަރިފުޅު ހަނދާން ކޮށްފައެއްނޫނެވެ. އަހަރެންނަށް ބޮޑަށް ރޮވުނީ ސޭމްއާއި އަހަރެން ވާހަކަ ނުދައްކާ ތިބި ދުވަސްތަކާ އަހަރުތައް ހަނދާންވެފައެވެ.އެކަން އެގޮތަށް ނުހިނގިނަމަ ހާދަ ރަގަޅޭ ހިތަށް އަރާފައެވެ. ދަރިފުޅުމަރުވުމަށްފަހުވެސް އެކަކު އަނެކަކަށް އެހީތެރި ވެނުދެވުނީތީއެވެ. ސޭމް ރޮއި ނުހެދިނަމަވެސް ސޭމް ވެސް ހިތާމަ ކުރާނެކަން އަހަރެންނަށް ގަބޫލު ނުކުރެވުނީތީއެވެ. އަހަރެންގެ އަމިއްލަނަފްސަށް އެކަނި އިސްކަން ދެވުނީތީއެވެ. އަދި ސޭމްގެ އިހުސާސްތަކެއް ނެތްކަމަށް އޭރު އަހަރެންނަށް ގަބޫލު ކުރެވުނީތީއެވެ.
އަހަރެންނަށް ވިސްނުނު އެއްޗަކީ ލޯބިވާކަން ހާމަ ކުރުމަށް ހުރިހާ ފަހަރަކު އަޑުގަދަ ކުރާކަށް ނުޖެހޭނެ ކަމެވެ.ހިމޭން ކަމާއެކުވެސް ލޯބިވެވިދާނެ ކަމެވެ. ނުފޮނުވާ ސިޓީ ތަކެއްގެޒަރީއާއިންވެސް ލޯބި ހާމަ ކުރެވިދާނެކަމެވެ.މީހަކަށް ނޭގި،ނުފެނި ސަހަރާޔަށް ދާދިއުމުންވެސް ލޯބި ހާމަވާކަމެވެ.އަދި އަލްވަދާއު ކިއުމަށްފަހުވެސް ހިތުގައި ފަނޑުނުވެ ލޯބި އޮވެދާނެ ކަމެވެ.
![]()
