ހަރާމްތަކެތި އަނބިދަރިންނަށް ކާންދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވެެގެންދާނެ ކަމެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ “ ރިޝްވަތަކީ ގައުމުގެ ތަރައްގީއަށް އޮތް ހުރަހެއް“ މި މައުޟޫއުގެ މައްޗަށެވެ.
މިއަދުގެ ޚުތުބާގައި ބުނީ ރިޝްވަތުގެ ސަބަބުން ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުނު ނަމަވެސް ރިޝްވަތު ދޭ މީހުންނާއި ރިޝްވަތުގައި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުންނަށްް ފަހުން ލިބޭ ގެއްލުމާއި ހަލާކު މާބޮޑުވާކަން ވިސްނައިލަން ޖެހޭކަމަށެވެ.
ސަބަބަކީ ރިޝްވަތުގެ ސަބަބުން އަނބިދަރިން ނަރަކަޔަށް އެއްލައިލަނީ ތިމާމެންގެ އަތުންކަމަށް ވާތީކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ގާނޫނާއި ގަވާއިދުތަކާއި ދިމާ އިދިކޮޅަށް ތިމާ ބޭނުންވާ ކަންކަން ހާސިލްކުުރުމަށްޓަކައި ކުރެވޭ މިފަދަ އަމަލުތަކަކީ ތިމާމެންގެ ގައުމުގެ މުސްތަގްބަލާއި ދަރިންގެ ކުރިއެރުމާ ތަރައްގީ އަރައިނުގަނެވޭފަދަ ފުންވަޅުގަނޑަކަށް ވެއްޓިދާނެ ކަމެއްކަމަށް ޚުތުބާގައިވަނީ ހަނދާންކޮށްދީފައެވެ.
ރިޝްވަތަކީ މާތްﷲ ހަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން މިއަދުގެ ޚުތުބާގައި ސާބިތުކޮށްދިނީ ކީރިތިގުރުއާނާއި ރަސޫލާގެ ހަދީސްފުުޅުތަކުން ދަލީލުދައްކަމުންނެވެ.
“ ކީރިތި ރަސޫލާގެ ހަދީސްފުޅުގެ މާނައިގައިވޭ، ރިޝްވަތުދޭ މީހާ އާއި ރިޝްވަތު ހިފާމީހާ އަށް މާތްﷲ ލައުނަތް ލެއްވިއެވެ.“ ޚުތުބާގައި ބުންޏެވެ.
މާތްﷲގެ ހައްދުތަކާއި ޝަރީއަތްތައް ރަނގަޅު ގޮތަށް ގާއިމު ވިޔަ ނުދިނުމަށް ދެވޭ ހަދިޔާ އަކީ ވެސް ރިޝްވަތްކަމަށާއި ޒިނޭގެ މައްސަލަތަކުގައްޔާއި މަސްތުވާތަކެތި ފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވި ބަންދުކުރެވިފައިވާ މީސްމީހުންގެ އަތުން ހަދިޔާ އަތުލުން ހުއްދައެއް ނުވާނެކަން ޚުތުބާގައި ބުނެފައިވެއެވެ. މީގެ އިތުރުން އެކިއެކި މަގާމުތަކުގައި އެކިކަންތަކާއި ހަވާލުވެގެން އުޅޭ މުއައްޒަފުންނަށް ދެވޭ ހަދިޔާ އަކީ ވެސް ރިޝްވަތެއްކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ޚުތުބާގައި ބުނީ ރިޝްވަތާއި ނާޖާއިޒު ފައިދާ އާއި ޚިޔާނާތުގެ އަމަލުތައް މުޖުތަމައުގައި ގިނަވެ އެކަމަކީ ވަރަށް އާދައިގެ ކަމެއްކަމަށް މުޖުތަމައުގެ ބައެއް މީހުން ދެކެންފަށާފައިވާ ކަމަށެވެ.
ރިޝްވަތަށް މަގުފައިވާ ސަބަބުތަކުގެ ތެރޭގައި އީމާންތެރިކަމެއް ނެތުމާއި، ރިޒުގު ދެއްވާ ފަރާތަކީ މާތްﷲކަން ގަބޫލު ނުކުރެވުމާއި، ލިބޭމިންވަރަށް ޝުކުރުވެރިނުވުމާއި ތިމާއަށްވުރެ ތަނަވަސްކަމުގައި އުޅޭ މީހުން އުޅޭގޮތަށް އުޅޭހިތް ވުމާއި މިންވަރަށް އީމާންނުވުންފަދަ ކަންތައް ހިމެނޭކަން ޚުތުބާގައި ބުންޏެވެ.
“ އެމީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ އެ މީހަކު ރިޝްވަތު ހިފުމަށް ނުވަތަ ދީނުގައި ހަރާމް ކުރައްވާފައިވާ އެ ނޫންވެސް ކަންތައްތަކަށް އަރައިގަތުމަށް މަޖުބޫރުކުރުވާ ކަމެއް ނޫން. މާތްﷲގެ ހެޔޮމިންވަރަށް އީމާންވެ އެ މީހެއްގެ އަމަލުތއް އިސްލާހުކޮށް އިއްޒަތުއްނަފްސު ރައްކާތެރިކުމާއެކު އެ މީހެއްގެ ރިޒުގު ތަނަވަސްކޮށްދެއްވުމަށް އެދި ﷲގެ ހަޟުރަތުގައި ދަންނަވަންވީ. ކޮންމެ ނަފްސަކަށްވެސް ރިޒްގު ދެއްވާނީﷲ. އެގޮތަކީ އެމީހާއަށް އެންމެ ރަނގަޅު ގޮތްކަމަށްވާނަމަ އެގޮތް ހިއްމަވައި ދެއްވާނެ“ ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި ވަނީ ރިޝްވަތުން ދުރުވެ،ެ އެހެން މީސްތަކުން ވެސް މިކަމުން ދުރުހެލި ކުރުވުމަށްް މީސްތަކުން ހޭލުންތެރިކުވުމަށް މަސައްކަތްކުރުމަށް އެންމެންގެ ކިބައިން އެދި ނަސޭހަތްތެރިވެފައެވެ.