އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ޕާޓީ ބާއްވާ ބޮޑު ހޯލްއެއް(ބޯލްރޫމްއެއް) ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އަމުރަށް ގަނޑުވަރުގެ އީސްޓަރން ވިންގް (އިރުމަތީފަޅިން ބައެއް) ތަޅަން ފަށައިފިއެވެ.
250 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހަދާ ބޯލްރޫމް ހެދުމުގެ މަސައްކަތް ރައީސް ޓްރަމްޕް ފައްޓަވާފައިވަނީ އެކަމަށް ބޭނުންވާ ރަސްމީ ހުއްދަތައް ހޯދުމެއް ނެތި ކަމަށް ޚަބަރުލިބެއެވެ.
މިހަފްތާގައި ޕްރޮޖެކްޓް ކުރިޔަށް ދާނެކަން އާންމުވިއިރު ރައީސް ޓްރަމްޕް އަދި ވައިޓްހައުސްގެ އޮފިޝަލުންވެސް ވަނީ އެމަސައްކަތުގައި އެއްވެސް ތަނެއް ތަޅާނުލާނެކަމަށް ބުނެ ދޮގު ހަދާފައެވެ. އަލަށް ހަދާ ބޯލް ރޫމް ގެ ސައިޒަކީ90،000 އަކަފޫޓު ކަމަށް ވާއިރު ސައިޒްގެ ގޮތުން ވައިޓްހައުސްގެ މައި އިމާރާތާ ގާތްގަނޑަކަށް އެއްވަރުވާނެއެވެ.ރައީސް ޓްރަމްޕް ވަނީ އައު ބޯލްރޫމްގައި ހާހެއްހާ މީހުންނަށް ޕާޓީ ބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ.
ސޯޝަލް މީޑިޔާ ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ މިތަން ހެދުމަށް އާންމުންދޭ ޓެކްސްފައިސާގެ ލޯލާރިއެއްވެސް ޚަރަދު ނުކުރާނެ ކަމަށާ އެތަން ހަދާނީ ހެޔޮއެދޭ ތަނަވަސް ފަރާތްތަކުން ދޭ ޑޮނޭޝަން ފައިސާއިން ކަމުގައެވެ.
ޓްރަމްޕް މިފަދަ ބޮޑު ބޯލްރޫމް އެއް މިވަގުތު ހަދަނީ ކީއްވެ؟
ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުގައި ވައިޓްހައުސްގައި ޕާޓީ ބާއްވާނެ ބޮޑުތަނެއް އޮންނަން ޖެހެއެވެ. 200އެއްހާމީހުންގެ ޖާގައިގެ، މިހާރު ޕާޓީ ބާއްވާ އީސްޓްރޫމް މާކުޑަކަމަށާ ކުރީގެ ރައީސުން ވިނަގަނޑުމަތީ ޓެންޓް ޖަހައިގެން އެތަންތަނުގައި ޕާޓީ ބާއްވާފައިވާތީ ޓްރަމްޕް އެކަމަށް ވަނީ ފާޑު ވިދާޅުވެފައެވެ.
އައު ބޯލް ރޫމް އަށް 250މިލިއަން ޑޮލަރު ޙަރަދު ކުރަނީ ކޮންބައެއް؟
ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުގައި ޕްރޮޖެކްޓަށް ޚަރަދު ކުރާނީ ހެޔޮއެދޭ ޕްރައިވެޓް ފަރާތްތަކުން ދޭ ޑޮނޭޝަން ފައިސާއެވެ. އަދި މިގޮތުން ފައިސާ ދޭ ފަރާތްތަތަކާ އެހެނިހެން ތަފްސީލް ހާމަ ކުރާނެކަމަށް ވައިޓްހައުސް އިން ބުނެފައި ވީނަމަވެސް އަދި އެފަދަ ލިސްޓެއް ހާމަ ކޮށްފައި ނުވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފައި ވެއެވެ.
މިތަނަށް ބޭނުންކުރާ ފައިސާގެ ތެރެއިން 22 މިލިއަން ޑޮލަރު ޔޫޓިއުބުން ލިބިފައިވާކަން ވަނީ ހާމަ ވެފައެވެ. އެއީ 2021 ވަނަ އަހަރު ރައީސް ޓްރަމްޕް ޔޫޓިއުބް އާއި ދެކޮޅަށް ޖެއްސި މައްސަލައެއްގެ ސެޓްލްމަންޓަށް އެފަރާތުން ދިން ބަދަލު ފައިސާއެވެ.
ޓްރަމްޕްގެ އަމިއްލަ ފައިސާ ޕްރޮޖެކްޓަށް ބޭނުންކުރާނެތޯ ނުވަތަ ކުރާނީ ކިހާވަރެއްތޯ ވައިޓް ހައުސް އިން ހާމަ ކޮށްފައެއް ނުވެއެވެ.
ބޯލްރޫމް ހަދަން އީސްޓް ވިންގުން ބައެއް ތަޅާލަން ޖެހުނީ ކީއްވެ؟
އީސްޓް ވިންގް އަކީ ކުރީއްސުރެވެސް އިޖްތިމާއީ ކަންކަމަށް ބޭނުންކުރާ ފަޅިއެވެ.އަދި ބޭރުގެ މެހްމާނުން ،ޓުއަރިސްޓުން ހިމެނޭގޮތުން ވައިޓް ހައުސްއަށް ވަންނާނީ އީސްޓް ވިންގގެ ތެރޭން ލާފައެވެ.
ރައީސް ޓްރަމްޕް އާއި ޗީފް ސްޕޯކްސްޕަރސަން ކެރޮލީން ލެވިޓް ބުނެފައިވަނީ ބޯލްރޫމް ހެދުމަށް ވައިޓް ހައުސްގެ އިމާރާތަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގައެވެ. ޓްރަމްޕްވެސް އާދައިގެ މަތިން ހެދީ ދޮގެވެ. އެތަން ހުންނާނީ މައިއިމާރާތާ ކައިރީގައި ނަމަވެސް ދެއިމާރާތް ހުންނާނީ އެއްތަނާ އަނެއްތަން ނުވެސް ޖެހިކަމަށް ވިދާޅުވެފައި ވެއެވެ.
ނަމަވެސް ކަންތައް ކުރިތަން ފެނުނީ އެގޮތަކަށް ނޫނެވެ.
މިގޮތަށް ވައިޓް ހައުސް އަށް ބަދަލު ގެނައުމުގެ ބާރު ޓްރަމްޕް އަށް ލިބިގެންވޭތަ ؟
ދައުލަތުގެ އާސާރުގެ ގޮތުގައި ހިމެނޭ މިފަދަ މުހިންމު އިމާތްތަކަށް ބަދަލު ގެންނަނަމަ ނެޝަނަލް ކެޕިޓަލް ޕްލޭނިންގ ކޮމިޝަން ކިޔާތަނަކުން ޚާއްސަ ހުއްދައެއް ހޯދަން ޖެހެއެވެ. ރިޔާސީ ގަނޑުވަރާ މިނޫންވެސް މިފަދަ ސަރުކާރުގެ މުހިންމު އިމާރާތްތައް ބިނާކޮށް އަދި އާބާތުރަ ފިލުވުމުގެ ގާނޫނީ ބާރު، ނުވަތަ ”ޖުރިސްޑިކްޝަން“ އޮންނަނީ މިކޮމިޝަން އަށެވެ.
ޓްރަމްޕް އާއި އޭނާގެ ޓީމުން މިކަމުގައިވެސް ވަނީ އާންމުންނަށް އޮޅުވާލާފައެވެ. ޓްރަމްޕް އެކޮމިޝަންގެ ވެރިއަކަށް އައްޔަން ކޮށްފައިވާ ފަރާތުން ބުނެފައިވަނީ ތަނެއް ތަޅާލާތޯ ނޫންތޯ އެކޮމިޝަނުން ބަލަން ނުޖެހޭ ކަމަށާ އެތަނުން ބަލަން ޖެހޭނީ އިމާރާތް ކުރުމުގެ ކަންތައް ކަމުގައެވެ.
އީސްޓް ރޫމް އަށް ދެންވާނީ ކިހިނެއް ؟
ޓްރަމްޕް ވިދާޅުވާ ގޮތުގައި އީސްޓްރޫމް ދެންހުންނާނީ، ބޯލްރޫމްގައި އޮންނަ ޑިނަރ އަށް ވެއްދުމުގެ ކުރިން މެހްމާނުން އެއްވެ، މަޑުކޮށްލައިގެން ތިބޭ ތަނެއްގެ ގޮތުގައެވެ. ޓްރަމްޕް ވިދާޅުވީ ބޯލްރޫމް އަށް ވަދެނިކުމެ ވާން މަގުހެދުމަށް އީސްޓް ވިންގ ގެ ބައެއް ކުޑަދޮރު ނަގާނެ ކަމުގައެވެ.
އައު ބޯލް ރޫމް ގެ ޑިޒައިން އަކަށް ވާނީ ކޮން ޑިޒައިނެއް ؟
ވައިޓްހައުސްއިން ނެރެފައިވާ ބައެއް ކުރެހުންތަކާއި ފޮޓޯތައް ބުނާ ގޮތުން ވައިޓްހައުސްގެ އައު ބޯލްރޫމް، ފޮލޮރިޑާގައި ހުންނަ ޓްރަމްޕްގެ އަމިއްލަގެ މަރަލާގޯގަ ހުންނަ ބޯލް ރޫމްއާއި ވަރަށް އެއްގޮތެވެ.
ޕްރޮޖެކްޓް ހާމަވިއިރު ތަނުގެ ޖާގައަކީ 650 މީހުން ކަމަށް ބުނި ނަމަވެސް މިހާރުވަނީ ތަނުގެ ބޮޑުމިނަކީ 999 މީހުން ގެ ޖާގަ ކަމަށް ބުނެފައެވެ. އަދި ބޭނުންވެއްޖެނަމަ އެތަނުގައި ”އިނޯގްރޭޝަން“ ނުވަތަ ރައިސް ހުވާކުރެއްވުން ވެސް ބޭއްވިދާނެ ކަމަށް ތްރަމްޕް ވިދާޅުވެފައިވެއެވެ. އަދި ކުޑަދޮރުތައްވެސް ހަދާނީ ވަޒަންނާރާ ގޮތަށް ކަމަށް ވިދާޅުވެފައި ވެއެވެ.
މަސައްކަތް ފަށާ އަދި ނިމޭނީ ކޮން އިރަކު؟
ވައިޓް ހައުސްގައި ހަދާ އައު ބޯލްރޫމްގެ މަސައްކަތް މިސެޕްޓެމްބަރުމަހު ފަހުކޮޅު ފަށާފައިވާއިރު، ޓްރަމްޕަގެ ރިޔާސީ ދައުރު 2029ވަނަ އަހަރުގެ ޖެނުއަރީ މަހު ނިމުމުގެ މާކުރިން މަސައްކަތް ނިމި ބޭނުން ކުރަން ފެށޭނެ ކަމަށް ވައިޓްހައުސް އިން ބުނެފައިވެއެވެ.
ޓްރަމްޕް ވައިޓް ހައުސް އަށް އެހެން ބަދަލުތަކެއް ގެނައިތަ؟
އާއެކެވެ.ރައީސް އިންނަވާ އޯވަލް އޮފީސް ޒީނަތްތެރި ކުރުމުގެ ގޮތުން ކަމަށް ބުނެ އެތައް ޕޯޓްރެއިޓް ތަކާއި ބަސްޓް (އެކި މީހުންގެ ސިފައިގައި ހަދާފައިވާ ބޯބުރި) އަދި ރަން ކުލައިގެ ބަހައްޓާ ޒީނަތްތެރިކުރާ އެއްޗެތި ވައްދާފައި ވެއެވެ. އަދި ކުރިން އޮތް ރޯސް ގާޑްން ނަގާ، ބޮޑެތި ގާތަކެއް އަޅައިގެން (ޕާޝިއޯއެއް) ބޭރު ފެންޑާ އެއްހަދާފައިވެއެވެ.
އަދި އެތެރޭގެ އެއްފާރުގައި މިހާތަނަށް އެމެރިކާގައި ރައީސްކަންކުރި ހުރިހާ ރައީސުންގެ ފޮޓޯ ބަހައްޓާފައި ވެއެވެ.ނަމަވެސް މިފާރުގައި އޭނާގެ ކުރިން ރައީސްކަން ކުރެއްވި ޖޯބައިޑަންގެ ފޮޓޯ، ޓްރަމްޕް ހިމަނާފައެއް ނުވެއެވެ.
މިއީ ޓްރަމްޕް ގެ ކިބައިގައި ވަރަށް ބޮޑަށް ނަފްސާނީ މައްސަލަ ހުރި ކަމުގެ އަލާމާތެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.
އޭނަބޭނުންވިޔަސް ނުވިޔަސް ތާރީހުން ފަސް އަހަރު އެއީ ނުވާކަމަކަށް ނުހެދޭނެއެވެ.
![]()
