ކޮރަޕްޝަންގެ ތުހުމަތުގައި ސައޫދީ ސަރުކާރުގެ އިސްބައެއް ވެރިން ހައްޔަރު ކޮށްފި

Loading

Facebook
Twitter
WhatsApp

ސައޫދީއަރަބިއްޔާގެ އެތައް ސަރަހައްދު ތަކެއްގައި ހިންގުނު އޮޕަރޭޝަން އެއްގައި ސަރުކާރުގެ އިސްވެރިންތަކެއް ހިމެނޭގޮތުން ބަޔަކު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.

ސައޫދީގެ އޯވަސައިޓް އެންޑް އެންޓިކޮރަޕްޝަން އޮތޯރިޓީ (ނަޒާހާ) ގެ ތަރުޖަމާން ބުނެފައިވާ ގޮތުގައި މިމީހުން ހައްޔަރު ކުރެވުނީ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން މައްސަލަތައް ބަލާ ތަހްގީގް ކުރުމަށް ފަހުއެވެ.

ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ބޭރުގެ އިންވެސްޓަރަކަށް ނުގަވާއިދުން ކްރަޝަރ ލައިސެންސެއް ހޯދާދިން މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް މިނަރަލް ރިސޯސަސް ގެ މުވައްޒަފަކު ރިޝްވަތުގެ ގޮތުގައި 1،625،000 ސައޫދީރިޔާލް ނަގާފައިވާކަން ވަނީ ސާބިތުވެފައެވެ.

ޑިމޮލިޝިންގ އޯޑަރެއް ނުގަވާއިދުން ކެންސަލް ކޮށްދިން ދެމީހަކު ރިޝްވަތުގެ ގޮތުގައި 110،000 ސައޫދީ ރިޔާލް ނަގާފައި ވެއެވެ.

އަދި އެހެން ސަރަހައްދެއްގެ މުނިސިޕަލިޓީގައި މަސައްކަތް ކުރާ މުވައްޒަފަކު ނުގަވާއިދުން ވިޔަފާރި ޓެންޑަރ އެއް މީހަކަށް ދީ ރިޝްވަތުގެ ގޮތުގައި 195،000 ސައޫދީ ރިޔާލް ނަގާފައި ވެއެވެ.އަދި ވޯޓަރ ޑިސެލިނޭޝަން ޕްލާންޓެއްގެ ޑިރެކްޓަރަކު،  ޕްލާންޓް ހިންގުމުގެ ތެރޭ ނުގަވާއިދުން ކުރާ ކަންކަން ރިޕޯޓް ނުކުރާނެކަމަށް ޝަރުތުކޮށް 35،000 ސައޫދީ ރިޔާލް ނަގާފައިވެއެވެ.

ހައްޔަރު ކުރެވުނު އެހެން ފަރާތްތަކުން ބޮޑެތި އަދަދުތަކުން ރިޝަވަތު ހިފުމަށްފަހު ކޮށްފައިވާ ކަންކަމަށް ބަލާލާއިރު:

– ނުގަވާއިދުން ވިޔަފާރި ހުއްދަ ދިނުން،

– ހޮސްޕިޓަލަކަށް ކާއެއްތި ގެންދާ ކޭޓަރިންގ ކޮމްޕެނީ އަކަށް ދޭންޖެހޭ ފައިސާޔަށް ޚިޔާނަތްތެރިވުން،

– މިނިސްޓްރީ އޮފް ޑިފެންސުން ވަޒީފާ ހޯދާދޭނެ ކަމަށް ބުނެ އަންހެނުން ތަކެއްގެ އަތުން ފައިސާ ނެގުން،

– އުސޫލުތަކުން ބޭރުން ކައިވެނީގެ އިންތިޒާމް ހަމަޖައްސާ ދިނުން، 

– ޚިދުމަތުން ސަސްޕެންޑްކުރި މީހުންގެ ލިސްޓަކުން ނުގަވާއިދުން މީހެއްގެ ނަން ނެގުން، 

– ގަވާއިދާއި ޚިލާފަށް އެތެރެކޮށް ކަސްޓަމްސް އިން ހިފެހެއްޓި މަނާ އެއްޗެތި ތަކެއް އަމިއްލަޔަށް ނަގާ ރައްކާކޮށްފައި ހުރުމުން ކަސްޓަމްސް އޮތޯރިޓީގެ މުވައްޒަފަކު ހައްޔަރު ކުރުން،

– ބޭރުގައުމަކަށް ދަތުރު ކުރުމަށް ތިމާއަށާއި އާއިލާއަށް ޓިކެޓް ހޯދި މީހަކު ހައްޔަރު ކުރުން،  

– އިމްތިހާނު ނުހަދާ ހެލްތު ޕްރޮފެޝަންގައި މަސައްކަތް ކުރުމުގެ ހުއްދަ ދިން ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ހައްޔަރު ކުރުން،

– ބާދިލް ކުރަންޖެހޭ ހޮޓާ ހިންގުމުގެ ހުއްދައެއް ބާތިލް ނުކޮށް ބާއްވާދިން ހައްޖް އެންޑް އުމްރާ މިނިސްޓްރީގެ އޮފިޝަލެއް ހައްޔަރު ކުރުން،

ރިޝްވަތު ހިފުމަށްފަހު އުސޫލުތަކާއި ޚިލާފަށް ސައިޓަކަށް ކަރަންޓް ފޯރުކޮށްދިން އިލެކްޓްރިސިޓީގެ މުވައްޒަފަކު ހައްޔަރު ކުރުން ،

ނަޒާހާ ގެ ތަރުޖަމާން ބުނެފައިވަނީ އާންމުންގެ ފައިސާޔަށް ޚިޔާނަތްތެރިވެ، އަދި އަމިއްލަ ފައިދާ އަށް މަގާމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ފަރާތްތައް ހޯދާ ހައްޔަރު ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާނެ ކަމަށެވެ.މިގޮތުން އެމީހަކު އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވެފައިވީ ނަމަވެސް އެފަދަ ފަރާތްތަކުން ކުރިކަންތަކަށް ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނެފައި ވެއެވެ.އަދި މިކަމުގައި އެއްވެސް ރަހުމެއް ނުބަހައްޓާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.  

Loading

Leave a Reply

ފަހުގެ އަޕްޑޭޓް