ބަންގްލަދޭޝްގެ މައި އެއާޕޯޓްގައި އަލިފާން ރޯވުމުގެ ސަބަބުން އެއްބިލިއަން ޑޮލަރުގެ ގެއްލުން

Loading

Facebook
Twitter
WhatsApp

ބަންގްލަދޭޝްގެ މައި އެއާޕޯޓް ކަމަށްވާ ހަޒްރަތު ޝާހް ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުގެ ލޮޖިސްޓިކްސް ސެކްޝަން ގައި އަލިފާން ރޯވެ،ތަކެއްޗާއި މުދަލަށް ލިބުނު ގެއްލުމުގެ އަގު އެއްބިލިއަން ޑޮލަރަށް އެރުން އެކަށީގެންވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ބަންގްލާދޭޝް އަކީ ދެވަނަޔަށް އެންމެ ގިނައިން ޗައިނާއަށް ފޮތި އެކްސްޕޯޓް ކުރާގައުމެވެ. އަލިފާން ރޯވެފައިވަނީ މިތަކެތި ގުދަން ކޮށްފައިވާ ކާގޯ ސެކްޝަގައިކަމުން ވަރަށް ގިނަ އަދަދެއްގެ ފޮއްޗާ އަދި ރޯމެޓީރިއަލް ގެ އިތުރުން ބޭސްފަދަ ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ. މިއާއިގުޅިގެން ބައެއް ވިޔަފާރިތައް ހުއްޓުމަކާހަމަޔަށް ދާނެ ކަމަށްވެސް ވަނީ ބެލިފައެވެ.

ހޮނިހިރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ އަށްފަހު އަލިފާން ނިއްވާލެވިފައިވަނީ 27 ގަޑިއިރު ފަހުންނެވެ. ވައިގެ ބަނދަރުން ދެމުންދިޔަ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާފައިވެއެވެ. މިގޮތުން ފްލައިޓްތަކަށް ބުރޫ އެރުމަށްފަހު، ޚިދުމަތް މެދުކަނޑާލާފައި ހަ ގަޑިއިރެއްހާއިރު އޮތުމަށް ފަހު، ޙާލަތު ރަނގަމުވުމާއެކު އަލުން ދަތުރުތައް ވަނީ ފަށާފައެވެ.
ހަޒްރަތު ޝާހް ޖަލާލް ވައިގެ ބަނދަރުގައި ރޯވި އަލިފާންގަނޑު ނިވައިލުމަށް އަލިފާން ނިއްވައި 37 ޔުނިޓަކުން މަސައްކަތްކޮށްފައިވެއެވެ. ބަންގްލަދޭޝްގެ އަސްކަރިއްޔާއާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ވެސް އެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.   
ބަންގްލަދޭޝްގެ ސިވިލް އޭވިއޭޝަން އަދި ފަތުރުވެރިކަމާބެހޭ ވުޒާރާއިން އިތުރަށް ބުނީ އަލިފާން ރޯވި ސަބަބު ހޯދުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ފަދަ ހާދިޘާއެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގައެވެ.

ބަންގްލާދޭޝްގެ ގާމެންޓް ސެކްޓަރުން އަހަރަކު 40 ބިލިއަން ޑޮލަރު ލިބެއެވެ.މިއީ މުޅި ގައުމުގެ ގީޑީޕީގެ 10 އިންސައްތައެވެ.

އަލިފާނުގައި އެނދި ކާގޯ ވިލެޖަކީ މުޅިގައުމުގެވެސް އެންމެ ކާރޫބާރު ބޮޑު ލޮޖިސްޓިކްސް މަރުކަޒެވެ. 

ބަންގްލަދޭޝްގެ އިންޓަނޭޝަނަލް އެއަރ އެކްސްޕްރެސް އެސޯސިއޭޝަންގެ ރައީސް، ވިދާޅުވީ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު ބުނަން އަދި މާ އަވަސް ކަމަށެވެ. ނަމަވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ދާއިރާއިން ލިބުނު ގެއްލުން އެކަނި ވެސް އެއް ބިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ ކަމުގައެވެ.
މިއީ މި ހަފްތާގެ ތެރޭގައި ބަންގްލަދޭޝްގައި އަލިފާނުގެ ބޮޑު ހާދިޘާއެއް ހިނގާފައިވާ ތިންވަނަ ފަހަރެވެ. އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ހެދުން އުފައްދާ ކާރުހާނާއަކާއި އެ ކާރުހާނާއާ އިންވެގެން ހުރި ކެމިކަލް ގުދަނެއްގައި ރޯވުމުގެ ސަބަބުން 15 މީހުން މަރުވެފައިވެއެވެ. އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ވެސް ހެދުން އުފައްދާ ކާރުޚާނާއެއްގައި ރޯވެފައިވެއެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ބުނީ އަލިފާނުގެ ހުރިހާ ހާދިޘާއެއް ވެސް ތަހުޤީޤު ކުރަމުންދާ ކަމަށާއި، ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދަނީ ފުރާނައާއި މުދާ ރައްކާތެރިކޮށް ދިނުމަށް ކަމަށެވެ. ސަރުކާރުން ބުނީ އަލިފާނުގެ ހާދިޘާ ދިމާވީ ގަސްތުގައި ރޯކޮށްލުމުގެ ސަބަބުން ކަމަށް ވާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށެވެ. އާންމު ދިރިއުޅުމާއި ޤައުމުގެ ސިޔާސީ މަރުހަލާތަކަށް ހުރަސް އެޅުމަށް އެއްވެސް ޖިނާއީ ކުށެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށް ވެސް ވަގުތީ ސަރުކާރުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް