ޖޭސީޕީއޯއޭގެ އެއްބަސްވުން ރަސްމީގޮތުން ނިމުނީކަން އީރާނުން އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp


ދުނިޔެއަކީ ފަނާކުރަނިވި ހަތިޔާރުން ރައްކާތެރިކުރެވިފައިވާ ތަނަކަށް ހެދުމުގެ މަގްސަދުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ކުރި އެއްބަސްވުން ރަސްމީގޮތުން ނިމުނީ ކަމަށް އީރާނުން އިއުލާން ކޮށްފިއެވެ.


ރަސްމީގޮތުން ”ދަ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން ނުވަތަ ޖޭސީޕީއޯއޭ“ އަކީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށާއި އަދި ބައިނަލް އަގްވާމީގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަކި މިންގަނޑަކަށް ދަށްކުރުމަށް ޗައިނާއާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަނާއި ރަޝިޔާ އަދި އެމެރިކާއާއެކު ވިއެނާގައި 2015 ވަނަ އަހަރު އީރާނުން ވެފައިވާ އެއްބަސްވުމެކެވެ.


އީރާނުން މިއަދު އިއުލާންކޮށްފައިވަނީ ޖޭ ސީ ޕީ އޯ އޭ ގެ މުއްދަތު މިއަދު ހަމަވެފައި ވުމާއެކު އީރާނުން ދެން އެ އެއްބަސްވުމުގެ އެއްވެސް މާއްދާއަކަށް އަމަލު ނުކުރާނެ ކަމަށެވެ. އަދި މިއަދުންފެށިގެން އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށް އެ އެއްބަސްވުމުގައި ކަނޑައަޅާ ފައިވާ މާއްދާތައްވެސް ނިމުމަކަށް އައީ ކަމަށެވެ.
ޖޭ ސީ ޕީ އޯ އޭ ގެ އެއްބަސްވުން މިއަދު ނިމުމުގެ ކުރިންވެސް އެ އެއްބަސްވުމުން އެމެރިކާ އަމިއްލައަށް ވަކިވެ ހަގީގަތުގައިވެސް އެއީ ހަމައެކަނި ކަރުދާހުގައި ލިއެވިފައިއޮތް އެކަމަކު އަގެއްނެތް އެއްޗަކަށް އޮތީ ވެފައެވެ. އެ އެއްބަސްވުން އަލުން އިއާދަކުރަން ޔޫރަޕްގެ ގައުމުތަކުން މިއަހަރު ސަމަރ މޫސުމުގައި ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ. އަދިމަޝްހޫރު 12 ދުވަހުގެ ހަނގުރާމައިގާ އިސްރާއީލާއި އެމެރިކާއިން އީރާނަށް ބޮން އެޅުމުގެ ސަބަބުން އެ އެއްބަސްވުމަށް އީރާނުން ދެން އަތުވެދާނެކަމުގެ ހުރިހާ އުންމީދެއް ވަނީ ނެތިގެން ގޮސްފައެވެ. އަދި ދުނިޔޭގެ ހަކަތައާއިބެހޭ ފާރަކުއްތާ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތައް ބަލާ ފާސްކުރުން އީރާނުގެ ރައްޔިތުންގެ މަޖިލީހުންވެސްވަނީ މަނާކޮށްފައެވެ. އީރާނުގެ މަޖިލީހުގެ ނިންމުމުގެ ސަބަބުން ޖަރުމަނާއި ފަރަންސޭސި ވިލާތާއި އަދި އިނގިރޭސި ވިލާތުން ވަނީ ޖޭ ސީ ޕީ އޯ އޭ އަށް އަމަލު ކުރަން އީރާނުން ދެކޮޅު ހަދާފައިވާތީކަމަށްބުނެ ޔުނައިޓެޑް ނޭޝަންގެ 2231 ގަރާރުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައެވެ. އަދި އީރާނުން ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރު ނު އުފެއްދޭނެކަން ކަށަވަރުކުރުމާބެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެކަމަށް އެ ގަމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސްވެރިޔާ ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅިގެން ދަތި އުދަނގޫ ކުރުމުގެ ފިޔަވަޅުތައް އެޅުމަށްވުރެން ސިޔާސީ ގޮތުން ހައްލެއް ހޯދަން މަސައްކަތް ކުރުން ބުއްދިވެރިކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޖަރުމަނާއި ފަރަންސޭސި ވިލާތާއި އަދި އިނގިރޭސި ވިލާތުންވެސް އީރާނާއެކު މަޝްވަރާ ކުރަން ބޭނުންކަން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް އެއިން ގައުމަކާއެކު އިތުރު މަޝްވަރާއަކަށް ދިއުމަކީ ބޭކާރު ކަމެއްކަމުގައި އީރާނުގެ ޚާރިޖީ ވަޒީރުވަނީ ވިދާޅުވެފައެވެ.
މިދިޔަ ހޯމަދުވަހު ރައީސް ޓްރަމްޕް ވަނީ އީރާނާއެކު ސުލްހަވެރިކަން ގާއިމް ކުރަން ބޭނުންކަމަށް ވިދާޅުވެފައެވެ. ޓްރަމްޕްގެ މި ވިދާޅުވުމާގުޅިގެން އީރާނުން ބުނެފައިވަނީ ސުލްހައިގެ ވާހަކަތައް ދެކެވެމުންދާއިރު އީރާނަށް ހަމަލާ ނުދޭނެކަމުގެ ޔަގީންކަން ބޭނުންވާކަމަށެވެ.
ސެކިއުރިޓީ ކައުންސިލްގެ ނަންބަރު 2231 ގަރާރު މިހާރު ނިމުމަކަށް އައިސްފައި ވުމާއެކުވެސް އެ ގަރާރުގައި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމުގެ ވިސްނުން ޔޫރަޕްގެ ބާރުގަދަ 3 ގައުމަކުން ގެންގުޅޭތީވެ އީރާނުގެ ފައިލް ބަންދުކުރުމަށް ޖޭ ސީ ޕީ އޯ އޭގެ އެއް ބައިވެރިއަކުކަމުގައިވާ ރަޝިޔާއިން ސެކިއުރިޓީ ކައުންސިލަށް ގޮވާލައިފިއެވެ. މޮސްކޯއިން ދެކޭގޮތުގައި ޖޭ ސީ ޕީ އޯ އޭ ގައި ކަނޑައެޅިގެން އޮކްޓޯބަރ 18 ގައި އެ އެއްބަސްވުން ނިމުމަކަށް އަންނާނެކަން ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ނިމިފައިވާ އެއްބަސްވުމެއް އާކުރުމަކާނުލައި އޭގެ މައްޗަށް އަމަލު ނުކުރެވޭނެއެވެ. ރަޝިޔާގެ މި ހުށައެޅުމާއެކު ހުޅަނގުގެ ގައުމުތަކުން ބޭނުންވާގޮތަށް ސެކިއުރިޓީ ކައުންސިލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުން ހުޅަނގުގެ ގައުމުތަކަށް ކާމިޔާބެއް ނުވިއެވެ. ސެކިއުރިޓީ ކައުންސިލްގެ 2231 ނަންބަރު ގަރާރަށް އަމަލު ކުރުމަށް ރަޝިޔާއިން ނެރެފައިވާ ރަޔާސީ ގަރާރުވެސް ހަމަ އެދުވަހު ނިމުމަކަށް އައިސްފައިވާތީވެ ކުރިއަށް އޮތް ތަނުގައި ރަޝިޔާއިން އީރާނާއެކު އެންމެ ފުރިހަމަ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރަމުންގެންދާނެއެވެ. އަދި މިހިނގާ އޮކްޓޯބަރ މަހުގެ 2 ވަނަދުވަހު ރަޝިޔާއިން އީރާނާއެކު އެކުލަވާލާފައިވާ 20 އަހަރުދުވަހުގެ ކޮމްޕްރެހެންސިވް ސްޓްރާޓީޖިކް ޕާރޓްނަރޝިޕް މުއާހަދާ އަށް ފުރިހަމައަށް އަމަލުކުރެވެމުންދާނެކަންވެސް ރަޝިޔާއިން ވަނީ ހާމަކޮށްފައެވެ.
އީރާނުގެ ނިއުކްލިއަރ މަޝްރޫއުތައް ކުރިއަށް ގެންދަނީ ސުލްހަވެރި އަދި މަދަނީ ބޭނުންތަކަށް ޓަކައެވެ. އެކަންތައްތައް ބަލައި ކަށަވަރު ކުރުމަކީ ބައިނަލް އަގްވާމީ ހަކަތައާބެހޭ އިދާރާގެ މަސްއޫލިއްޔަތެކެވެ. ހުޅަނގުގެ ގައުމުތަކުން ބޭނުންވީމާ ބައިނަލް އަގްވާމީ ގާނޫނުތަކަށްވެސް ފައިން އަރަން ފުރުސަތު ނުދެވޭނެއެވެ. ބައިނަލް އަގްވާމީ މި އެއްބަސްވުމުގައި ހިމެނޭ އެމެރިކާއިން އަމިއްލައަށް ވަކިވުމުންވެސް އެ އެއްބަސްވުން ދެމެހެއްޓުމަށް ސެކިއުރިޓީ ކައުންސިލުން ތާއީދު ކުރުމަކީ ރަޝިޔާއިން ގަބޫލުކުރާ އުސޫލެއް ނޫނެވެ. އަދި ރަޝިޔާއިން ދެކޭގޮތުގައި އެއީ ސެކްރެޓަރީ ޖެނެރަލް އާއި އެހެނިހެން މަސްއޫލުވެރިން މަސްއޫލިއްޔަތު އަދާކުރުމުގައި ވެފައިވާ އިހްމާލުވުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް