ދެވަނަ ޗާންސް

Loading

Facebook
Twitter
WhatsApp

ޔުނިވަރސިޓީ އިމާރާތެއް ފޮޅާ ސާފު ކުރުމުގައި އުޅޭ މީހަކު އެއްދުވަހަކު އޭނާގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. އޭނާއަކީ ކުރިން އެޔުނިވަރސިޓީގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. ނަމަވެސް މީގެ ދިހަ އަހަރުކުރިން ދިމާވި އެކްސީޑެންޓަކަށްފަހު އޭނާގެ ހަނދާނުން ވަނީ ގިނަ ކަންތައްތަކެއް ފުހެވިފައެވެ. ލިބުނު ބޭރުފުށުގެ ޒަޚަމްތަކަށް ފަރުވާކޮށް ފަސޭހަވިނަމަވެސް އޭނާގެ ސިކުނޑިން ބައެއްވަނީ އުނިވެފައި ކަހަލައެވެ.


ދިރިއުޅުމަށް ފައިސާ ބޭނުންވާތީ އޭނާ މަސައްކަތްކުރި ޔުނިވަރސިޓީން ވަޒީފާއެއް ލިބޭތޯ ބެލި ބެލުމުން ޖެނިޓަރ އެއްގެ ވަޒީފާ ހަމަޖެހުނީއެވެ. މިމަސައްކަތް އޭނާ ކުރަމުން ގެންދަނީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. ކުދިންގެ އިހްތިރާމް އާއި ލޯބިވެސް އޭނާ އަށް ލިބެއެވެ.
މިބުނި ދުވަހުވެސް އޭނާ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތުގައި އުޅެނިކޮށް ޒުވާން އަންހެން ކުއްޖަކު ދުވެފަ އައިސް ބުންޏެވެ. އަހަރެންނަށް މިއަދު ގެޔަށް ދެވުނީ މިތަނުގައި ވޮލެޓް ބާއްވާފައެވެ.އެ ވޮލަޓު ދެކުނިން ހެއްޔެވެ. ސާފުކުރާމީހާ ހީލާފައި އޭނާ ހޮވި ވޮލެޓް ނަގާފަ ދިނެވެ. އަންހެން ކުއްޖާވެސް ވޮލެޓް ހުޅުވާ ޗެކް ކޮށްލުމަށްފަހު ހުރިހާ އެއްޗެއް ހަމަ ކަމަށް ބުނެ ހިނިތުން ވެލިއެވެ.
އަންހެން ކުއްޖާގެ ވޮލަޓުގައި ކުޑަ އަންހެން ކުއްޖެއްގެ ފޮޓޯއެއް ވެއެވެ.އެފޮޓޯ ފެނުނު ވަގުތު އެމީހާއަށް ޒާތެއްގެ އިހުސާސެއް ކުރެވުނެވެ. އެވަގުތު އަމިއްލަ ވޮލެޓް ނަގާ ހުޅުވާލިއިރު އޭގައިވެސް ވަނީ ހަމަ އެފޮޓޯއެވެ. ކިންދަގާޑްން ޔުނީފޯމެއްގައި ހުރި ކުޑައަންހެން ކުއްޖެއްގެ ފޮޓޯއެކެވެ. ބޮޅުގައިވަނީ ފިޔާތޮށިކުލައިގެ ރިބަން ކޮޅެއް އައްސާފައެވެ.
އެދުވަހު އަންހެން ކުއްޖާވެސް އެފިރިހެން މީހާވެސް އިތުރަށް އެވާހަކަ ނުދައްކާ ދެމީހުން ވަކިވީއެވެ. ނަމަވެސް އަންހެން ކުއްޖާގެ ހިތުގައި ސުވާލުތަކެއް އުފެދި އެމީހާގެ މައްޗަށް ރަހުމް ހިނގާގޮތްވަނީ ވެފައެވެ.
އަނެއްދުވަހު ޒުވާން އަންހެން ކުއްޖާ ޔުނިވަރސިޓީ އަށް ދިޔައީ ސާފުކުރާ މީހާ އަށް މެންދުރުގެ ކެއުން ހިފައިގެންނެވެ. އަދި ބުންޏެވެ.މިއީ އިއްޔެ އަހަރެންގެ ވޮލަޓު ގެއްލުނަނުދީ ބަލަހައްޓާ ދިނީމަ އަހަރެންގެ ފަރާތުން ގެނައި ކުޑަ ހަދިޔާ އެކެވެ. އޭނާ ކެއުން ކާން ފެށުމާއި އެކު ދެލޮލުން ކަރުނަ އަޔެވެ. އަދި ބުންޏެވެ. ”އަހަރެން ބޮޑުމިރުހަށް އެލާޖިކް ވާކަން އެނގޭ، މުޅި ދުނިޔޭގައިވެސް ހުންނާނީ އެންމެ މީހެކެވެ.އެއީ އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އޭނާވަނީ އެކްސީޑެންޓެއްގައި މަރުވެފައެވެ. އޭނާ އަހަރެންނަށް ވަކިން ސުޕް ކައްކާދޭނެއެވެ. ބޮޑުމިރުހުގެ ބަދަލުގައި ސީލަރީ ބޭނުން ކޮށްގެންނެވެ. މިސުޕްވެސް މުހުރީ އެގޮތަށް ކައްކާފައެވެ. އަހަރެންނަށް މިރޮވުނީ އެހެން ވެގެންނެވެ.“
މިހެން ބުނުމުން އަންހެން ކުއްޖާ އިރުކޮޅަކު ހިމޭނުން އިނދެލާފައި ބުންޏެވެ. އަހަރެން ބޮޑުވީ މަންމަ އެއްބަނޑު ބޮޑުދައިތަ ކައިރީ ހުރެގެންނެވެ. ތިޔައީ ބޮޑުދައިތަ އަހަރެންނަށް ހަދަން ދަސްކޮށްދިން ޗިކަން ސުޕް އެކެވެ. ބޮޑުދައިތަ ބުނި ގޮތުގައި ތިޔައީ މަންމަ ސުޕް ކައްކާގޮތެވެ. ބޮޑުދައިތަ ބުނި ގޮތުގައި މަންމަ އަބަދުވެސް ޗިކަން ސުޕް ކައްކާނީ ބޮޑު މިރުހުގެ ބަދަލުގައި ސީލަރީ އަޅައިގެންނެވެ.އެއީ އަހަރެންގެ ބައްޕަ ބޮޑުމިރުހަށް އެލާޖިކްވާތީއެވެ.“
އެވަގުތު އަނެއްކާވެސް އެމީހާ ވޮލަޓުން ފޮޓޯ ނަގާ ބަލާލިއެވެ.އަދި ސުވާލު ކުރިއެވެ. ކަލޭގެ ނަމަކީ މިއާ ދޯއެވެ؟ މިހާހަމަޔަށް ބުނާއިރަށް އެކުއްޖާ ތުރުތުރުއަޅާ އަޑަކުން ބުންޏެވެ. ތިޔައީ އަހަރެންގެ ބައްޕަހެއްޔެވެ.މިހެން ބުނުމާއެކު ބައްޕަ ޖަވާބުދިނީ ބައްދާލުމަކުންނެވެ. ރޮވިފަ ހުރެގެންނެވެ.
މީގެ ދިހަ އަހަރުކުރިން ހިނގި އެކްސީޑެންޓެއްގައި މިޔާގެ މަންމަ މަރުވީއެވެ. އެހެން ކަމާއެކު މިޔާ ބެލުމާ ހަވާލުވީ މަންމަގެ ކޮއްކޮ، މިޔާގެ ބޮޑުދައިތައެވެ. ކުޑަ ދަރިފުޅަށް މަންމައެއްގެ ލޯބި ބޭނުން ވާނެ ކަމަށް ބުނަމުންނެވެ. ބައްޕަ ވެސް އޮތީ ވަރަށް ބަލިވެފައި ކަމުން އެބަހާ ދެކޮޅު ހަދާހާ ހިއްވަރެއް ބައްޕަގެ ކިބައިގައި އެވަގުތު ނެތީއެވެ.
މިޔާގޮވައިގެން ބޮޑުދައިތަ ފުރައިގެން ދިޔައީ އެހެން ސިޓީ އަކަށެވެ. އެއަށްފަހު ބައްޕަޔަށް ދަރިފުޅު ވެސް ގެއްލުނީއެވެ. މާޒީ ގެއްލުނު ފަދައިންނެވެ.
މާޒީއެއީ އެއްވެސް މީހަކަށް އަނބުރާ ގެނެވޭނެ އެއްޗެއްނޫނެވެ. އެހެން ނަމަވެސް ހެއްދެވި ފަރާތުން މިވަނީ އޭގެ ދެބަފައިންނަށް ހަދިޔާއެއް ދީފައެވެ.އެއީ އެކުގައި އުޅުމަށް ދެވަނަ ޗާންސެކެވެ.
މިޔާ އާއި އޭނާގެ ބައްޕަ ވަރަށް އުފަލުން އަވަސް އަވަހަށް ބޮޑުދައިތަ ކައިރިޔަށް ގޮސް ދިމާވި ކަންތައް ތަކުގެ ވާހަކަ ކިޔާދިނެވެ. މިވާހަކަތައް އަހައި ބޮޑުދައިތަވެސް ހުރީ ވަރަށް އުފަލުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް