މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލޭން ފުރައިގެން ދަތުރުކުރަމުންދިޔަ ”ނަޞްރު“ ބޯޓު މިއަދު ފެތިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި ބޯޓު ފެތިފައިވަނީ ކ. ކާށިދޫއާ ޅ އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ.
ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީން ކަމަށާއި، އެމީހުން ކޯސްޓް ގާޑުން ވަނީ ޅ. ނައިފަރަށް ގެންގޮސްފައި ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން އެ ޚިދުމަތުން ބަލަމުން އަންނައިރު، ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާހިނގައިދާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާބެހޭ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން ދަތުރުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.