ބަންގްލާދޭޝް ގެ ގާމެންޓް ފެކްޓަރީ އެއްގައި އަލިފާންރޯވެ ހިނގި ހާދިސާ އެއްގައި އެތަނުގައި މަސައްކަތްކުރާ 16 މީހުން މަރުވެއްޖެއެވެ. އަދި މިއަދަދު މައްޗަށް ހިނގައިދާނެ ކަމުގެ ބިރުވެސް އެބައޮތްކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ. ރޯވި ފެކްޓަރީން 16 ހަށިގަނޑު ފެނިފައިވާ ކަމަށާ ކޮންބައެއްކަން ސާފުނުވާވަރަށް ހަށިތައް އަނދާފައިވާތީ ޑީއެންއޭ ހެދުމަށްފަހު ހަށިތައް އާއިލާތަކާ ހަވާލުކުރާނެ ކަމަށް ފަޔާ ސާރވިސް އިން ބުނެފައި ވެއެވެ.
ޑާކާގެ މީރުޕޫރު ސަރަހައްދުގައި ހުންނަ ހަތަރު ފަންގިފިލާގެ ފެކްޓަރީގައި އަންގާރަ ދުވަހު ހިނގި ހާދިސާއަށް ފަހު އެތާމަސައްކަތް ކުރާމީހުންގެ އާއިލާ ތަކުން ވަނީ އެހިސާބަށް އެއްވެފައެވެ.މެންދުރެއް ހާއިރު ރޯވި އަލިފާންގަނޑު ނިވާލެވިފައިވަނީ ތިންގަޑިއިރު ފަހުންނެވެ.ގާމްންޓް ފެކްޓަރީ އާއި ޖެހިގެން ހުރީ ޗެމިކަލް ގުދަނެއްކަމުން އެތަނުގައިވެސް ވަނީ ރޯވެފައެވެ. އަދި ރޭގަނޑު 9 ޖެހިއިރުވެސް އެތަނުގައި ރޯވި އަލިފާން ނިވާނުލެވޭ ކަމަށް ޚަބަރު ލިބެއެވެ. މިތަނުގައި ގިނައިން ހުރީ ބްލީޗް ޕައުޑަރާ ޕްލާސްޓިކް ފުޅި އަދި ހައިޑްރޮޖަން ޕެރޮކްސައިޑް ފަދަ ފަސޭހައިން ރޯވާ ބާވަތްތަކެވެ.
މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ފުރަތަމަ ރޯވީ ގާމެންޓް ފެކްޓަރީ ގައި ކަމެއް ނުވަތަ ކެމިކަލް ގުދަނުގައި ކަމެއް ސާފެއް ނުވެއެވެ.
ފަޔާ ސާވިސަސްގެ ޑިރެކްޓަރ ބުނެފައިވާ ގޮތުގައި މަރުވި މީހުން މަރުވެފައިވާ ކަމަށް ބެލެވެނީ ވިހަ ގޭސް އެތެރެވުމުގެ ސަބަބުން ވަގުތުންނެވެ. އެއީ ވައިބޭރު ކުރަން ހުންނަ ތަންތަންވެސް ބަންދު ކޮށްފައި ހުރުމުގެ ސަބަބުންނެވެ.
މި ގޮތަށް އަލިފާނުގެ ހާދިސާތަކުގައި މީހުން މަރުވުމަކީ ބަންގްލާދޭޝްގައި އާންމު ކަމެކެވެ.