ެއެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ދެކޮޅުވެރިކަން

Loading

Facebook
Twitter
WhatsApp

ޗައިނާގެ އުފެއްދުންތަކުގައި އެ ގައުމުން ލިބޭ މައުދަން އެކުލެވޭ ޚާއްސަ ވެލި ހިމެނޭ ނިސްބަތް 0.1 އިންސައްތައަށްވުރެން އިތުރުވާނަމަ މި އަހަރު ޑިސެމްބަރ 1 އިން ފެށިގެން އެ ފަދަ އުފެއްދުންތަކާއި ޗައިނާގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން އުފައްދާތަކެތި ޗައިނާއިން ބޭރުކުރުމަށްޓަކައި ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެކަން ވިޔަފާރިއާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ.


ޗައިނާގެ މި ނިންމުމާގުޅިގެން އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކުން %100 ޓެކްސް ނެގުމަށާއި އަދި އެމެރިކާގެ ސޯފްޓް ވެއަރ އުފެއްނުތައް ޗައިނާއަށް އެކްސްޕޯރޓް ކުރުން މަދުކުރުމަށް ރައީސް ޓްރަމްޕް ނިންމަވައިފިއެވެ.
ޗައިނާގެ މި ނިންމުމުގައި ހިމެނޭ މައިގަނޑު ނުކުތާތަކަށް ފަރުވާކުޑަކޮށްލައިގެން ނުވާނެކަމަށާއި ޗައިނާއިން އިއުލާންކުރި މިސިޔާސަތުގެ ސަބަބުން ދުނިޔޭގެ އެއްވެސް ގައުމަކުން މިނިވަންކަމާއެކު އިގްތިސާދު ޒަމާނާ އެއްގޮތަށް ބައްޓަން ކުރަމުން ނުގެންދެވޭނެ ކަމަށް ވައިޓް ހައުސްގެ ސައިންސާއި ޓެކްނޯލޮޖީގެ ކުރީގެ އިސް މުޝީރު ޑީން ބޯލް، ވަނީ އެކްސް ގައި ހާމަކޮށްފައެވެ. ޗައިނާގެ ނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް އިއުލާންކުރައްވާފައިވާ ނިންމުމުގެ ސަބަބުން އެމެރިކާއިން ވަރަށްގިނަ ހުރަސްތައް ގިރާކުރަން ޖެހޭނެކަމަށްވެސް އޭނާ އިތުރަށް ބުނެފައި ވެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ދިފާއީ ބޭނުންތަކާއި އަދި އެއްގަމު އުޅަނދުފަހަރު އުފެއްދުމުގައި ބޭނުންކުރާ ޚާއްސަ ދަގަތްފާނުގެ ބާވަތްތަކާއި މައުދަން ހިމެނޭ ވެލީގެ %90 އުފައްދަނީ ޗައިނާގައެވެ. ޗައިނާއިން އެކަންތައް ކާމިޔާކޮށްފައިވަނީ ކުރިއްސުރެން އެކަމަށްތައްޔާރުވެ ރޭވުންތެރިކަމާއެކު ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެހެން ގައުމުތަކުން މިކަންތައް ކުރަން ވަގުތު ބޭނުންވާނެއެވެ.
ޗައިނާއިން އެ ބާވަތްތައް އެކްސްޕޯރޓްކުރުން ކޮންޓްރޯލް ކުރުމާއެކު އެމެރިކާގައި އެއްގަމު އުޅަނދުފަހަރު އުފައްދާ ކުންފުނިތައް ދިޔައީ ދެ ފައިގެ ވާގި ނެތެމުންނެވެ. އެއަށްފަހު އެމެރިކާގެ ކުންފުނިތަކުން ޗައިނާއާއެކު ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ޗައިނާއިން އޮތީ ކޮންމެވެސް ވަރެއްގެ ލުޔެއް ދީފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ޗައިނާއާދެކޮޅަށް އަޅުއްވަމުންގެންދަވާ ވިޔަފާރީގެ ހަރުކަށި ފިޔަވަޅުތަކުގެ ނަތީޖާއަކަށް ވެގެން އެ ދިޔައީ ޗައިނާއިން އެބާވަތުގެ މައުދަން އެކްސްޕޯރޓްކުރުން ގާތްގަނޑަކަށް މަނާ ކުރުމެވެ.
އެމެރިކާއާއި ޗައިނާގެ ދެކޮޅުވެރިކަމަށް ބަލާއިރު އެ ދެ ގައުމުގެ ވިޔަފާރިއާ ބެހޭގޮތުން ރައީސް ޓްރަމްޕް އާއި ރައީސް ޝީ ޖިންޕިންގެ މި މަހު ފަހުކޮޅު ބައްދަލުކުރެއްވުމުން ހެޔޮ ނަތީޖާއެއް ފެނިދާނެކަމަށް ޝައްކު ކުރެވެއެވެ.
ބްރޫކްލިން އިންސްޓިޓިއުޝަންގެ ސީނިއަރ ފެލޯ އިކޮނޮމިސްޓް ރޮބިން ބްރޫކްސް ދެކޭގޮތުގައި ރައީސް ޓްރަމްޕް ޗައިނާއާ ދެކޮޅަށް އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ ގެއްލުން އެމެރިކާއަށް ކުރާނެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާކިޔާއިރު މިއަހަރު ސެޕްޓެމްބަރ މަހު ޗައިނާއިން އެމެރިކާއަށް އެތެރެކުރި މުދަލުގެ ބާވަތްތައް %27 އަށް ވަނީ ދަށްވެފައެވެ. އެހެންނަމަވެސް ދުނިޔޭގެ ބާޒާރަށް ނެރެވުނު ޗައިނާގެ މުދާ ވަނީ އިތުރު ވެފައެވެ. ކަސްޓަމްގެ ހިސާބު ތަކަށް ބަލާއިރު ތަޖްރިބާކާރުންގެ އަންދާޒާއަށް ވުރެން ޗައިނާއިން ދުނިޔޭގެ ބާޒާރަށް ނެރުނު މުދާ މިދިޔަ އަހަރަށް ވުރެން %8.3 އިތުރު ވެފައިވާ ކަމަށާއި އަގުގެ ނިސްބަތުން އެއީ 328.5 ބިލިއަން ޑޮލަރ ކަމަށް އެސޯޝިއޭޓެޑް ޕްރެސް ހޮންކޮންގުން ބުނެފައިވެއެވެ.
މިދިޔަ ސެޕްޓެމްބަރމަހު ޗައިނާއިން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި އަދި އެފްރިކާގެ ގައުމުތަކަށް ފޮނުވި ޝިޕްމެންޓްތައް %15 އަށް އިތުރު ވެފައިވާއިރު ލެޓިން އެމެރިކާގެ ގައުމުތަކަށް ފޮނުވި އަދަދު ވަނީ %56 އަށް އިތުރު ވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް