މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް)ގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ގެއްލުނު 1360 ކޭސް ސިނގިރޭޓުގެ މައްސަލާގައި 4 މީހަކު ހައްޔަރުކޮށްފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ޖުމުލަ 12 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައި ވާކަމަށާއި، ބައެއް ތަންތަނާއި އުޅަނދުތައް ބަލައިފާސްކޮށްފައި ވާކަމަށެވެ.
ހައްޔަރުކޮށްފައިވަނީ މި ކަން ރާވައި ހިނގުމުގައި އެންމެ އިސްކޮށް އުޅުނު މީހުން ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ބުނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިންނާއި، ކަސްޓަމްސްގެ އިސް މުވައްޒަފަކު ހިމެނޭކަމަށް، ފުލުހުންގެ ޚިދުމަތުން ވަނީ މަޢުލޫމާތުދީފައެވެ.
މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ކަމަށާއި، ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން އިތުރު މަޢުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.