ޕޭޕަލް އާއިއެކު ދިވެހިރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން، ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ތަޢާރަފު ކުރަން ހަމަޖެހިއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ތަރައްޤީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައި އެއް ލަނޑުދަނޑި ހާޞިލްވުން ކަމަށެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި އަލަށް ފަށާ މި މުހިންމު ޚިދުމަތަކީ، ފައިސާގެ މުއާމަލާތްތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތަޢާރަފުކުރުމާއި، ރާއްޖޭގައި ބޭނުންކުރަމުންދާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ޚިދުމަތްތައް ރާއްޖެއިން ލިބޭނެ ގޮތަށް މަގުފަހި ކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
“މިފަދަ ޚިދުމަތްތައް ޤައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގިނަކަމާއި، ފަންނީ އަދި މާލީ މިފަދަ ޒަމާނީ މުޢާމަލާތްތައް ކުރުމުގައި ރާއްޖެފަދަ ޤައުމުތަކަށް ޒަމާނުއްސުރެ ކުރިމަތިވެފައި ހުރި ދަތިތަކުން އަރައިގަނެ، މިފަދަ ބައިނަލްއަޤްވާމީ ޚިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް ސަރުކާރުން ވަނީ ނުހަނު ބޮޑު އިސްކަމެއްދީ، އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވެ، އެ ހުރަސްތައް ކަޑަތުކޮށްފައި“ މިނިސްޓްރީން ބުނެފައި ވެެއެވެ.
މި ޚިދުމަތް ތައާރަފުކުރުމަށްޓަކައި ޕޭޕަލް އަދި ކަމާ ގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައިކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
“އެހެންކަމުން، ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެންދިއުމަކީ، މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި، އަދި އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދޭނެ ފަދަ މާލީ މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.