މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ރާއްޖެއިން މަސް ބޭރު ކުރި މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 90.3 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %90.3 އިތުރުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެމްއެމްއޭގެ ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް ރާއްޖެއިން ޖުމްލަ 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 30,125 މެޓްރިކް ޓަނުގެ މަހެވެ.
މި އަހަރު އެކްސްޕޯޓް ކުރި މިންވަރު މިދިޔަ އަހަރަށްވުރެ %90.3 އިތުރުވެފައިވާއިރު، މިއީ މަސްވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.
ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައި ވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓް ކޮށްފައިވަނީ 24,980 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން ތާޒާ، ފިނިކުރި ކަނޑުމަސް އެކްސްޕޯޓް ކުރި މިންވަރު %106.7 ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 1,118.8 މެޓްރިކް ޓަނުގެ ޕްރޮސެސްކުރި މަސް އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 679.2 މެޓްރިކް ޓަނުގެ މަހެވެ. މިއީ %64.7 އިތުރުވުމެކެވެ.