އަރަބިގައުމުތަކުންވެސް އެމެރިކާގެ އެއްބަސްވުމަށް ތާއީދުކޮށް ހަމާސްގެ ފިޔަތައް ކޮށާލައިފި

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދިޔަ ގަތުލު އާންމު ހުއްޓުވޭނެ މަގެއް ނުހޯދި 2 އަހަރު ވެގެން ދިޔައިރު ގިނަ ހުށައެޅުންތަކަކާއި ގަރާރުތަކެއް ފާސްވެގެން ދިޔަތަން ފެނުނެވެ. އެކަމުގައި އިސްކޮށް އުޅުނީ ހަމަ އެއް ބައެކެވެ. އެކަމަކު ނެރެވުނު ރަނގަޅު ނަތީޖާއެއް ނުފެނުނެވެ. ދެން މި ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ.

 އިސްރާއީލުން ގަތަރަށް ހަމަލާ ދިނުމާއި ޔުނައިޓެޑް ނޭޝަންސްގައި ޔޫރަޕުގެ ބައެއް ގައުމުތަކުން ފަލސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް އިއުތިރާފް ވުމެވެ. އަދި އެންމެ ފަހުން ޔުނައިޓެޑް ނޭޝަންސްގައި ނެގި ވޯޓުގައި އީރާނުން ބައިވެރި ނުވުމުން އިސްރާއީލުގެ ބާރުގެ ދަށުގައި ހިންގާ މީޑިއާތަކުން އީރާނުގެ އިޚްލާސްތެރިކަމާ ދޭތެރޭ ތުހުމަތުގެ އިނގިލި ދިއްކުރަން ފެށީއެވެ. ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ ދައުލަތަކާ އެކުގައިވިޔަސް އިސްރާއީލުގެ ދައުލަތެއް އޮތުމަށް އީރާނުން އެއްބަސް ނުވާނެކަން މުޅި ދުނިޔެއަށްވެސް އެނގެއެވެ.  

އެންމެ ފަހުން އީރާނު އެކަހެރި ކުރުމަށްފަހު އެހެން އަރަބި ގައުމުތަކުން އެމެރިކާ ބޭނުންވާގޮތަށް ކުޅިބައި ރާވާލީއެވެ. ބޭނުންވީ މިއަދު ނޫނީ މާދަމާ ބޭނުންކުރަންވެސް އީރާން އެކަހެރި ކުރުމެވެ. މުސްތަގްބަލްގައި އިސްރާއީލުން އީރާނަށް ދީފާނެ ހަމަލާތަކުގައި އަރަބި ގައުމުތަކުގެ ހަމަހިމޭންކަން އަތުލައިގަތުމެވެ. އަރަބި ގައުމުތަކުގެ އިޚްލާސްތެރިކަން ހަމާސްއަށް ވިސްނައިދީގެ އީރާން އެކަހެރިކުރެވޭނެ ގޮތްތަކެއް ހޯދުމަށްޓަކައި އެމެރިކާއާއި އިސްރާއީލުން ކުރަމުން ގެންދިޔަމަސައްކަތް ކޮންމެވެސް މިންވަރަކަށް ކާމިޔާބެއް ލިބުނީކަމަށް ބެލެއެވެ.                   

ރައީސް ޓްރަމްޕް އެކުލަވާލި 20 ނުކުތާގެ އެއްބަސްވުން ތަންފީޒު ކުރުމުގެ ފުރުސަތު ހަމާސް އިން ފަހިކޮށް ނުދީފިނަމަ ދެން ނަޔަންޔާހޫ އަންނާނީ ޓްރަމްޕްގެ ފުރިހަމަ ބައިވެރިވުމާއެކު ގައްޒާގައި ބާކީ ހުރި ސަރަހައްދުތައްވެސް ވީރާނާ ކޮށްލަންކަމަށާއި އަދި އޭރުން ޔޫރަޕް އާއި އެހެން ގައުމުތަކުންވެސް ހަމާސްއަށް މާބޮޑަށް ނަފްރަތު ކުރާނެކަން އަރަބި ލީޑަރުން ގެންދަނީ ހަމާސްގެ ލީޑަރުންނަށް ވިސްނާދޭން ގަދަޔަށް މަސައްކަތް ކުރަމުންނެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ހަމާސްގެ އެއްބާރުލުން ލިބެމުންދަނިކޮށް އިސްރާއީލުން އެއްބަސްވުމާ ކުރިންވެސް ދެފަހަރެއްގެ މަތީން ޚިލާފްވެފައި ވުމުން ބައިނަލް އަގްވާމީ ނުރުހުން އިސްރާއީލަށް އިތުރުވެގެންދާން ގޮސްފިކަމަށެވެ. މިފަދަ ސަބަބު ތަކަށްޓަކައި ރަޙީނުން ވީހާވެސް އަވަހަކަށް ދޫލޮށްލުމަށް އެބޭފުޅުން ގެންދެވީ ބާރު އަޅުއްވަމުންނެވެ.             

އެންމެ ފަހުގެ ޚަބަރުތަކުން އެނގިފައިވާ ގޮތުގައި މިހާތަށް ވިއްސަކަށް ރަހީނުން ވަނީ މިނިވަން ކޮށްފައެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 250 މީހުންގެ ތެރެއިން 154 މީހަކު ވަނީ ފާޑަކަށް މިނިވަން ކޮށްފައެވެ. އެއީ އެމީހުން ފަލަސްތީނަށް ދިއުން މަނާކޮށްފައެވެ. އެމީހުން ރެފިއުޖީންގެ ގޮތުގައި އަރުވާލާނެ ވަކި ގައުމެއް މިހާތަނަށް ކަނޑައަޅާ ފައެއް ނުވެއެވެ. މީގެ ކުރިން އެގޮތަށް މިނިވަންކުރި މީހުން އަރުވާލާފައިވަނީ ޓިއުނީޝިޔާ އަށާއި އަލްޖީރިއާ އަށެވެ. ނަމަވެސް މިހާރު އެމީހުނަށް ގާޒާގެ ބައެއް ސަރަޙައްދު ތަކުގައި އުޅެވިދާނެ ކަމުގެވާހަކަ ރައީސް ޓްރަމްޕް އެބަވިދާޅުވެއެވެ. ޓުރަމްޕަކީ އަޖައިބެއްފަދަ ބޭފުޅެކެވެ. ހެދު ވިދާޅުވެ ނިންމަވާ ނިންމުން ރޭގަނޑު އަވަަހާރަފުޅު ނެންގެވުމުގެ ކުރިން ބަދަލުކޮށްލައިފާ އެބަހުށްޓެވެ. ވީމާ ޓްރަމްޕްގެ މި 20 ޕޮއިންޓްގެ ޕްލޭން އެމެރީކާ ދިފާޢުކޮށްދޭ ޢަރަބި ވެރީންލައްވާ ސޮއިކުރެއްވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ކިހާދުވަހަށް އެއްބަސްވުމާއި އެއްގޮތަށް އިސްރާޢީލުން ޢަމަލުކޮށްފާނެކަމީ އުފެދިފައިވާ އެންމެބޮޑު ސުވާލެވެ! އެހެނީ އިސްރާޢީލުން ހިންގާ ހުރިހާ ޖަރީމާގެ މަދަދުގާރަކީ ޚޮދު ޓުރަމްޕް ކަމުގައި ވާތީއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ބާކީ ތިބި ސަތޭކައެއްހާ ފަލަސްތީނީންގެ އިތުރުން ގައްޒާއިން އުފުރާލާއިގެ ގެންދިޔަ ދޮޅުހާހަށްވުރެން ގިނަ މީހުން އަދިވެސް ތިބީ ހުރަގޭގައެވެ. އަޅުގަނޑުމެން މިތަނުގައި ހުރަގެއޭ މި ބުނީ އެ ތަނަކީ ޖަލަށްވުރެން އެތައްގުނައަށް އަނިޔާވެރި ތަނަކަށް ވީމައެވެ. އެމީހުންގެ ތެރެއިންވެސް ގިނަ ބަޔަކު ދޫކޮސްލެވޭނެ ކަމަށް މިޔަދު ބުނެފައިވެއެވެ.

ރައީސް ޓްރަމްޕްގެ އެގްރީމެންޓުގައި ބުނެފައިވާގޮތުން ހަމާސްއަށް ޖެހޭނީ ހަތިޔާރު ބަހައްޓާށެވެ. އަދި އަލަށް އެކުލަވާލެވޭ ވަގުތީ ސަރުކާރުގައި ހަމާސްއަށް ބައިވެރި ނުވެވޭނެއެވެ. ފަލަސްތީނުގެ ސަލާމަތާބެހޭ ކަންތައްވެސް ބަލަހައްޓަމުން ގެންދާނ އޭނާގެ އިރުޝާދުގެ ދަށުން އިސްރާއީލުންނެވެ. މި ހާލަތުގައި ހަމާސްއަށް އޮތީ މިވަގުތަށް ގޮތް ހުސްވެފާކަމަށް ބެލެވެއެވެ. އާރެއް ބާރެއްނެތް އަރަބި ދެއްކުންތެރި މުނާފިގު ގޮތްގަނޑުބޮޑު ގައުމުތަކުގެ ވެރީންގެބަސް ގަބޫލުކުރުން ނޫން އެހެން ގޮތެއް ނެތެވެ. 

ގަތަރުގެ ބޮޑުވަޒީރާއި ތުރުކީގެ އިންޓެލިޖެންސްގެ އިސްވެރިޔާގެ ފިއްތުންތަކާހުރެ ހަމާސްއިންއެވަނީ ރައީސް ޓްރަމްޕްގެ އެއްބަސްވުން ގަބޫލުކޮށްފައެވެ. ހަމާސްގެ އިސްވެރިންތަކަކާއި ތަޖްރިބާކާރު ގިނަ މުޖާހިދުން ތަކެއްވަނީ ޝަހީދު ކޮށްލެވިފައެވެ. އިސްރާއީލއާއި އެމެރިކާ އަދި މިހާރު އަރަބި ގައުމުތައްވެސް އެއްގަލަކަށް އަރާތިބި ވަގުތުގައި ފަލަސްތީނުގެ ބާރުގަދަ ގަބީލާތަކުންވެސް ހަމާސްއާ ދެކޮޅަށް ފުރުސަތުގެ ބޭނުން ހިފަމުން ގެންދިއުމުގެ ސަބަބުން ދާޚިލީ ދެކޮޅުވެރިކަމެއް ފެށި އިއްޔެ އެކަނިވެސް ތިރީހަކަށް މީހުން ވަނީ މަރާލާފައެވެ. އެއް މުސްލިމް އަނެއް މުސްލިމް މަރަމުން ގެންދިއުމަށް ޝަހީދުކޮށްލުމޭ ބުނާލަށް ބޭނުން ނުވީއެވެ.

މުޅިދުނިޔޭގެ މެޖޯރެޓީއާއި ދެކޮޅަށް މިހިންގަމުން ދާ ފަލަސްތީނުޖަރީމާއަށް އެންމެބޮޑަށް ހަރިޔާރާއި ބޭނުންހާ މަދަދެއް ދެމުންގެންދާ ރައީސް ޓްރަމްޕްގެ މި އެއްބަސްވުމާއި އެއްގޮތަށް މެދުއިރުމައްޗަށް ސުލްޙަ ނުލިބޭނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.              

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް